ހދ. ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ސާއްބަ އެކުވެރި ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ކުލަބުގެ އަހަރީ ދުވަހާއި ގުޅުވައިގެން ބާއްވަމުން އަންނަ "ސާއްބަ އެނިވާސަރީ ކަޕް 2020" ފައިނަލަށް ޝީލްޑް އަދި ރޫޙް ދަތުރުކޮށްފިއެވެ.
މި މުބާރާތް ރާވާލެވިފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބިގެންދާ ގޮތަށެވެ. މިގޮތުން މި މުބާރާތުގެ ފައިނަލުގެ ޖާގަ ރޫޙް ޓީމް ކަށަވަރު ކޮށްފައިވަނީ މުބާރާތުގައި އެ ޓީމް ކުޅުނު ފަސް މެޗުގެ ތެރެއިން 4 މެޗު ކާމިޔާބު ކޮށް ހޯދި 12 ޕޮއިންޓާއި ފައިދާ 8 ގޯލާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކުރުމަށްޓަކައި ޕޮއިންޓް ތާވަލުގެ ދެވަނަ ހޯދި ޝީލްޑާއި، ތިންވަނަ ހޯދި ޔޫތު ފުރެންޑްސް ކުޅުނު ސެމީފައިނަލް މެޗު ފަސޭކަމާއިއެކު ކާމިޔާބުކޮށް ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކޮށްފައިވަނީ ޝީލްޑުންނެވެ. 03 ޖަނަވަރީ 2021 ވީ އާދީއްތަ ދުވަހު ހަވީރު ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ޝީލްޑުން ކާމިޔާބު ކޮށްފައިވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޝީލްޑްގެ ޖޯޒީ ނަމްބަރ 07 ހުސެއިން ޝަރީފެވެ.
ރޫޙް އަދި ޝީލްޑް ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 05 ޖަނަވަރީ 2021 ވާ އަންގާރަ ދުވަހު ހަނިމާދޫ ފުޓްބޯޅަ ދަނޑުގައެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހަވީރު 15:45 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!