ހއ. ދިއްދޫގެ ގޭބިސީތަކުގައި ދުވަސްވެ، ހަލާކުވެފައި ހުރި މުސްޙަފްތައް ރަނގަޅުގޮތުގައި ނައްތާލުމުގެ ޕްރޮގްރާމެއް ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބުން ފަށަން ނިންމައިފިއެވެ.
މިގޮތުން އެ ކްލަބުން ބުނީ އެ ކްލަބްގެ އިޖުތިމާއީ ޒިންމާގެ ދަށުން ދިއްދޫގެ ގޭބިސީތަކުގައި ހުރި ބާ މުސްޙަފްތަކާއި، އަދި ހަލާކުވެފައި ހުރި މުސްޙަފްތައް އެ ކްލަބުގެ ފަރާތުން އެއްކޮށް، އެ މުސްޙަފްތައް ރަނގަޅު ގޮތުގައި ނައްތާލުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އެފަދަ މުސްޙަފްތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 14 ޖެނުއަރީ 2021ވާ ބުރާސްފަތި ދުވަހުގެ 13:00 އިން 15:00 އަށް އަދި 15 ޖެނުއަރީ 2021ވާ ހުކުރު ދުވަހުގެ ރޭގަނޑު 20:00 އިން 21:00 އަށް އެ ކްލަބްގެ އޮފީސް (ގިނަމާގެ/ހުސައިން ވޯކްޝޮޕް ކައިރި)ގައި ކަމަށް އެ ކްލަބުން ބުންޏެވެ.
މިޑްލް ސްޕޯޓްސް ކްލަބުން ކުރިއަށް ގެންދަން ނިންމާފައިވާ މި ޕްރޮގްރާމާއި ގުޅޭގޮތުން އެ ކްލަބްގެ ރައީސް ނަޝްވާން އިބްރާޙީމް ''ތިލަދުން''އަށް ބުނީ ގިނަ ޢަދަދެއްގެ ބާ ނުވަތަ ހަލާކުވެފައި ހުރި މުސްޙަފް ތަކެއް ދިއްދޫ ގޭބިސީތަކުގައި ރަނގަޅު ގޮތުގައި ނައްތާލެވޭނެ ގޮތް ނެތިފައި ހުރިކަން އެ ކްލަބަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެ ކްލަބު މެދުވެރިކޮށް އެފަދަ މުސްޙަފްތައް ރަނގަޅު ގޮތުގައި ނައްތާލެވޭނެ މަގު ފަހިކޮށް ދިނުމުކީ މި ޕްރޮގްރާމްގެ މަޤްޞަދުކަމަށް އޭނާ ބުންޏެވެ.
''މަދުންނަމަވެސް މުއްސްޙަފް ތަށް ކުނިކޮށްޓަށް ހުކާލާފައި ހުންނަ ހިތާމަވެރި މަންޒަރު އެބަ ފެނޭ. އެހެންވެ، އަޅުގަނޑުމެން ކްލަބުން ނިންމީ މިކަން ކޮންމެވެސް ސިފައެއްގައި ކޮށްދިނުމަށް، އެހެންވެ މިމަހު 14 އަދި 15 ވަނަ ދުވަހު މުސްޙަފްތައް އަޅުގަނޑުމެން އޮފީހުން ކަލެކެޓްކޮށް، އެހެއްޗެހި ދީނީގޮތުން އޮންނަ އެންމެ ރަނގަޅު ގޮތުގައި ނައްތާލުމަަށް މަސަކަތްކުރަމުން މި ދަނީ''
ނަޝްވާން ބުންޏެވެ.
''މިއީ ދިއްދޫގެ ގޭބިސީތަކުގެ ހުރި ހަލާކުވެފައި ހުރި މުސްޙަފްތަށް ނައްތާލުމަށް ލިބޭ ފުރުޞަތެއް، މި ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، އަދި މިއީ މާތްﷲ ގެ ކަލާމްފުޅުކަމުން، ކޮންމެ ބޭފުޅަކުވެސް ކުނިކޮށިތަކަށް އެއްލާލުމުގެ ބަދަލުގައި އެ ނައްތާލަން އޮންނަ ގޮތުގައި ނައްތާލުމަށް މި ފުރުޞަތުގެ ބޭނުން ހިފުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން''
ނަޝްވާން އިތުރަށް ބުންޏެވެ.
ނަޝްވާން ބުނީ މި ޕްރޮގްރާމްގެ ދަށުން، ޤުރްއާނުގެ އާޔަތްތައް ލިޔެފައިވާ ކަލަންޑަރު އަދި ޤުރުއާނުގެ އާޔަތްތައް ހިމެނޭ ލިޔުންތައް ވެސް ނައްތާލުމަށް ބަލައިގެންނާނެ ކަމަށެވެ.
ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބަކީ ފުޅާދާއިރާއެއްގައި ހއ. ދިއްދޫގައި އެރަށުގެ އިޖުތިމާއީ ދުޅަހެޔޮ ކަމަށް މަސައްކަތް ކުރާ، ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ކްލަބެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!