ހދ. ނޮޅިވަރަމްގެ ރައްޔިތުން އިތުރަށް ދީނީ ގޮތުން ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
މާދަމާފެށޭ މިހަރަކާތްތައް 14 ދުވަހަށް ދެމިގެން ދާނެއެވެ. މިގޮތުން މިހަރަކާތައް ނިންމާލާނީ މި ހިނގާ ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހުއެވެ.
މިހަރަކާތްތަކަކީ ނޮޅިވަރަމްގައި ދީނީ ގިނަ ހަރަކާތްތަކެއް ހިންގަމުންއަންނަ ނޮޅިވަރަމް ޖަމިއްޔަތުއްރިސާލާއާއި، ނޮޅިވަރަމް ކައުންސިލާއި، އަދި އެރަށުގެ ބައެއް ކްލަބް ޖަމިއްޔާތައް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.
މާދަމާ ފަށާ މިހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ ކޮންމެ ދުވަހެއްގެ މަޣްރިބު ނަމާދަށްފަހު ކުރިއަށް ގެންދާ ޢަޤީދާ ކިލާހާއި، ނަމާދު ކޭމްޕަކާއި އަދި ޢަރަބި ބަސް ދަސްކޮށްދޭ ކިލާސްތައް ހިމެނެއެވެ.
މީގެއިތުރުން ގިނަ ދަރުސްތަކެއް ވެސް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. މިގޮތުން މިސްކިތުގައި ދެވޭ ދަރުސް ތަކަކާއި، އާންމު ދަރުސްތަކާއި، ކުޑަކުދިންނަށް ޚާއްޞަކޮށްގެން ދޭ ދަރުސްއާއި، ޢާއިލާތަކަށް ޚާއްޞަ ދަރުސްއާއި އަދި ކަނބަލުންނަށް ޚާއްޞަ ދަރުސް ހިމެނެއެވެ.
މިހަރަކާތްތަކުގެ ތެރޭގައި ވަނީ ހަރަކާތްތައް ކުރިއަށް ގެންގޮސްދެއްވާ ސެއިޚާއެކު ވަގުތު ހޭދަކޮށް، ދީނީ ކަންކަން އޮޅުން ފިލުވޭނެ ގޮތަށް ވެސް ކަންކަން ރާވާފައެވެ. މިގޮތުން ސެއިޚާއިއެކު ޕިކްނިކް ދަތުރެއް ދިޔުމާއި، ސެއިޚާއެކު ކޮފީއަށް ދިޔުމާއި، ސައިޚާއިއެކު ހެނދުނުގެ ސަޔަށް އިންސާފުކުރުމުގެ ހަރަކާތަކާއި އަދި ސެއިޚާއެކު މަސްދަތުރު ދިޔުމުގެ ހަރަކާތެއްވެސް ރާވާފައި ވެއެވެ.
މިހާރުވެސް ދީނީ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ނޮޅިވަރަމަކީ އާބާދީގައި 2600 އަށްވުރެ ގިނަ މީހުން ހިމެނޭ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!