އެންމެ އުތުރުގެ ހއ. އަދި ހދ. އަތޮޅުގެ ރައްޔިތުންނަށް ގާތުން ޚިދުމަތް ދިނުމަށް، ރައްޔިތުންގެ ކުންފުނި'' މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން އެ ދެއަތޮޅަށް ކުރާ ދަތުރު މިއަދު ފަށައިފިއެވެ.
މިގޮތުން އެމްޓީސީސީގެ ޓީމުގެ ފުރަތަމަ މަންޒިލެއްގޮތުން ޒިޔާރަތްކޮށްފައި ވަނީ ހއ. ހޯރަފުއްޓަށެވެ. މި ޒިޔާރަތުގައި އޮޑިދޯނި ފަހަރު ބަންނަ ފަރާތްތަކާއި، އޮޑިދޯނި ފަހަރުގެ ވެރިންނާއި ބައްދަލުކޮށް މައުލޫމާތު ފޯރުކޮށްދޭނެއެވެ.
އެމްޓީސީސީގެ މި ޓީމު މިހާރު ހއ. އަތޮޅަށް ޒިޔާރަތް ކޮށްފައިވާއިރު، އެ އަތޮޅުގައި މި ޓީމު މިއަދުން ފެށިގެން މި މަހުގެ 18 ގެ ނިޔަލަށް ހަރަކާތްތެރިވާނެއެވެ. އެއަށްފަހު މިޓީމު ދަތުރު ކުރާނީ ހދ. އަތޮޅުގެ ރަށްތަކަށެވެ. އެ އަތޮޅަށް މި ޓީމު ދަތުރު ކުރާނީ މިމަހުގެ 19 އިން 24 އަށެވެ.
މިދަތުރުގެ މަޤްސަދަކީ ކޯވިޑް-19 ގެ މިހާލަތުގައިވެސް މަސްވެރިންނާއި، އޮޑިވެރިންނާއި އަދި ދަތުރުވެރިންނަށް ގާތުން ޙިދުމަތް ދިނުން ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އޮޑިވެރިންނާއި، އޮޑިދޯނިފަހަރު ބަންނަމުންދާ ފަރާތްތަކަށް މިހާލަތުގައި އެކިގޮތްގޮތުން ދިމާވެފައިވާ އަދި ދިމާވަމުންދާ ދަތިތަށް ދެނެގަނެ،
އެކަންކަމަށް ހައްލު ހޯދޭނެ ގޮތްތަކާމެދު އޮޑިވެރިންނާއި، އޮޕްރޭޓަރުންނާއި، އިންޖިނޭރުންނާއި، އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތުގައި
ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން ރަށު ކައުންސިލް އިދާރާތަކާއި މަޝްވަރާ ކުރުމަކީވެސް މިދަތުރުގެ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް އެ ކުންފުނިން ބުންޏެވެ.
''މިދަތުރުގައި ކުރިއަށްދާނެ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި، އަލަށް ބަންނަމުންދާ އޮޑިދޯނިފަހަރު އިންސްޕެކްޓްކޮށް، މިހާރު ދުއްވަމުންދާ އޮޑިފަހަރުގެ އިންޖީނަށް މައްސަލައެއް ދިމާވާކަން ފާހަގަކުރެވޭނަމަ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި އެމްޓީސީސީން ފޯރުކޮށްދޭ ޙިދުމަތްތައް ލިބުމުގައި އަތޮޅުތެރޭގައި ތިއްބެވި ކަސްޓަމަރުންނަށް ދިމާވަމުންދާ ދަތިތައް ދިރާސާކުރުމާއި، އިންޖީނާއި ސްޕެއަރޕާރޓްސް ގަތުމުގައި މާލީގޮތުން ދިމާވާ ގޮންޖެހުންތަކަށް މިހާލަތުގައި ތަޢާރަފުކުރެވިފައިވާ ފައިސާ ދެއްކޭނެ ޕްލޭންތަކާބެހޭ މަޢުލޫމާތު އޮޑިވެރިންނާއި ޙިއްސާކުރުން ހިމެނެއެވެ.''
އެމްޓީސީސީން ބުންޏެވެ.
މިދަތުރުގައި ބައިވެރިވާ އެމްޓީސީސީގެ ޓީމާއި ގުޅަން ނުވަތަ ބައްދަލުކޮށްލަން ބޭނުން ފަރާތްތަކުން 9657745 ނަމްބަރު ފޯނާއި ގުޅުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.
އެމްޓީސީސީން ހއ. އަދި ހދ.ގެ ރަށްތުގެ ރައްޔިތުންނާއި ގާތަށް ދަތުރު ފަށާފައިވާއިރު، އެކުންފުނިން ވަނީ މި ހަފުތާގައި އެ ކުންފުނީގެ ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ އޯޕަންޑޭ އައްޑޫ ސިޓީގައި ކުރިއަށް ގެންގޮސްފައެވެ. އަދި ފުވައްމުލަކު ސިޓީގައި ވެސް ވަނީ އެ ކުންފުނީގެ ހުނަވަރު ޕްރޮގްރާމްގެ ބަޔެއް ކުރިއަށް ގެންގޮސްފައެވެ.
އެމްޓީސީސީން އަންނަނީ ދިވެހި ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށް ދިނުމުގެ އިތުރުން ގިނަ ގުނަ ފަހި ފުރުޞަތުތަކެއް ތަނަވަސްކޮށްދީ، ސަރުކާރުގެ އެކިވަރުގެ އެތައް ތަރައްގީގެ މަޝްރޫޢުތައް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!