ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި މޯލްޑިވް ގޭހުގެ ފަރާތުން ބެހެއްޓި އޮކްސިޖަން ޕްލާންޓް ހުޅުވައި، ހިދުމަތް ދޭން ފަށައިފި އެވެ.

އުތުރުގެ އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދާ ހޮސްޕިޓަލް ކަމަށްވާ، ކޭއާރުއެޗްގައި، މޯލްޑިވް ގޭހުގެ ފަރާތުން ބެހެއްޓި އޮކްސިޖަން ޕްލާންޓް ހުޅުވައި ދެއްވީ މިއަދު ހަވީރު އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއް ލަތީފެވެ.

Ad
rt

މި ޚިދުމަތް ފެށިގެން ދިޔުމާއި ގުޅިގެން ޔާސިރު ވިދާޅުވީ، ‏ހަރުފަތަކަށް ފަހު ހަރުފަތެއް ދަނީ ގިރާކުރެވެމުން ކަމަށެވެ.

"ރައްކާތެރި އިތުބާރުހިފޭ ސިއްޙީ ނިޒާމެއް މިދަނީ މުޅިރާއްޖޭގައި ޤާއިމްކުރެވެމުން. އަތޮޅުތެރޭގެ ސިއްހީ ނިޒާމަށް މިގެވޭ ފަހި ބަދަލާއި އެކު ރައީސް ‎ ޞާލިޙްގެ ނަންފުޅު އަތޮޅުތެރޭގެ ރައްޔިތުންގެ ހިތްތަކުގައި ރަންއަކުރުން ލިޔެވިގެންދާނެ"

ޔާސިރު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން، މޯލްޑިވް ގޭހުގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރު އަލީ އިކްރާމް ވިދާޅުވީ، މިއީ މާލެ ނޫން އެހެން ރަށެއްގައި ގާއިމުކުރެވުނު ފުރަތަމަ މެޑިކަލް ގޭސް ޕްލާންޓް ކަމަށެވެ.

އަދި މި ޚިދުމަތް ޑީސެންޓްރަލައިޒް ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުޙައްމަދު ޞާލިޙް ނިންމެވީ ކޯވިޑްގެ ހާލަތުގައި މާލެއިން އަތޮޅުތަކަށް ތަކެތި ސަޕްލައި ކުރުމަށް ކުރިމަތިވި ދަތިތަކާހެދި، މިޚިދުމަތަކީ ކޮންމެހެންވެސް ސަރަހައްދީ ބޮޑެތި ހޮސްޕިޓަލްތަކުން ލިބެން ހުންނަ ޖެހޭނެ ހިދުމަތަކަށްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެކުނުން އައްޑޫ ސިޓީގައި އާއި ހައްދުން މައްޗާއި، އަދި ގދ. ތިނަދޫގައި މި ޚިދުމަތް ފަށަން ނިންމާފައިވާކަން ހާމަކޮށް އޭނާ ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ މި ޚިދުމަތް ޑީސެންޓްރަލައިޒްކޮށް ބޮޑެތި ސަރަހައްދުތަކަށް ފުޅާކުރުން ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ، މި ޚިދުމަތަކީ، މިއަހަރު ނިމުމުގެ ކުރިން ހޮސްޕިޓަލްގެ ކުރިއެރުމަށް އިތުރުވި އާ ބޮޅެއްކަމަށާއި، އެ ހޮސްޕިޓަލްގެ މައިގަނޑު އެއް އަމާޒަކީ ރައްޔިތުންނާ އެންމެ ގާތުން ހިދުމަތް ދިނުން ކަމަށެވެ.

ކޭއާރުއެޗްގެ ގޯތިތެރޭގައި ހުޅުވި މި ގޭސް ޕްލާންޓުން އުތުރުގެ ތިން އަތޮޅަށް ބޭނުންވާ އޮކްސިޖަން އުފެއްދޭއިރު، މިއީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތަށް އިތުރު ކުރިއެރުން ލިބިގެން ދާނެ ޚިދުމަތެކެވެ.