ސިފައިންގެ ވަޒީފާއަށް އެދި ފޯމް ހުށަހަޅާފައިވާ މީހުންނަށް ބާއްވާ އިންޓަވިއު މާދަމާ ފަށާގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
މިގޮތުން 2020 ޑިސެންބަރު މަހުގެ 31 ގެ ނިޔަލަށް ސިފައިންގެ ވަޒީފާއަށް އެދި ފޯމް ހުށަހަޅާފައިވާ މީހުންނަށް މާލެ ސިޓީގައި ބާއްވާ އިންޓަވިއުތައް އޮންނާނީ 2021 ޖަނަވަރީ މަހުގެ 10 އިން 14 އަށް އަދި 2021 ޖަނަވަރީ މަހުގެ 19 އިން 21 އަށް ސޯޝަލް ސެންޓަރުގެ ސެމިނާ ރޫމުގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މީގެއިތުރުން ސިފައިންގެ ވަޒީފާއަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ބާއްވާ އިންޓަވިއުތައް މާދަމާއިން ފެށިގެން މާލެ ސިޓީގެ އިތުރުން އެމްއެންޑީއެފްގެ އޭރިއާތަކުގައި ވެސް ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މިގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އަދި އެމްއެންޑީއެފް ސަދަން އޭރިއާގައި ވެސް މި އިންޓަވިއުތައް ބާއްވާގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ސިފައިންގެ ވަޒީފާއަށް އެދި ފޯމް ހުށަހަޅާފައިވާ މީހުން، އިންޓަވިއުއަށް ހާޟިރުވާންޖެހޭ ދުވަހާއި ގަޑި އެމްއެންޑީއެފްގެ ހެޑްކްއޯޓަރޒްއިން މިހާރު އެމީހުންނަށް އަންގަމުން ދާއިރު، ސިފައިންގެ ވަޒީފާއަށްއެދި ހުށަހެޅުމުގެ މުއްދަތު، 2021 ޖަނަވަރީ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރު ވެސް ކޮށްފައެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ސިފައިންގެ ވަޒީފާއަށް ވަނުމުގެ އުމުރުފުރާ ބަލާ ތާރީޚު ވަނީ 2021 ފެބުރުވަރީ 04 ވަނަ ދުވަހަށް ބަދަލު ކުރެވިފައިވާ ކަމަށެވެ. އަދި 2021 ޖަނަވަރީ 01 އިން 31 އަށް ސިފައިންގެ ވަޒީފާތައަށް އެދި ހުށަހަޅާފައިވާ މީހުންގެ އިންޓަވިއުތައް ފަހުގެ ތާރީޚެއްގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެމްއެންޑީއެފުން ނިމުނު 2020 ވަނަ އަހަރުގެ ޑިސެމްބަރު 18 އިން 20 އަށް، ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން އުތުރުގެ ތިން ރަށެއްގައި ކުރިއަށް ގެންދަން ނިންމި ނިންމުމުގެ ދަށުން، އެހަރަކާތްތައް ހިންގި އުތުރުގެ ކުޅުދުއްފުށީ ސިޓީއާއި، ހއ. ދިއްދޫއާއި އަދި އިހަވަންދޫގައި ހިންގި އެހަރަކާތްތަކުގެ ތެރެއިން ވެސް ވަނީ ސިފައިންގެ ވަޒީފާއަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ހިންގާފައެވެ.
މިގޮތުން ސިފައިންގެ ވަޒީފާގައި ކުރިއަށް ދެވޭނެ ދާއިރާތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ ސިފައިންގެ މަރުކަޒުތަކާއި ސިފައިންގޭގައި ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވާއިރު، އަދި މި ޕްރޮގްރާމުގައި ސިފައިންގެ ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ސިފައިންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ފުރުމަށް ވަނީ ފުރުޞަތު ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!