އެކުވެނި އައުޓްޑޯ ސިންތެޓިކް ޓްރެކް ޒަމާނީ ފެންވަރަށް ހެދުމަށްފަހު 17 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހު އާންމުކޮށް ހުޅުވައިލާނެ ކަމުގައި މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހުމަދު މަޙުލޫފް ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވައި އެ މަނިކުފާނު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ މި މަހު 17 ވަނަ ދުވަހު ސިންތެޓިކް ޓްރެކް އާންމުކޮށް ހުޅުވައިލާނެ ކަމަށެވެ. އެތަން ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހަކު ވެސް ފަތިހު 05:00 އިން ފެށިގެން ހެނދުނު 08:00 އަށެވެ. އަދި އިރުއޮއްސި 06:00 އިން ދަންވަރު 00:00 އަށެވެ.
އަލަށް އެ ޓްރެކް ހުޅުވައިލާއިރު އެތަން ބޭނުން ކުރާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް ވެސް އެ މަނިކުފާނު ވަނީ ހިއްސާ ކުރައްވާފައެވެ. މިގޮތުން ޓްރެކްގައި ފުޓްބޯޅަ ބޫޓާއި ޓްރެއިނިން ބޫޓް ބޭނުން ނުކުރުމަށާއި އަދި ބަރު އުފުލާ ސާމާނު އެތަނުގައި ބޭނުން ނުކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ. މީގެ އިތުރުން ޓްރެކަށް ކާބޯތަކެތި ވެއްދުމަކީ ވެސް މަނާ ކަމެއް ގޮތުގައިވަނީ ކަނޑަ އަޅުއްވާފައެވެ.
މި ޓްރެކްގައި ޖުމްލަ 9 ލޭން ހިމެނޭއިރު މި ލޭންތައް ބޭނުން ކުރުމަށް ހަމަޖެހިފައިވާ އުސޫލްތައް ވެސް އެ ޓްވީޓްގައި ވަނީ ހިއްސާ ކުރައްވާފައެވެ. ލޭން 1 އިން 3 އާއިހަމައަށް ވާ ލޭންތައް ޚާއްސަކޮށްފައިވަނީ އެތްލެޓިކްސް އެސޯސިއޭޝަންއަށެވެ. ލޭން 4 އިން 7އަށް ވާ ލޭންތައް ދިގު ދުވުން ދުވާ ދުވުންތެރިންނަށް ޚާއްސަކޮށްފައިވާއިރު، ލޭން 8 އަދި 9 ޙާއްސަކޮށްފައިވަނީ ޖޮގިން އަދި ހިނގާ މީހުންނަށެވެ.
އެކުވެނި ޓްރެކްއަކީ މީގެ ކުރިން އެކި ފަރާތްތަކުން ކަސްރަތު ކްލާސްތަކާއި ބޫޓް ކޭމްޕްތައް ގިނަ އަދަދަކަށް ކުރިއަށްގެންދިޔަ ސަރަހައްދެއް ނަމަވެސް މިގެނައި ބަދަލާއެކު ސިންތެޓިކް ޓްރެކްގައި މިފަދަ ހަރަކާތެއް ދެން ކުރިއަށް ނުގެންދެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!