ހދ. ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ސާއްބަ އެކުވެރި ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، "ސާއްބަ އެނިވާސަރީ ކަޕް 2020" ގެ ނަމުގައި ކުރިއަށް ގެންދިޔަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ޝީލްޑުން ކާމިޔާބު ކޮށްފިއެވެ.

06 ޖަނަވަރީ 2021 ވީ ބުދަ ދުވަހު ހަވީރު ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗު ޝީލްޑުން ކާމިޔާބު ކޮށްފައިވަނީ ރޫޙް ޓީމުގެ މައްޗަށް 2-1 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.

Ad
rt

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހާފައިވަނީ ޝީލްޑުންނެވެ. ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ކެޕްޓަން އާސިފް ސަލީމްއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-0 ގެ ނަތީޖާއިން ޝީލްޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި ޝީލްޑުން އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ފޯވާޑް އަހްމަދު މުޖުތަބާއެވެ. ޝީލްޑުން ދެވަނަ ލަނޑު ޖެހިތާ ދެ މިނެޓް ފަހުން ރޫޙް ޓީމްގެ ކެޕްޓަން އަޙްމަދު އަލީ އޭރިޔާގެ ބޭރުން ފޮނުވާލި ބާރު ބޯޅައަކުން ކާމިޔާބު ކުރި ލަނޑުން ނަތީޖާ 2-1 އަށް ބަދަލުވެގެން ދިޔައެވެ. މި ލަނޑާއިއެކު ރޫޙް ޓީމުން، ޓީމް ކުރިއަށް ޖައްސައި އިތުރު ލަނޑެއް ކާމިޔާބު ކުރަން މަސައްކަތް ކުރި ނަމަވެސް ޝީލްޑުންވަނީ އެ ފުރުޞަތު ނުދީ މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

މުބާރާތުގެ ރަނަރަޕް ރޫޙް، ފޮޓޯ: ގޮއްކޮޅު

މި މުބާރާތުގެ ފައިނަލް މެޗު ނިމުމުން، މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް މެޑަލްއާއި ޓްރޮފީއާއި ހަނދާނީ ލިޔުން ވަނީ ހަވާލު ކޮށްފައެވެ. އަދި އެކިގޮތްގޮތުން އެހީތެރިކަން ދެއްވި ފަރާތްތަކަށް ވެސް ވަނީ ދެއްވި އެހީތެރިކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލް ސަލާމް އަލީ ޝަރަފްވެރި ކޮށްދެއްވި މި މެޗުގައި، ހަނިމާދޫގެ ގިނަ މުއައްސަސާތަކުގެ ވެރިން ވަނީ ބައިވެރި ވެފައެވެ.

މުބާރާތުގެ ވަނަތައް

  • ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ – އަޙްމަދު މުޖުތަބާ (ޝީލްޑް)
  • 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ – އަޙްމަދު މުޖުތަބާ (ޝީލްޑް)
  • މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ – އަޙްމަދު މުޖުތަބާ (ޝީލްޑް)
  • އެންމެ މޮޅު ޑިފެންޑަރ – މުޙައްމަދު އަބްދުލް ޤަފޫރް (ޝީލްޑް)
  • އެންމެ މޮޅު މިޑްފީލްޑަރ – އަޙްމަދު އަލީ (ރޫޙް)
  • އެންމެ މޮޅު ފޯވާޑް – ހުސެއިން ޝަރީފް (ޝީލްޑް)
  • އެންމެ މޮޅު ގޯލް ކީޕަރ – އަބްދުﷲ މުޙައްމަދު (ރޫޙް)
  • މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ – އަހްމަދު އަލީ (ރޫޙް)
  • ފެއާޕްލޭ ޓީމް – ރޫޙް
  • ރަނަރަޕް ޓީމް – ރޫޙް
  • ޗެމްޕިއަން ޓީމް - ޝީލްޑް
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، ފޮޓޯ: ގޮއްކޮޅު

މި މުބާރާތުގެ މެއިން ސްޕޮންސަރއަކީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާއެވެ. ކޯ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ވިގަ ފިހާރަ، އަލޫފް، ބްރޭކް ޓައިމް، ސެރޫލިއަން ވިއު، ހަނިމާދޫ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ޝަހުދީ، ހަނިމާދޫ ކައުންސިލް، ސީކިންގްގެ އިތުރުން ހެޕީމާކެޓެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގޮށްކޮޅު އޮންލައިން ނޫހެވެ. މި ހުރިހާ ފަރާތްތަކަށް ސާއްބަ އެކުވެރި ކުލަބުން ވަނީ ޝުކުރު ދަންނަވާފައެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމުގައި ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއާއި އަދި ކެތިއަރާ ޖަމްޢިއްޔާގެ ފަރާތުން ލިބުނު އެހީތެރިކަމާއި، އަދި ދަނޑު ތައްޔާރު ކުރުމުގައި އެމްޓީސީސީގެ ފަރާތުން ލިބުނު އެހީތެރިކަމާއި، އަދި މުބާރާތް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދިޔުމުގައި އެކި ގޮތްގޮތުން އެހީތެރިވެ ދެއްވި އެންމެހާ ފަރާތްތަކަށް ސާއްބަ އެކުވެރި ކުލަބުންވަނީ ޝުކުރު ދަންނަވާފައެވެ.