މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ފަރާތުން ތ އަތޮޅާއި ލ އަތޮޅާއި ދެމެދު ލޯންޗް ފެރީގެ ޚިދުމަތް ފަށައިފިއެވެ.

މިގޮތުން މިއަދުފެށި، މި ފެރީގެ ނިޒާމުގެ ތެރެއިން ދަތުރު ކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ތ. ވޭމަންޑޫގެ އިތުރުން އެ އަތޮޅު ތިމަރަފުށި އަދި ލ. ގަމެވެ. ހަފްތާއަކު ހަތަރު ދުވަހު މި ދަތުރުތައް ބޭއްވުމަށް ޝެޑިއުލް ކޮށްފައިވާއިރު އެ ދުވަސްތަކަކީ ހޮނިހިރު، އާދީއްތަ، އަންގާރައިގެ އިތުރުން ބުރާސްފަތި ދުވަހެވެ.

Ad
rt

މި ފެރީގެ ނިޒާމުގެ ތެރެއިން ވޭމަންޑޫއިން ތިމަރަފުއްޓަށް އެއްކޮޅަށް ދަތުރުކުރެވޭ ޓިކެޓްގެ އަގަކީ 75.00 ރުފިޔާއެވެ. ދެކޮޅު ޓިކެޓުގެ އަގަކީ 150.00 ރުފިޔާއެވެ. ވޭމަންޑޫއިން ފުރުމަށް ހަމަޖެހިފައިވަނީ ހެނދުނ 07:00 ގައެވެ.

ވޭމަންޑޫ އަދި ތިމަރަފުށިން ލ.ގަމަށް އެއްކޮޅު ޓިކެޓުގެ އަގަކީ 250.00 ރުފިޔާއެވެ. ދެކޮޅު ޓިކެޓުގެ އަގަކީ 400.00 ރުފިޔާއެވެ. ތިމަރަފުށިން ގަމަށް ފުރުމަށް ހަމަޖެހިފައިވާ ގަޑިއަކީ ހެނދުނު 07:15 އެވެ.

މި ޚިދުމަތް ފެއްޓެވުމުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޒް ފައްޔާޒް އިސްމާއިލް އަދި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ، ލ.ގަމު ދާއިރާގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވިސާމްގެ އިތުރުން ލ.ފޮނަދޫ ދާއިރާގެ މަޖިލީހުގެ މެމްބަރު މޫސާ ސިރާޖު ދެއްވި އެއްބާރުލުމަށް އެމްޓީސީސީގެ ފަރާތުންވަނީ ޝުކުރު ދަންނަވާފައެވެ.