ހދ. ވައިކަރަދޫގެ ބަނދަރު ސަރަހައްދުގައި އެރަށުގެ ނަން ރަމްޒު ކޮށްދޭ މޮނިއުމަންޓެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވައިކަރަދޫ ކައުންސިލްގެ އިދާރާއިން ހުޅުވާލައިފި އެވެ.
އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެއިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 27 ޑިސެމްބަރ 2020ވާ އާދިއްތަ ދުވަހު ހެނދުނު 11:00 އަށް އެއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 29 ޑިސެމްބަރ 2020ވާ އަންގާރަ ދުވަހު ހެނދުނު 11:00 އަށް އެއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދޭކަމަށެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާ ކަނޑައެޅިފައިވާ ގަޑީގެ ފަހުން ދުރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ކަމަށާއި އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށްފައިވާ ލިޔުމަކާއެކު ފޮނުއްވެވުން އެދޭކަމަށް އެއިޢުލާނުގައި ބުނެފައިވެއެވެ.
މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު 18/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަފަރުދުންގެ ވިޔަފާރީގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތާއި ގުޅޭ، އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި އެއިދާރާގެ ނަމްބަރު 6520046 ފޯނާއި ގުޅުއްވުން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!