ހއ.މާރަންދޫ ފެނަކަ އާ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފިއެވެ.
މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމުން ފެނަކައިން ބުނެފައިވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް ހއ. މާރަންދޫ ފެނަކަ އާ އޮފީސް އިމާރާތް، އިމާރާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައި ވަނީ 28 ޑިސެމްބަރުން 30 ޑިސެމްބަރ 2020 އަށް، އެދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރުފަހު 14:00 އަށެވެ.
އަދި މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚަކީ 4 ޖެނުއަރީ 2020ގެ މެންދުރުފަހު 14:00 އެވެ. މަޢުލޫމާތު ސާފު ކުރެއްވޭނީ އީމެއިލްގެ ޒަރިއްޔާއިން ކަމަށް ފެނަކައިން ބުނެފައި ވެއެވެ.
މި މަސައްކަތަށް ކުރިމަތި ލުމަށް އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައި ވަނީ 5 ޖެނުއަރީ 2020ގެ މެންދުރު 13:00 އެވެ. މި މި މަސައްކަތަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވަން ޖެހެނީ ފެނަކަ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ކުރެހުން އަދި ބީ.އޯ.ކިޔު ހިމެނިފައިވާ ސީ.ޑީ ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ރަޖިސްޓަރ ކުރައްވާ ވަގުތު ހިއްސާކުރެވޭނެ ކަމަށް ފެނަކައިން ހާމަކުރަށްވައެވެ.
ފެނަކައިން އަތޮޅުތެރޭގައި ދެމުންދާ ޚިދުމަތް ފުރިހަމަކޮށް، ރަށްތަކުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައު އިންޖީނުގެތައް އިމާރާތް ކުރުމާއި، އައު އޮފީސްތައް އިމާރާތް ކުރުމުގެ ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
އޭޝިއާ ސަރަޙައްދުގެ އެންމެ މަތީ އަދި އެންމެ މަޤްބޫލު ޔުޓިލިޓީ އެވޯޑް ކަމަށްވާ "އޭޝިއަން ޕަވަރ އެވޯޑްސް"ގެ ހަތަރު އެވޯޑެއް ފެނަކަ ކޯޕަރޭޝަނަށް މިއަހަރު ވަނީ ލިބިފައެވެ. އެ އެވޯޑު ތަކަކީ ޕަވަރޕްލާންޓް އަޕްގްރޭޑް އޮފް ދި އިޔަރ (ރާއްޖެއިން)، ޕަވަރ ޔުޓިލިޓީ އޮފް ދި އިޔަރ (ރާއްޖެއިން)، ސޯލަރ ޕަވަރ ޕްރޮޖެކްޓް އޮފް ދި އިޔަރ (ރާއްޖެއިން) އަދި ސީ.އީ.އޯ އޮފް ދި އިޔަރ (ހުރިހާ ޤައުމަކުން) އެވެ. މީގެ އިތުރުން މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި 2019 ވަނަ އަހަރުގެ އެކްސެލެންސް އިން ޔުޓިލިޓީ އެވޯޑް ވެސް ފެނަކަ ވަނީ ކާމިޔާބުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!