ށ. ފުނަދޫގައި ތިމާވެށީގެ ދާއިރާއިން ޚާއްޞަކޮށް މަސައްކަތް ކުރަމުން އަންނަ ޔުނައިޓެޑް ނިއު ޖެނެރޭޝަން އެޑަލްޓްސް (އުންގާ) ޖަމިއްޔާއިން، އެ ޖަމިއްޔާގެ ''ދަ ގްރީން ޕްރޮޖެކްޓް'' ފަށައިފިއެވެ.
ފުނަދޫގައި އާލާކުރަން ޖެހިފައިވާ ގަސްގަހާ ގެއްސާއި، މަދުވަމުންދާ ގަސްގަހާގެހީގެ ބާވަތްތައް އާލާކުރުމުގެ މަޤްޞަދުގައި ފެށި މި މަސައްކަތް، އެ ޖަމިއްޔާއިން ފަށާފައި ވަނީ އިއްޔެއެވެ.
އުންގާ ޖަމިއްޔާއިން ފުނަދޫގެ ވެށީގެ ސަލާމަތަށާއި، ރަށުގެ ރީތިކަން ދަމަހައްޓަން ހިންގާ މައިގަނޑު ހަރަކާތަކީ ކޮންމެ ހަފުތާއަކު ހޮނިހިރަށް ޚާއްޞަކޮށްގެން ހިންގާ ''ސާފުކުރާ ހޮނިހިރު'' ހަރަކާތެވެ.
ނަމަވެސް، އެޖަމިއްޔާއިން މީގެފަހުން ރަށް ސާފުކުރުމުގެ ހަރަކާތް ބައެއް ހޮނިހިރު ދުވަސްތަކުގައި ކުރިއަށް ގެންދަން ނިންމާފައިވާއިރު، ބާކީ ހޮނިހިރު ދުވަސްތަކުގައި ކުރިއަށް ދާނީ އެ ޖަމިއްޔާއިން އިއްޔެ ފެށި ''ދަ ގްރީން ޕްރޮޖެކްޓް'' ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އުންގާ ޖަމިއްޔާގެ ރައީސް މުޙައްމަދު ޔަމީން ''ތިލަދުން''އަށް ބުނީ، އިއްޔެ އެ ޖަމިއްޔާއިން ފެށި ގަސްއިންދުމުގެ ޕްރޮގްރާމްގެ ދަށުން ގާތްގަނޑަކަށް 125 ގަސް ކަނޑޫ އިންދާފައިވާ ކަމަށެވެ.
''އެ ކަނޑޫ ގަސްތައް މި އިންދީ އެކްސްޕެރިމެންޓެއް ވެސް ހެދުމުގެ ގޮތުން، ކުޅި،ފާ ހިމެނޭ 5 ސަރަޙައްދެއްގައި، އަޅުގަނޑުމެން ބަލާނަން އެތަނުން ކޮން ސަރަހައްދެއްގައިތޯ އެންމެ ފަސޭހައިން ކަނޑޫ ހެދި ބޮޑުވަނީ، ކަނޑޫ އިންދި ސަރަހައްދު ތަކަކީ ކުޅި،ފާ ހިނމެނޭ ސަރަހައްދުތައްކަމުން އެ ކަނޑޫ ގަސްތަކަކީ ކުދި ގަސްތަކަކަށް ވާތީ ކަކުނި އެ ގަސްތައް ކައިތޯވެސް ބަލާނަން، އެ ގަސްތައް ދާނީ ކައިރިން ބަލާ މޮނިޓާ ކުރަމުން''
ޔަމީން ބުންޏެވެ.
އުންގާގެ ބައެއް މެންބަރުން ކަނޑޫގަސް އިންދަނީ، ފޮޓޯ: އުންގާ
ޔަމީން ބުނީ އެރަށުގައި ކަނޑޫ ގަސް ވަރަށް މަދު ކަމަށެވެ. މިގޮތުން އެ ޕްރޮގްރާމްގެ ދަށުން ފުރަތަމަ ކަނޑޫ އާލާ ކުރަން ނިންމި ސަބަބަކީ އެއީ ކަމަށެވެ.
''އެކިއެކި މަޝްރޫޢުތަކަށް މިރަށުން ވަރަށް ގިނަ ގަސްތައް ކަނޑައިފި، އެއީވެސް މި ޕްރޮޖެކްޓް ފަށަން ޖެހުނު އިތުރު ސަބަބެއް، މި ރަށުގައި ގަސް އިންދާ އާލާ ކުރުމުގެ މަސައްކަތް އެބަ ކުރަންޖެހޭ، ކުރިމަގުގައި ރަށުތެރޭގައި ގަސް އިންދެން ހުރިތަންތަނުގައި ގަސްއިންދައި ހެއްދުމުގެ މަސައްކަތް މި ޖަމިއްޔާއިން ކުރާނަން''
ޔަމީން ބުންޏެވެ.
ޔަމީން ބުނީ އެ މަސައްކަތް ކާމިޔާބުކޮށް، އެރަށުގައި ގަސްއިންދައި ހައްދައި، މިހާރަށްވުރެވެސް ފުނަދޫއަކީ ފެހި ރަށަކަށް ހެދުމަށް އެރަށުގައި ދިރިއުޅޭ އެންމެންގެ އެހީތެރިކަން އެ ޖަމިއްޔާއިން ބޭނުންވާ ކަމަށެވެ.
އުންގާގެ މެންބަރަކު ކަނޑޫގަސް އިންދަނީ، ފޮޓޯ: އުންގާ
އުންގާ ޖަމިއްޔާއިން، ފުނަދޫގައި އާލާކުރަން ޖެހިފައިވާ ގަސްގަހާ ގެއްސާއި، މަދުވަމުންދާ ގަސްގަހާގެހީގެ ބާވަތްތައް އާލާކުރުމުގެ މަޤްޞަދުގައި ''ދަ ގްރީން ޕްރޮޖެކްޓް'' ފެށިއިރު، އެ ޖަމިއްޔާއިން ވަނީ ފުނަދޫގެ ވެށީގެ ސަލާމަތަށާއި، ރަށުގެ ރީތިކަން ދަމަހައްޓަން 11 ހޮނިހިރަކު، ''ސާފުކުރާ ހޮނިހިރު'' ހަރަކާތް ކުރިއަށް ގެންގޮސްފައެވެ. މިހާތަނަށް މި ހަރަކާތް މެދުކަނޑާލި ހަމައެކަނި ހޮނިހިރަކީ ރަށުގެ އިޖުތިމާޢީ އެހެން ހަރަކާތަކަށް ދުވަސް ހުސްކޮށްލަން ޖެހުމުން މެދުކަނޑާލި ހޮނިހިރެކެވެ.
''ސާފުކުރާ ހޮނިހިރު'' ހަރަކާތުގައި އެ ޖަމިއްޔާގެ މެންބަރުން ދަނީ ރަށުގެ އެކި ތަންތަނަށް އަޅާފައި، އަދި އެޅިފައި ހުންނަ ކުނި ނަގާ ސާފު ކުރަމުންނެވެ. މިގޮތުން ރަށުގެ ތުނޑިއާއި، ބަނދަރާއި، ރަށުގެ ދެކުނު އަތިރިމައްޗާއި، ރާޅާ އަޅާ ސަރަޙައްދާއި، ގޮނޑުދޮށާއި އަދި މޫދު ވެސް ވަނީ އެކިފަހަރުމަތިން ސާފުކޮށްފައެވެ.
އެ ޖަމިއްޔާއިން މިހާރު ވަނީ އެ ޖަމިއްޔާއިން ކޮންމެ ހަފުތާއެއްގެ ހޮނިހިރުގައި ކުރިއަށް ގެންދާ ''ސާފުކުރާ ހޮނިހިރު'' ހަރަކާތުން އެއްކުރާ ޕްލާސްޓިކްގެ ބާވަތްތައް ''ޕާލޭ މޯލްޑިވްސް''ގެ އެހީތެރިކަމާއިއެކު ރީސައިކަލް ކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.
2020 ވަނަ އަހަރުގެ ޖޫންމަހު ހަރަކާތްތައްފެށި ''އުންގާ'' ޖަމިއްޔާ ރަސްމީކޮށް ރަޖިސްޓަރީ ވެފައި ވަނީ 2020 ނޮވެމްބަރު 26 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!