"ސޭފް ސްކޫލްސް ޑެކްލަރޭޝަން"ގައި ރާއްޖެއިން ބައިވެރިވުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް މި ގޮތަށް ނިންމަވާފައި ވަނީ، އެޑިއުކޭޝަން މިނިސްޓްރީން ހުށަހަޅާފައިވާ ކަރުދާހަކަށް މަޝްވަރާ ކުރެއްވުމަށް މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، އެ މަޖިލީހުން ދެއްވި ލަފާފުޅުގެ މަތިންނެވެ.

Ad
rt

ސޭފް ސްކޫލްސް ޑެކްލަރޭޝަންއަކީ އަސްކަރީ ހަމަނުޖެހުންތަކުން ދަރިވަރުންނާއި މުދައްރިސުން އަދި މަދަރުސާތަކާއި ޔުނިވަރސިޓީތައް ރައްކާތެރިކުރުމަށް ސިޔާސީ ގޮތުން ލާޒިމުކުރާ ބައިނަލްއަޤްވާމީ ޑެކްލަރޭޝަންއެކެވެ.

މި ޑެކްލަރޭޝަން އެކުލަވައިލާފައި ވަނީ އަސްކަރީ ހަމަނުޖެހުންތަކުން ރައްކާތެރިވެ ތިބެ އުގެނުމަށް ކޮންމެ ދަރިވަރަކަށް ލިބިގެންވާ ޙައްޤު ކަށަވަރު ކޮށްދިނުމަށާއި ރައްކާތެރި މާހައުލެއްގައި ޤަދަރުވެރިކަމާއެކު އުނގަންނައި ދިނުމަށް ކޮންމެ މުދައްރިސަކަށް ލިބިގެންވާ ޙައްޤު ކަށަވަރުކޮށްދިނުމަށެވެ.

މީގެ އިތުރުން ހަނގުރާމައިގެ ހާލަތްތަކުގައި ވެސް މަދަރުސާތަކާއި ޔުނިވާސިޓީތަކަކީ ތައުލީމު ލިބިގަތުމަށާއި އިލްމީ ދިރާސާ ކުރުމަށް ރައްކާތެރި ތަންތަން ކަމުގައި ކަށަވަރުކޮށްދިނުމަކީ ވެސް އެ ޑެކްލަރޭޝަންގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ސޭފް ސްކޫލްސް ޑެކްލަރޭޝަންގައި ޤައުމުތަކުން ބައިވެރިވުމަށް ހުޅުވައިލާފައި ވަނީ 2015 މެއި 29 ވަނަ ދުވަހު ބޭއްވި "ދަ އޯސްލޯ ކޮންފަރެންސް އޮން ސޭފް ސްކޫލް" ގައެވެ.