ށ. ނަރުދޫއަށް އުދަ އަރައި ބައެއް ގޭތަކަށް ލޮނުވަދެ، ގެއްލުންތަކެއް ވެއްޖެއެވެ.
ނަރުދޫއަށް އުދަ އަރާފައި ވަނީ ރޭ މެންދަމު 2:00 އިން 2:30 އާއި ދެމެދުގެ ވަގުތެއްގައެވެ.
ނަރުދޫ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ނިޒާރު ''ތިލަދުން'' އަށް ވިދާޅުވީ އެރަށަށް އުދައެރުމުގެ ސަބަބުން 8 ގެއަށް ލޮނު ވަދެފައިވާ ކަމަށެވެ. އަދި 3 ގެއެއްގެ ގެއާއި ބަދިގެއަށް ލޮނުވަދެ ބައެއް ގެއްލުން ވެފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ.
''ރޭ 2 ޖަހާކަށްހާއިރުން ފެށިގެން ރައްޔިތުން މިދަނީ ޕަމްޕް ބަހައްޓައިގެން ލޮނު ވަތް ގޭތަކުން ލޮނު ހިއްކައި ސާފު ކުރުމުގެ މަސައްކަތް ކުރަމުން، އަށެއްކަ ގެއަށް ވަނީ ލޮނުވަދެފައި، ތިން ގެއަށް ބޮޑަށް ލޮނުވަދެ ގެއްލުން ތަކެއްވެސް ވެފައި ވަނީ، ލިބުނު ގެއްލުންތައް ބަލަމުން މި ދަނީ''
ނިޒާރު ވިދާޅުވިއެވެ.
ރަށުތެރެއަށް އުދަ އަރާފައި
ނިޒާރު ވިދާޅުވީ ބައެއް ގޭތަކަށް ލޮނު ވަނުމުގެ އިތުރުން ރަށުގެ ބޮޑު ސަރަޙައްދަކާއި، ބައެއް މަގުތަކަށް ވެސް ލޮނުގަނޑު ފެތުރިފައިވާ ކަމަށެވެ. އަދި ރަށު ތެރެއިން ލޮނު ހިއްކުމުގެ މަސައްކަތްވެސް ރައްޔިތުން ކުރަމުން ގެންދާ ކަމަށް ނިޒާރު ވިދާޅުވިއެވެ.
އެރަށަށް އުދައަރާފައިވާ ކަމުގެ މައުލޫމާތު މިހާރު ވާނީ ށ. އަތޮޅު ކައުންސިލަށާއި އަދި ށ. އަތޮޅު ޕޮލިސްއަށް ވެސް ހިއްސާ ކުރަށްވާފައި ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.
ނަރުދޫއަށް އުދައަރައި، ރަށުތެރެއަށް ދެމިގަތް ލޮނުގަނޑު ރަށުގެ ބައެއް ސަރަހައްދު ތަކާއި، މަގުތަކުގައި ވެސް ވަނީ ކަކުލާއި ހަމައަށް ބޮޑުވެފައެވެ.
އުދައެރުމުގެ ސަބަބުން ރަށުތެރޭ ބޮޑުވި ލޮނުގަނޑު ހިއްކުމުގެ މަސައްކަތް ނަރުދޫ ރައްޔިތުންގެ ބަޔަކު ކުރަނީ، ފޮޓޯ: ނަރުދޫ ފޭސްބުކް ޕޭޖް
ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ނަރުދޫއަށް އުދައަރައި ބައެއް ގޭތަކަށް ގެއްލުންތަކެއް ވެފައިވާއިރު، މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސަސްއިން ވަނީ ށ. އަތޮޅުން ފެށިގެން ވ. އަތޮޅުގެ ސަރަޙައްދަށް ރޭ 23:30 އިން ފަތިހު 4:30 އަށް ހުދު ސަމާލު ނެރެފައެވެ.
ނަރުދޫއަށް އުދަ އަރައި ގެޔަކަށް ލޮނުގަނޑު ވަދެފައި
އެ ހުދު ސަމާލުގައި ބުނެފައި ވަނީ، އެ ސަމާލުގެ ވަގުތުގައި އެ ސަރަހައްދުތަކަށް ބޯކޮށްވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގާތް ގަނޑަކަށް 45 މޭލަށް ވައިގަދަވެ، ކަނޑު ގަދަ ވާނެ ކަމަށް އެ ސަމާލުގައި ބުނެފައި ވެއެވެ.
މީގެއިތުރުން ށ. މާއުނގޫދޫއަށް ވެސް އުދަ އެރުމުގެ ސަބަބުން އެރަށުގެ ބައެއް ގޭތަކަށާއި، ދަނޑުބިން ތަކަށް ގެއްލުން ވެފައިވާ ކަމަށް އެރަށު ކައުންސިލުން ވެސް ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!