ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ހިންގާ މަޝްރޫޢު ތަކުގައި، ކުންފުންޏާއިއެކު ވެވޭ އެއްބަސްވުމަކާއި ގުޅިގެން ކުރެވޭ މަސައްކަތްތަކެއްގައި، އެފަރާތަކަށް ލިބިދޭންޖެހޭ ފައިސާ އެއްބަސްވުމުގެ ރޫޙާއި އެއް ގޮތްވާގޮތުގެ މަތީން ޢަމަލު ކުރަމުންދާ ކޮންމެ ކޮންޓްރެކްޓަރަކަށް ވެސް އޮންނަ އުޞޫލާއި ހަމަތަކުގެ ތެރެއިން ފައިސާ ދޫކުރަމުންދާ ކަމުގައި އެ ކުންފުނިން ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަނުން މިކަން ހާމަކުރައްވާފައިވަނީ އެ ކުންފުނިން ހިންގާ މަޝްރޫޢުތައް ކުރިއަށް ގެންދެވުމަށް ނަންގަވައިގެން ތިއްބެވި ކޮންޓްރެކްޓަރުންނަށް އެ ފަރާތްތަކުން ކުރެއްވި މަސައްކަތުގެ ފައިސާ ނުދީ ހިފަހައްޓާފައިވާ ކަމަށް ބަޔާންކޮށް "ދިޔަރެސް" ނޫހުގައި 12 ޖަނަވަރީ 2021 ގައި ޝާއިޢު ކޮށްފައިވާ ޚަބަރާއި ގުޅިގެން 13 ޖަނަވަރީ 2021 ގައި އާންމު ކޮށްފައިވާ ނޫސްބަޔާނެއްގައެވެ.

Ad
rt

އިތުރަށް އެ ބަޔާނުގައި ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެފައިވަނީ ކޮންޓްރެކްޓާސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ސަރުކާރުގެ މަޝްރޫޢުތަކުގައި މަސައްކަތްކުރާ ކުންފުނިތަކަށް މަސައްކަތް ނިމުމަށްފަހު، ލިބެންޖެހޭ ފައިސާ ނުލިބޭ ކަމަށާއި، އޭގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ މަސައްކަތް ހިމެނޭ ކަމަށް ބަޔާންކޮށްފައި ވުމުން "ދިޔަރެސް"ގެ ފަރާތުން ބައެއް ކޮންޓްރެކްޓަރުންނާ ގުޅައިގެން މައުލޫމާތު ހޯދުމަށް ކުރެއްވި މަސައްކަތުން، މިކުންފުންޏަށް ޚިދުމަތް ފޯރުކޮށް ދެއްވުމަށްފަހު އެ ކުންފުންޏަކަށް ދޭންޖެހޭ ފައިސާ ނުދީ ފެނަކައިން ހިފަހައްޓާފައިވާ ކަމުގައި މަދު ބައެއް ކޮންޓްރެކްޓަރުންގެ ފަރާތުން "ދިޔަރެސް" އަށް މަޢުލޫމާތު ދެއްވާފައި ވާކަމަށް ބުނާއިރު، ހަމަހަމަ ކަމާއި ޒިންމާދާރު ކަމާއިއެކު ކުރެވޭ ނޫސްވެރިކަމެއްގައި، ފެނަކަ ކޯޕަރޭޝަންގެ ބަހެއް ހޯދުމަކާއި ނުލައި އެފަދަ ލިޔުމެއް ޝާޢިރު ކުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ކުރުމުގައި ވަކި ފަރާތަކަށް ބުރަވެ، ސިޔާސީ ގޮތުން ފެނަކަ ކޯޕަރޭޝަނާއި މެދު ޢާއްމުންގެ މެދުގައި ޝައްކާއިވަހުމް އުފެއްދުމުގެ އިތުރުން ކުންފުނީގެ ނަން ކިލަނބު ކުރުމަށް ކުރި ނާތަހުޒީބު ފިނޑި ޢަމަލެއް ކަމުގައި އެ ބަޔާނުގައިވެއެވެ.

"ދިޔަރެސް" ފަދަ ޒިންމާދާރު ކަމެއްނެތް ޚަބަރު ފަތުރާ މަދު ވަޞީލަތްތަކަކުން ޝާއިޢު ކުރަމުންދާ އެފަދަ ހަޤީޤަތާއި ޚިލާފު ވާހަކައަކުން، އިޚްލާޞްތެރިކަމާއި ތެދުވެރިކާމާއި އަމާނާތްތެރިކަމާއިއެކު ރައްޔިތުންނަށް ދެމުންދާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ ހިނދުކޮޅަކަށް ވެސް ފަސްޖެހުމަކާއި ނުލައި ޚިދުމަތުގެ މައިދާނުގައި މަސައްކަތް ކުރާނެ ކަމުގައި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޔަޤީންކަން އަރުވާކަމުގައި އެ ބަޔާނުގައި އެ ކުންފުނިން ވަނީ ހާމަކުރައްވާފައެވެ.