3. ދަރިންގެ ހިތުގައި ޤުރްއާނަށް ލޯބިޖެއްސުމަށް އެދޭނަމަ، ދަރިންގެ ކުރިމަތީގައި މައިންބަފައިން ޤުރްއާން ކިޔެވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެނީ ތަރުބަވީ ޢިލްމުވެރިން ވިދާޅުވާގޮތުގައި، ނަމޫނާއަށް ބަލައިގެން ކަންކަން ދަސްކުރުމަކީ ކުޑަކުދިން އެންމެ ފަސޭހައިން ކަންކަން ދަސްލޮށްލާ ގޮތްތަކުގެ ތެރެއިން ގޮތެކެވެ.
ކުއްޖާގެ ބެލެނިވެރިން ކުއްޖާ ގާތުގައި ކަމެއް ކުރަން ބުނެފައި، އެކަމަކާ ޚިލާފަށް ކަންތައްކުރާނަމަ، މިއީ އެހާ މުހިންމު ކަމެއް ނޫން ކަމަށް އެޅަސިކުނޑިތަކަށް ވިސްނެއެވެ. އަދި އެކަމަކަށް އެހާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އަދި މިވެނި ކަމެއް ކުރަން ނުބުނި ކަމުގައި ވީ ނަމަވެސް ކުޑަކުދިންނަކީ އެކުދިންގެ ދޮށްޓަށްތިބޭ މީހުންނާއި މައިންބަފައިން ކުރާ ކަންކަން ކޮޕީ ކުރާނެ ބައެކެވެ.
އެހެންކަމުން، ދަރިންގާތު ޤުރްއާން ކިޔަވަން ބުނުމުގެ ކުރިން، އެކުދިންނަށް މަންމައާއި ބައްޕަ އަދި ގޭގެ އެހެން މީހުންވެސް ޤުރްއާން ކިޔަވާތަން ފެންނަ ނަމަ ޤުރްއާން ކިޔެވުމަކީ މުހިންމު ކަމެއްކަން އެކުދިންނަށް ވިސްނޭނެއެވެ. އަދި ދެން އެކުދިން ގާތު މަންމަ މެންނާ އެކު ނުވަތަ ވަކި ގަޑިތަކެއްގައި ނަމަވެސް ޤުރްއާން ކިޔެވުމަށް ބުނުމުން إن شاء الله، ވަރަށް ފަސޭހަކަމާއެކު އެބަސް އަހާނެއެވެ. އަދި ފަހަރެއްގައި އަމިއްލައަށްވެސް ޤުރްއާން ކިޔެވުމަށް ޝައުޤުވެރިކަން އުފެދި ކިޔަވަން ފަށާފާނެއެވެ.
4. ޤުރްއާނުގެ މާތްކަމާ ބެހޭގޮތުން ދޭތެރެ ދޭތެރެއިން ކުދިންނާ ވާހަކަ ދެއްކުން. ކީރިތި ޤުރްއާނަކީ ކިހާ މާތް ފޮތެއްކަން ތަސައްވަރު ކުރެވެނީ ވަރަށް މަދު ބަޔަކަށެވެ. އެފަދަ ބައެއްކަމުގައި ﷲ އަޅަމެން ލައްވާށިއެވެ. އެފޮތަކީ ކިހާ މާތް ފޮތެއްކަން އެނގޭނަމަ، ކޮންމެ ދުވަހަކު ތިމާގެ ޙަޔާތުގެ އެކައުންޓަށް އެއްކުރެވިގެންދާ 24 ގަޑިއިރުގެ ތެރެއިން ވަގުތުކޮޅެއް އެފޮތަށް ޚާއްޞަ ކުރާނެއެވެ.
އިސްކަންދޭ ތަރުތީބުން ތިމާ ކުރަން ޖެހޭ ކަންކަން ލިސްޓު ކޮށްލާއިރު، ޤުރްއާން ވާނީ ލިސްޓުގެ ކުރީގައެވެ. އަދި ހުސްވަގުތެއް ލިބޭ ކޮންމެ އިރަކު، ޤުރްއާނާ ދިމާލަށް މިސްރާބު ޖެހޭނެއެވެ.
ނަމަވެސް މިޝައުޤުވެރިކަން އަންނާނީ ޤުރްއާނުގެ މަތިވެރިކަމާބެހޭ މަޢުލޫމާތު ހޯދާ ބަލައިގެންނެވެ. އެއްކަމަކަށް ބަލާނަމަ، ޤުރްއާނަކީ ﷲގެ ކަލާމްފުޅޭ ބުނާއަޑު އަހަރެމެން އެންމެ ކުޑައިރުއްސުރެވެސް އަޑުއަހަމެވެ. ނަމަވެސް، "ކަލާމްފުޅު“ މިލަފުޒުގެ މުރާދާމެދު ގިނަފަހަރު ވިސްނާނުލެވެއެވެ. "ކަލާމް" އަކީ ޢަރަބި ލަފުޒެކެވެ. ބަހުގެ ގޮތުން ބަލާނަމަ، "ކަލާމް" މިލަފުޒުގެ މާނައަކީ، ބުނާ ބަސްތަކާއި ދެކެވޭ ވާހަކަތަކެވެ.
އެހެންކަމުން، ޤުރްއާނަކީ ﷲގެ ކަލާމްފުޅޭ ބުނުމުން، ޙަޤީޤަތުގައި އެބުނެވެނީ ޤުރްއާނުގައި ވަނީ ﷲ ވަޙީކުރައްވާ ބަސްފުޅުތައްކަމެވެ. އިބްނު ޤުދާމާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ:
"(ޤުރްއާން ކިޔަވާ ހިނދު) މިކިޔެވެނީ އިންސާނެއްގެ ބަސްތަކެއް ނޫން ކަން ހަނދާން ބަހައްޓަންވާނެއެވެ. އަދި (ޤުރްއާނުގައި އެވާ އާޔަތްތައް) ވަޙީ ކުރެއްވި ހުސްޠާހިރުވަންތަ ފަރާތުގެ (ﷲގެ) މަތިވެރިކަން ހިތަށް ގެންނަންވާނެއެވެ. (1)
އެއިލާހަކީ 7 އުޑާއި ބިމާއި އެދެމެދުގައި ވާހާއެއްޗެއް ޚަލްޤުކުރައްވައި، އަހަރެމެން ވުޖޫދު ކުރައްވައި އަހަރެމެން ބަލަހައްޓަވައި، ރިޒުޤު ދެއްވައި، އެތައް ނިޢުމަތެއް އަހަރެމެންނަށް ދެއްވާ، އަދި ހަމަ އެހެންމެ ހުރިހާ ބާރެއްގެ ވެރި އިލާހެވެ. އަހަރެމެން ޚަލްޤު ކުރެއްވުނީ އެއިލާހަށް އަޅުކަން ކުރުމަށެވެ. އަހަރެމެން ޚަލްޤު ކުރެއްވުމަށްފަހު އެއިލާހުވަނީ އަހަރެމެންނަށް އުޅެންވީ ގޮތް އަންގަވައިދެއްވައި ފޮތް ބާވައިލައްވައި، ރަސޫލުންނާއި ނަބިއްޔުން ފޮނުއްވާފައެވެ.
އެގޮތުން ހިދާޔަތެއްކަމުގައި އަހަރެމެން ޚަލްޤު ކުރެއްވި އިލާހު އަހަރެމެންނަށް ދެއްވި އެއިލާހުގެ ކަލާމްފުޅު ލިޔެވިފައިވާ ކީރިތި ޤުރްއާނަކީ ހަމައެކަނި ފޮތްހަރުގަނޑު ޒީނަތްތެރިކުރަން ބޭނުންކުރާ އެއްޗަކަށް ވާނަމަ، އެއަށްވުރެ ބޮޑު ހިތާމަވެރިކަމެއް އަޅުގަނޑުމެންނާ ކުރިމަތިވާނެތޯއެވެ؟ އެހެންކަމުން ޤުރްއާނުގެ މާތްކަމާ ބެހޭގޮތުން އަމިއްލައަށް މަޢުލޫމާތު ހޯދުމާއެކު، ދޭތެރެ ދޭތެރެއިން އެމަޢުލޫމާތުތައް ދަރިންނާއެކު ހިއްސާކޮށް، ގޭތެރޭގައި މިފަދަ މަޝްވަރާ ފޯރަމްތައް ކުރިއަށް ގެންދާށެވެ. އަދި ޤުރްއާނަށް ވަގުތުދޭނެ ގޮތްގޮތާ ބެހޭގޮތުން ވެސް މަޝްވަރާ ކޮށްހަދާށެވެ. إن شاء الله ނަތީޖާ ފެންނާނެއެވެ.
(1) مختصر منهاج القاصدين (68)
(ނުނިމޭ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!