ހދ.ނޮޅިވަރަމުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމުގައިވާ ޕްރޮގްރެސިވް އެސޯސިއޭޝަން އޮފް ނޮޅިވަރަމް ޔޫތު (ޕެނީ) ގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ވޮލީ ކޭމްޕް ފަށައިފިއެވެ.
ދެ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މި ކޭމްޕް ފަށާފައިވަނީ 17 ޑިސެމްބަރ 2020 ވީ ބުރާސްފަތި ދުވަހުއެވެ. މި ކޭމްޕްގައި ޖުމްލަ 51 ބައިވެރިން ވަނީ ބައިވެރި ވެފައެވެ. އެއީ ފިރިހެން 27 އަދި އަންހެން 24 ބައިވެރިންނެވެ.
މި ކޭމްޕާއި ގުޅޭގޮތުން ތިލަދުން ނޫހަށް މަޢުލޫމާތު ދެމުން ޕެނީ ކުލަބުން ބުނެފައިވަނީ މި ކޭމްޕް ކުރިއަށް ގެންދިޔުމުގެ މަޤުޞަދަކީ ނޮޅިވަރަމުގައި ޒުވާނުން ވޮލީއަށް އޮންނަ ޝަޢުޤު އިތުރު ކުރުމާއި އަދި ރަށުގެ ޒުވާނުންގެ މެދުގައި ވޮލީގެ ހުނަރު އިތުރު ކުރުން ކަމަށެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމުގައި ޕެންޓަގްރާމް އާއި ނޮޅިވަރަމް ކައުންސިލް އިދާރާގެ ފަރާތުން ލިބެމުން އަންނަ އެހީތެރިކަން ފާހަގަކޮށް އެ ކުލަބްގެ ފަރާތުން ވަނީ އެ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.
މި ކޭމްޕް ނިންމާލުމަށް ހަމަޖެހިފައިވަނީ 31 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!