ހއ. އިހަވަންދޫ މަސްވެރިންވެސް އިހުތިޖާޖު ކުރަންފަށައިފިއެވެ.
އެރަށު މަސްވެރިން އިހުތިޖާޖު ފަށާފައިވަނީ މިއަދު މެންދުރުފަހު 14:00 އިން ފެެށިގެންނެވެ.
މިގޮތުން އެރަށުގެ ގިނަ އަދަދެއްގެ މަސްވެރިން ދަނީ އިހަވަންދޫ ބަނދަރު ސަރަޙައްދުގައި ތިބެ ޝުއޫރު ފާޅު ކުރަމުންނެވެ.
އެ އިހުތިޖާޖުގައި ބައިވެރިވާ މަސްވެރިން، މަސްވެރިންގެ ހައްގުތައް ދިނުމަށް ގޮވާލައި އަޑު އުފުލަމުން ދާއިރު، ބައެއް މަސްވެެރިން ހިފަހައްޓައިގެން ތިބި ބޯޑު ތަކުގައި "މަސްވެރިންނަށްވީ ވަޢުދު ކޮބާ؟"، "ދިވެހިންގެ ލޭ ނާރާ ނުކުޅޭތި"، "މި ސަރުކާރުން މަސްވެރިން އިނދަ ޖައްސައިފި" ފަދަ އިބާރާތްތައް ލިޔެފައި ވެއެވެ.
މި އިހުތިޖާޖުގައި އިހަވަންދޫ ކައުންސިލް ރައީސް މުހައްމަދު ރަޝީދާއި، އެރަގެ އާންމު ރައްޔިތުން ވެސް ބައިވެރި ވަމުންދާ އެ އިހުތިޖާޖުގެ ލައިވް މަންޒަރުތަކުން ފެނެއެވެ.

މަސްވެެރިންނަށް ހަމަ އަގު ހޯދައިދީ، މަސްވެރިންގެ ހައްޤުތައް ހިމާޔަތް ކޮށްދިނުމަށް އެދި ގޮވާލާ ކުރިއަށް ދާ މި އިހުތިޖާޖުގައި މަސްވެރިން ދަނީ 17 ދުވަސް ވަންދެން އައިސްއަޅައިގެން ފެލިވަރު ބޭރުގައި އޮންނަން ޖެހޭ ކަމަށާއި، މަސްވެރިން ބޭނުމީ ޑޮލަރު ކަމަށް ވެސް ގޮވައިލާފައެވެ.

އެ އިހުތިޖާޖު މިއަދު އޮންނާނެކަން ޢިއުލާންކޮށް އިއްޔެ "މަސްވެރި އިހަވަންދޫ" ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ "އިހަވަންދޫގައި މިއަދު މަސްވެރިން ކުރަނީ ސުލްހަވެރި މުޒާހަރާއެއް ކަމަށެވެ. އަދި އެ އިހުތިޖާޖު ކުރުމުގައި ސިޔާސީ އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތް ކަމަށް ވެސް އެ ޕޭޖުގައި ބުނެފައިވެއެވެ.
އިހަވަންދޫ މަސްވެރިން މިއަދު އިހުތިޖާޖު ކުރަންފަށާފައި މިވަނީ، ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށް، ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންތަކެއް، ފެލިވަރުގައި ޑިސެމްބަރު 22 ވަނަ ދުވަހު އިހުތިޖާޖު ކޮށްފައި ވަނިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!