މާލޭ ސިޓީގެ ހުޅުމާލޭގެ މިސްކިތެއްގައި އިންި ދޮށީ އުމުރުގެ ދިވެއްސަކަށް ހަމަލާދީ މާރާމާރީ ހިންގިކަމަށް ބުނާ އިންޑިއާ މީހާގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.
ހުޅުމާލޭ އަޒީޒާ މިސްކިތުގައި އިން ދޮށީ އުމުރު މީހެއް މިސްކިތުން ނެރެން މަސައްކަތްކޮށް، އިންޑިއާ މީހަކު އޭނާއާއި މެދު މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލަ ފެންމަތިވީ އިއްޔެ ހަވީރު އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އިންޑިއާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތައް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އެހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ގޮތުން އިންޑިއާ މީހާ ވަނީ މިސްކިތް ތެރޭ އިން ދޮށީ އުމުރު މީހާގެ ގައިން ނުބައި ވަސް ދުވާކަމަށް ބުނެ، އޭނާ މިސްކިތުން ނެރެ، މާރާމާރީ ހިންގާފަ އެވެ.
އެ މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު، އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އެހާދިސާއާއި ގުޅިގެން ބައެއް ފަރާތްތަކުން ބުނެފައި ވަނީ މާރާމާރީ ހިންގި އިންޑިއާގެ އެ މީހާއަކީ މަސްތުވެގެން ގޮސް މިސްކިތަށް އެރި މީހެއް ކަމަށެވެ. މީގެ ކުރިން ވެސް ވަނީ މަސްތުވެގެން ހުރި އިންޑިޔާގެ ޑަކްޓަރަކު އިސްލާމް ދީނަށާއި، ރަސޫލާއަށް ފުރައްސާރަކުރާ ވީޑިއޯއެއް އާންމުވެ، މަސަލައެއް ފެންމަތިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!