ދިވެހި ދައުލަތުން މި އަހަރު ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށް ބާއްވަވާ ރަސްމީ ޖަލްސާ، މި މަހުގެ 26ވާ ހޮނިހިރު ދުވަހުގެރޭ ބާއްވަވާގޮތަށް ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ މި ޖަލްސާ އޮންނާނީ، މި މަހުގެ 26ވާ ހޮނިހިރު ދުވަހުގެރޭ 8:30 ގައި ޖުމްހޫރީ މައިދާނުގައި ކަމަށެވެ. އަދި މި ޖަލްސާ ބާއްވަވަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

Ad
rt

މި ޖަލްސާގައި ދެއްވާ އިނާމުތަކުގެ ތެރޭގައި، ޤައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ހިމެނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި ޖަލްސާގެ ކަންތައްތައް ރާއްވަވަމުން ގެންދަވަނީ، އެޗް.ޕީ.އޭ.ގެ އިރުޝާދާއެކު ކޯވިޑުގެ ޙާލަތާ ގުޅިގެން އަޅުއްވަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައި ކަމަށެވެ. އަދި އެ ޖަލްސާއަށް ދަޢުވަތު އަރުވާ ބޭފުޅުންގެ އަދަދު، އެހެން އަހަރުތަކަށްވުރެ މި އަހަރު މަދުވާނެ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށް މި ބާއްވަވާ ޖަލްސާ އިންތިޒާމު ކުރައްވަނީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.