ކެލާ ދާއިރާގެ ކުޅިވަރުގެ ހާލަތާއި ގުޅޭކަންކަމާއި، އެ ދާއިރާގެ ޒުވާނުންގެ ކަންބޮޑުވުންތައް ކުޅިވަރާއިބެހޭ ވަޒީރު، އަޙްމަދު މަހްލޫފާއި ހިއްސާ ކޮށްފިއެވެ.

މިކަންކަން ހިއްސާ ކުރެއްވީ، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ)، ކުޅިވަރާއިބެހޭ ވަޒީރު، އަޙްމަދު މަހްލޫފާއިއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައިއެވެ.

Ad
rt

އިއްޔެ ޔޫތު މިނިސްޓްރީގައި ކުރިއަށްދިޔަ މި ބައްދަލުވުމާއި ގުޅޭގޮތުން އިބްރޭ "ތިލަދުން"އަށް ވިދާޅުވީ އެ ބައްދަލު ވުމަކީ ކުޅިވަރާއިބެހޭ ވަޒީރު މަހްލޫފްގެ ފަރާތްޕުޅުން އުންމީދީ ޖަވާބުތަކެއް ލިބިގެން ދިޔަ ބައްދަލުވުމެއް ކަމަށެވެ.

"ބައްދަލު ވުމުގައި 2021 ވަނަ އަހަރަށް ދާއިރާގެ ރަށްރަށަށް ޔޫތު މިނިސްޓްރީގެ ދަށުން ހިންގަން ކަނޑައެޅިފައިވާ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު، އާ އަހަރު ފެށުމާއިއެކު ބަޖެޓް ލިބުނުހާ އަވަހަކަށް ކެލާ ދާއިރާގެ ކަންކަން ފައްޓަވައި ދެއްވަން މިނިސްޓަރު އަރިހުގައި އެދުނިން"

އިބްރޭ ވިދާޅުވިއެވެ.

އިބްރޭ ވިދާޅުވީ އެ ބައްދަލު ކުރެއްވުމުގައި، ދާއިރާގެ ކުޅިވަރުގެ ހާލަތު މިހާރު އޮތްގޮތާއި، ޒުވާނުންގެ ކަންބޮޑުވުންތައް ވެސް މިނިސްޓަރާއި ހިއްސާކުރެވި، އެކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

"ރަށްރަށުގެ ދަނޑުތަކާއި، ކުޅިވަރު ކޯޓު ތަކާއި، އަދި މި ނޫންވެސް ކުޅިވަރާއިގުޅޭ ކަންކަމަށް ބޭނުންވާ ހައްލު ވީހާވެސް އަވަހަށް ހޯދައިދޭން ދެންނެވިން"

އިބްރޭ ވިދާޅުވިއެވެ.

އިބްރޭ ވިދާޅުވީ، އެ ބައްދަލުވުމުގައި މިނިސްޓަރު ދެއްކެވި ވާހަކަތަކުން ވަރަށް ބޮޑު އުންމީދެއް ލިބިވަޑައިގެން ކަމަަށެވެ. އަދި އުންމީދަކީ ދާއިރާގެ ކުޅިވަރުކަންކަމަށް ބޭނުންވާ ކަންކަން ވީހާވެސް އަވަހަށް ހާސިލްވެ، ޒުވާނުންގެ އުންމީދުތަކުގައި ކުލަ ޖެހިގެން ދިޔުން ކަމަށެވެ.

ކެލާ ދާއިރާގައި ހިމެނޭ ރަށްތަކަކީ ކެލާ، ވަށަފަރު އަދި ފިއްލަދޫއެވެ.