ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ތިބި އިތުރު ދެ މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ކެލާ ކައުންސިލުން ބުނީ އެމީހުން ކޯވިޑަށް ޕޮޒިޓިވްވެފައި ވާކަން އެނގުނީ އެރަށު ގެއެއްގައި ހޯމް ކަރަންޓީންގައި ތިބި 3 މީހެއް ކޯވިޑަށް ޓެސްޓް ކުރުމަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ދެމީހެއްގެ ސާމްޕަލް ކޯވިޑަށް ޕޮޒިޓިވް ވުމުން ކަމަށެވެ.

Ad
rt

އެރަށުން ވަނީ ޑިސެމްބަރު 14 ވަނަ ދުވަހު ވެސް ހޯމް ކަރަންޓީނުގައި ހުރި ކުއްޖަކު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

އެރަށުން އިތުރުން ދެ މީހުން ކޯވިޑަށް ޕޮޒިޓިވް ވުމުން، ޕޮޒިޓިވް ވެފައިވާ މީހުންނަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ކެލާ ކައުންސިލުން ބުންޏެވެ.

"ހޯމް ކަރަންޓީނަށް މާލެއިން އައިސް ތިބޭ ފަރާތްތަކަށް ޒިޔާރަތް ކުރުމަކީ ރައްކާތެރި ކަމެއްނޫން އަދި އެޗްޕީއޭ އިން މަނާވެސް ކޮށްފައިވާ ކަމެއް، ކޯވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ފަރުދީ ޒިންމާ އަދާ ކުރައްވާ. ހޯމް ކަރަންޓީން ގައި ތިބޭ ފަރާތްތަކަށް ޒިޔާރަތްކުރުން ހުއްޓަލަމާ."

ކެލާ ކައުންސިލުން ބުނެފައި ވެއެވެ.

މީގެ އިތުރުން މިއަހަރުގެ އޮކްޓޯބަރު މަހު އެކަކު، އަދި ސެޕްޓެމްބަރ މަހު ވެސް ވަނީ އެރަށުން ހޯމް ކަރަންޓީނުގައި ތިއްބާ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އެމީހުން މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ. އަދި އިންޑިއާއިން ބޭސްފަރުވާއަށް ފަހު ކެލާއަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހެއް، ފަރުވާއަށް ކުޅުދުއްފުށީ ކަރަންޓީނު ފެސިލިޓީގައި ހުއްޓާ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ވަނީ ނިޔާވެފައެވެ. އެމީހާއަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އެމީހާ ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

ކެލާއިން ފުރަތަމަ ކޯވިޑަށް ޕޮޒިޓިވްވީ އެރަށު ސަވާރީ ބޯޓު ކޭހާއި ގުޅޭ 10 މީހެކެވެ. އެ އެންމެން ވެސް ވަނީ ބަލިން ރަނގަޅުވެފައެވެ.