ހދ. ކުމުންދާގައި ދަރުމައަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) އިން އެރަށުގައި ގަސް އިންދުމުގެ ހަރަކާތެއް ފަށައިފިއެވެ.

Ad
rt

ކޭވައިއެސްއިން މި ފެށި ގަސް އިންދުމުގެ ހަރަކާތަކީ ކުމުންދޫއިން ނެތެމުންދާ އަދި މަދުވަމުންދާ ބައެއް ގަހުގެ ބާވަތްތައް އާލާކޮށް، އެ ރަށް ފެހިކުރުމަށް ފެށި ހަރަކާތެކެވެ.

މިހަރަކާތާއި ގުޅިގެން އެ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ ފާރިއު އަޙްމަދު މުފީދު ''ތިލަދުން'' އަށް ބުނީ މި ހަރަކާތަކީ އެ ޖަމިއްޔާގެ 2021 ވަނަ އަހަރުގެ އަހަރީ ކަލަންޑަރުގައި ހިމަނާފައިވާ ހަރަކާތެއް ކަމަށެވެ. އެގޮތުން އެ ޖަމިއްޔާގެ އަހަރަކީ ކަލަންޑަރު މި އަހަރުގެ ކޮންމެ މަހެއްގެ އެއް ދުވަހު ގަސްއިންދުމުގެ ހަރަކާތް ކުރިއަށް ގެންދަން ހިމަނާފައި ވާކަމަށް ފާރިއު ބުންޏެވެ.

''މިއަދަކީ ޖެނުއަރީ މަހަށް ގަސް އިންދަން ކަނޑައަޅާފައިވާ ދުވަސް، މިއަހަރަށް މިއަދު މި ހަރަކާތް މިފެށީ، ކަލަންޑަރުގައިވާ ގޮތަށް އަހަރުގެ ކޮންމެ މަހެއްގައި ވެސް، ކަނޑައެޅޭ ދުވަހަކު މި ހަރަކާތް ކުރިއަށްދާނެ''

ފާރިއު ބުންޏެވެ.

ކޭވައިއެސްއިން ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން، ފޮޓޯ: ކޭވައިއެސް

ފާރިއު ބުނީ މިއަދުގެ ހަރަކާތުގައި އިންދާފައި ވަނީ 25 ރުކާއި، 25 ކިނބި ގަހާއި، 15 ބަނބުކެޔޮ ގަހާއި އަދި 15 މަދޮށި ގަސް ކަމަށެވެ. އަދި އެބާވަތް ތަކަކީ އެރަށުން ނެތެމުންދާ ބާވަތްތަކާއި، މަދު ވަމުންދާ ބާވަތްތަކުގެ ތެރެއިން އާލާ ކުރުމަށް ހޮވާލެވުނު ބާވަތްތަކެއް ކަމަށް ފާރިހު ބުންޏެވެ.

''މިރަށުން ގޯތި ދޫކުރިއިރު މިވަނީ ގޯތި ތަކުގެ އިމަށް ވަނުމުގެ ސަބަބުން އެތައް ރުކެއް ކަނޑާފައި، އެހެންވެ ރުއް މީގައި ހިމެނީ، އަމާޒަކީ ކަނޑާ ކޮންމެ ރުކަކަށް ދެ ރުއް އިންދުން، މިރަށުގައި ކުރިން ވަރަށް ގިނައިން ހެދިފައި ހުންނަ ބާވަތެއް ކިނބިގަހަކީ، ނަމަވެސް ކިނބިގަސް މަދުވަމުން ދާތީ ކިނބިގަސް މި އިންދީ، ގަސް އިންދުމުގައި ބަލާނީ ރަށް ފެހިކޮށް، އާލާކުރަން ވެފައިވާ ބާވަތްތައް އިންދުމުގައި އިސްކަން ދިނުމަށް''

ފާރިހު ބުންޏެވެ.

ކޭވައިއެސްއިން ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން، ފޮޓޯ: ކޭވައިއެސް

އޭނާ ބުނިގޮތުގައި އެހަރަކާތުގައި ގަސްތައް އިންދާފައި ވަނީ އެރަށުގެ ކައުންސިލްގެ ހުއްދައާއިއެކު، ކައުންސިލުން ގަސް އިންދުމަށް ދެއްކި ސަރަހައްދު ތަކުގައި ކަމަށެވެ.

މިއަދުގެ މި ހަރަކާތުގައި ބައިވެރިވެފައި ވަނީ މުޅިންވެސް އެ ޖަމިއްޔާގެ މެންބަރުންނެވެ.

ކޭވައިއެސް އިން މި މަހު އިތުރު ހަރަކާތެއް ހިންގުމަށް ވެސް ވަނީ ނިންމާފައެވެ. މިގޮތުން އެރަށުގެ ގޮނޑުދޮށުން ޕްލާސްޓިކާއި، އެހެނިހެން ވެއްޓަށް ގެއްލުންދޭ ކުނިބުނި ނަގާ ސާފުކުރުމުގެ ހަރަކާތެއް ހިންގުމަށް އެޖަމިއްޔާއިން އަންނަނީ ތައްޔާރު ވަމުންނެވެ.