ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުންގެ ފަރާތުން މައްސަލަ ފޮނުވާފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފި އެވެ.
އެ ހާދިސާ ހިނގާފައި ވަނީ މިއަހަރުގެ ޖޫން 26 ވަނަ ދުވަހުގެ ރޭ ފަތިހުއެވެ. އެ ހާދިސާގައި ޖިންސީގޯނާ ލިބުނީ ކެންޔާއަށް ނިސްބަތްވާ، ރާއްޖޭގައި ވަޒީފާ އަދާކުރަން އައިސްއުޅުނު އަންހެނަކަށް ކަމަށް މީޑިއާގައި ވަނީ އޭރު ރިޕޯޓުކޮށްފައެވެ.
އެމައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި 2 ދިވެހި ފިރިހެނުން ފުލުހުން ވަނީ ޖެހިގެންއައި ދުވަހު ދޫކޮށްލާފައެވެ. އެ ދެމީހުން ދޫކޮށްލުމާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް އެދުވަހު ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށާއި އެ ދެމީހުން ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން، އެ ދެމީހުން ދޫކޮށްލާފައިވާ ކަމަށެވެ. އެ ދެމީހުން ދޫކޮށްލުމުން ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެ، މުޒާހަރާތައް ވެސް ކުރިއެވެ.
އެމައްސަލައާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ބައެއް މީޑިއާތަކަށް ވިދާޅުވި ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މަޝްވަރާގެ މަތިން ފުރިހަމަކުރަން އެދުނު ބައެއް ކަންކަން ފުރިހަމަކޮށްފައި ދައުވާކުރަން ވަނީ ފޮނުވާފައެވެ.
އެމައްސަލައިގެ ތަފްސީލް ހާމަ ނުކުރެއްވި ނަމަވެސް ޕީޖީ އޮފީހުންވެސް ވަނީ ފުލުހުންގެ ފަރާތުން ސަފާރީ ކޭސްގެ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކުރަން އެދި އެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އަދި އެ މައްސަލަ ބަލައިގަތުމަށް ނިންމާފައިވާކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!