ހއ. އަތޮޅު ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތުމަތް ފޯރުކޮށް ދިނުމުގައި، ކިއު ނަންބަރު ދޫކުރާ އުސޫލަށް ބަދަލު ގެނެސްފިއެވެ.
އެ ހޮސްޕިޓަލުން ހާމަކުރަށްވާފައިވާ ގޮތުގައި، މި ބަދަލު ގެނެސްފައި ވަނީ އިއްޔެއިން ފެށިގެންނެވެ.
މިގޮތުން މި ގެނެވުނު ބަދަލުގެ ދަށުން ކިއު ނަންބަރު ދޫކުރަން ފަށާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 6:45 ގައެވެ. އަދި މެމޯ ހެއްދުމުގެ ޚިދުމަތް ދޭނީ ހެނދުނު 7:00 އިން 11:30 އަށެވެ.
މީގެ އިތުރުން ކެންސަލްވާ ނަންބަރުތަކަށް ކިޔު ނަންބަރު ދޫކުރާނީ ހެނދުނު 11:30 ގައެވެ. އަދި ކެންސަލް މެމޯ ހައްދައި ދޭން ފަށާނީ ވެސް ހެނދުނު 11:30 ގައެވެ.
ހއ. އަތޮޅު ހޮސްޕިޓަލުން އެ ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތުމަތް ފޯރުކޮށް ދިނުމުގައި، ކިއު ނަންބަރު ދޫކުރާ އުސޫލަށް މިގެނައި ބަދަލާއި ގުޅިގެން އެ ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް ''ތިލަދުން''އަށް ވިދާޅުވީ، މި ބަދަލަކީ ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން ގެނެވުނު ބަދަލެއް ކަމަށެވެ.
''އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ވީހާވެސް ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތްތަކަށް މި ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށް ދެވޭތޯ، މިގޮތުން ގެނެވުނު ބަދަލެއް އެއީ، އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންނަށް އިތުރަށް ލުއިފަސޭހަވާނެ ގޮތްތަކަށް ގެނެވެން ހުރި ބަދަލުތައް ގެންނަމުން ދާނަން''
އުޘްމާން އަޝްރަފް ވިދާޅުވިއެވެ.
17،389 މީހުންގެ އާބާދީއެއް އޮންނަ ހއ. އަތޮޅުގެ، އަތޮޅު ހޮސްޕިޓަލުން 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ ހޮސްޕިޓަލުން ހާމަކޮށްފައިވާ، އެމަހުގެ ކުރިއަށް ހިނގި އެ ހޮސްޕިޓަލްގެ 11 މަސް ދުވަހުގެ ތަފާސް ހިސާބު ދައްކާގޮތުން އެ މުއްދަތުގެ ތެރޭގައި އެ ހޮސްޕިޓަލުން އައުޓް ޕޭޝަންޓުންގެ ގޮތުގައި 28214 ބަލިމީހުން ވަނީ ޚިދުމަތް ހޯދާފައެވެ.
ލެބޯޓްރީގެ ޚިދުމަތް 94969 މީހުން ހޯދާފައިވާ އިރު އެކްސް-ރޭ ނަގާފައިވަނީ 2864 ބަލިމީހުންނެވެ. އަދި ބަނޑުގައިވާ ދަރިފުޅުގެ ޙާލު ދެނެގަންނަ ސްކޭން 2022 މާބަނޑު މީހުން ހޯދާފައިވާ އިރު، ފިޒިއޯތެރަޕީގެ ޚިދުމަތް ލިބިގަނެފައިވަނީ 2910 މީހުންނެވެ.
އިން ޕޭޝަންޓުންގެ ގޮތުގައި ހޮސްޕިޓަލުގައި އޮބްސަވޭޝަންއަށް 604 ފަރާތަކުން އެޑްމިޓް ކޮށްފައިވާ އިރު، އިތުރު ފަރުވާ އަށް 480 ބަލިމީހުންވަނީ ވޭތިވެދިޔަ 11 މަސް ދުވަހުގެ ތެރޭގައި އެޑްމިޓްކޮށްފައެވެ. މީގެ ތެރޭގައި ކުދި ފެޅުން ތަކުގައި 75 ފަރާތެއް ޚިދުމަތް ހޯދާފައިވާ ކަންވެސް ފާހަގަކޮށްލެވެއެވެ. އަދި 163 ކުޑަކުދިންވެސް ވަނީ އިން ޕޭޝަންޓުންގެ ގޮތުގައި ހޮސްޕިޓަލުން ފަރުވާ ދީފައެވެ.
މާބަނޑު މީހުންގެ ތެރެއިން 48 އަންހެނުން ވިހާފައިވާއިރު، ސިޒޭރިއަން ހަދާފައިވަނީ 93 މީހެކެވެ. އަދި ކިޑްނީ ޑަޔަލިސިސްގެ ފަރުވާ 720 ފަހަރު ހޯދާފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އެ ހޮސްޕިޓަލުން އިތުރު ފަރުވާ އަށް އެ 11 މަސް ދުވަހު 41 ބަލިމީހުން މާލެ ފޮނުވާފައި ވާއިރު، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލާފައިވަނީ 40 މީހުންނެވެ. އަދި ހާލު ދެރަވެގެން އެ ހޮސްޕިޓަލުން އައިސީޔޫގައި ފަރުވާ ދީފައިވަނީ 34 ބަލިމީހުންނަށެވެ.
އެ މުއްދަތުގެ ތެރޭގައި ހއ. އަތޮޅު ހޮސްޕިޓަލްގައި 128 މުއައްޒަފުން މަސައްކަތް ކޮށްފަވެއެވެ. އޭގެ ތެރޭގައި 15 މެޑިކަލް ޑޮކްޓަރުންނާއި 32 ނަރުހުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!