މި ހިނގާ ޖެނުއަރީ މަހުގެ ތެރޭގައި ފްރީޑައިވް ކެލާގެ ފަރާތުން ޕަލްސްގެ ނަމުގައި ފްރީޑައިވް ކޯހެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ނޭވާ ލުމަށް ބޭނުން ކުރާ އެއްވެސް އާލާތެއް ނެތި މޫދު އަޑިއަށް ފީނުން ނުވަތަ ފްރީޑައިވްގެ މި ކޯސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.
މި ކޯހަކީ، އަލަށް ފްރީ ޑައިވިންގްއަށް ވަންނަ ބޭފުޅުންނަށްވެސް ބައިވެރިވެވޭނެހެން ފަރުމާކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ. މި ގޮތުން، ފްރީޑައިވިންގް ލެވަލް 1 އަދި ލެވަލް 2 ވެސް މި ކޯހުގައި ކިޔަވައިދިނުމަށް ވަނީ ނިންމާފައެވެ. އަދި ފްރީޑައިވިންގްގައޮ މުހިންމު ރިލެކްޒޭޝަން، ސްޓްރެޗިންގް، އަދި އީކުއަލައިޒް ކުރުމަށްވެސް ދަސްކޮށްދިނުމަށްވަނީ ނިންމާފައެވެ.

މަޝްހޫރު ފްރީޑައިވް ކޯޗެއް ކަމަށްވާ ހެރީ ޗަމަސް އަދި ޑައިވިންގް އިންސްޓްރަކްޓަރ ޗާލީ ސްޓްރިންޖަރ އަދި ފްރީ ޑައިވް ކެލާގެ ރައީސް އުމައިރު ބަދީއު ނަގައިދިނުމަށް ހަމަޖެހިފައިވާ މި ކޯސް ބޭއްވުމަށް ނިންމާފައިވަނީ އައިލެންޑް ބީޗް ހައުސް ހުޅުމާލޭގައެވެ.
ހެރީ ޗަމަސް އަދި ޗާލީ ސްޓްރިންޖަރ މި ދާއިރާގައި އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ޗަމަސް އަކީ އިނގިރޭސިވިލާތުގައި ފްރީ ޑައިވް ކުރުމުގެ ރެކޯޑެއްވެސް އޮންނަ ފަރާތެކެވެ.

ފްރީޑައިވް ކެލާއަކީ އުތުރުގައި އުފެދިފައިވާ ފްރީޑައިވް ގްރޫޕެކެވެ. އަދި މި ގްރޫޕުގެ ރައީސް އުމައިރް އަކީ ބޭރުގެ މުބާރާތްތަކުގައިވެސް ފްރީ ޑައިވް ކުރުމުގައި ބައިވެރިވެފައިވާ ފަރާތެކެވެ. ފްރީޑައިވް ކެލާއިން ހާމަ ކުރާ ގޮތުގައި، މި ކޯހުގައި ބައިވެރިވުމަށް އަދިވެސް ނަންނޯޓު ކުރުން ކުރިއަށް އެބަދެއެވެ. މި ގޮތުން، ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން freedivepassion.com އަށް ޒިޔާރަތް ކުރުމަށްވެސް އެ ފަރާތުންވަނީ އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!