ރޭ އުދަ އެރުމުގެ ސަބަބުން ށ. އަތޮޅުގެ ބައެއް ރައްތަކަށް އެކިވަރުގެ ގެއްލުންތައް ވެއްޖެއެވެ.
މިގޮތުން އެ އަތޮޅުގެ ބައެއް ރަށްރަށަށް އުދަ އެރުމުގެ ސަބަބުން ގެއްލުންތަކެއް ވެފައިވާކަން އެ ރަށްރަށުގެ ކައުންސިލް ތަކުން އަންނަނީ ހާމަ ކުރަމުންނެވެ.
މިގޮތުން ށ. އަތޮޅުގެ ވެރިކަންކުރާ ފުނަދޫގެ ކައުންސިލުން ބުނެފައި ވަނީ އެރަށަށް އުދަ އެރުމުގެ ސަބަބުން ބައެއް ގޭގެއަށާއި، އެރަށުގެ ދަނޑު ބިންތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
އެ އަތޮޅު މަރޮއްޓަށްވެސް އުދަ އެރުމުގެ ސަބަބުން ގެއްލުންތަކެއް ލިބިފައިވާއިރު، މާއުނގޫދޫ ކައުންސިލުން ވެސް ވަނީ އެރަށަށް އުދަ އަރާ، ބައެއް ގޭތަކަށާއި، ދަނޑުބިން ތަކަށް ގެއްލުން ވެފައިވާކަމަށް ބުނެފައެވެ.
ށ. ފޯކައިދޫއަށް ވެސް ރޭ ވަރަށް ބޮޑަށް އުދަ އެރިކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ. ނަމަވެސް އެރަށުން އުދަ އެރި ސަރަހައްދަކީ މީހުން ދިރިއުޅޭ ސަރަހައްދެއް ނޫން ކަމަށާއި، އެހެން ކަމުން އެރަށުގެ އެއްވެސް ގެއަކަށް ގެއްލުން ލިބިފައި ނުވާކަމަށް އެރަށުގެ ކައުންސިލުން ބުނެއެވެ.
ރޭ ވަނީ އެއަތޮޅު ނަރުދޫއަށް ވެސް ވަރަށް ބޮޑަށް އުދަ އަރާފައެވެ. އެގޮތުން، ނަރުދޫ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ނިޒާރު ''ތިލަދުން'' އަށް ވިދާޅުވީ އެރަށަށް އުދައެރުމުގެ ސަބަބުން 8 ގެއަށް ލޮނު ވަދެފައިވާ ކަމަށެވެ. އަދި 3 ގެއެއްގެ ގެއާއި ބަދިގެއަށް ލޮނުވަދެ ބައެއް ގެއްލުން ވެފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ.
ށ. އަތޮޅުގެ ބައެއް ރަށްރަށުގެ ބައެއް ގޭތަކަށް އުދަ އަރައި، ގެއްލުންތަކެއް ވެފައިވާއިރު، މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސަސްއިން ވަނީ ށ. އަތޮޅުން ފެށިގެން ވ. އަތޮޅުގެ ސަރަޙައްދަށް ރޭ 23:30 އިން ފަތިހު 4:30 އަށް ހުދު ސަމާލު ނެރެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!