ސްޕެނިޝް ސްޕަ ކަޕްގެ ފައިނަލުގެ ދެވަނަ ޖާގަ، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކަޓުވާލުމަށް ފަހު އެތުލެޓިކް ބިލްބާއޯއިން ހޯދައިފިއެވެ.
ބުރާސްފަތި ދުވަހުގެރޭ ކުޅުނު މި މުބާރާތުގެ ސެމީފައިނަލުގެ ދެވަނަ މެޗުގައި ބިލްބާއޯއިން ރެއާލްގެ މައްޗަށް ކުރިހޯދާފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައިވަނީ ރެއާލް ސޮސައިޑާޑް ބަލިކުރުމަށް ފަހު، މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކަމުގައިވާ ބާސެލޯނާއިންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލްގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައިނުވާއިރު ބިލްބާއޯއިން ވަނީ ފުރަތަމަ ހާފުގެ ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު މެޗުގެ 18 ވަނަ މިނެޓުގައި ޑެނިއަލް ގާސިއާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްފައިވަނީ އެ ޓީމްގެ ސްޕެއިން ފޯވާޑް ރައުލް ގާސިއާއެވެ. ބިލްބާއޯ އިން ކާމިޔާބު ކުރި ދެވަނަ ލަނޑު 38 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައިވަނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ރައުލް ގާސިއާއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ދެ ލަނޑުން ބިލްބާއޯ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައު ރެއާލުން ވަނީ ޓީމް ކުރިއަށް ޖައްސައި ލަނޑު ޖަހަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. އެގޮތުން އެ ޓީމުން މެޗުގައި ކާމިޔާބު ކުރި ހަމަ އެކަނި ލަނޑު 73 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ފްރާންސް ފޯވާޑް ކަރީމް ބެންޒެމާއެވެ.
ބިލްބާއޯގެ މިހާރުގެ ކޯޗް މާސެލީނޯ ގާސީއާއަށް ވެސް ބާސާ އާ ދެކޮލަށް ކުޅޭ ފައިނަލު މެޗު ހާއްސަ ވާނެ އެވެ. އޭނާ ވަނީ ސްޕެނިޝް ކަޕްގައި 2019 ވަނަ އަހަރު ބާސާ ބަލިކޮށް އޭނާގެ ކުރީގެ ކުލަބު ވެލެންސިއާ އަށް ތަށި ހޯދައިދީފައެވެ.
ބާސެލޯނާއާއި ބިލްބާއޯ ބައްދަލު ކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!