އިލެކްޝަން ކޮމިޝަން (އީސީ)އިން ރާއްޖޭގެ ތިން ސިޔާސީ ޕާޓީއަކަށް 11 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އީސީގެ ރައީސް އަޙްމަދު ޝަރީފާއި ހަވާލާދީ، ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގައި ރިޕޯޓުކޮށްފައިވާ ގޮތުން އީސީއިން މިފަހަރު ފައިސާ ދޫކޮށްފައި ވަނީ އެކޮމިޝަންގެ ދަފުތަރުގައި މެންބަރުންގެ ޢަދަދު ވެސް އެންމެ ގިނަ 3 ޕާޓީކަމަށްވާ ވެރިކަންކުރާ މައި ޕާޓީ (އެމްޑީޕީ)އާއި، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށެވެ.

Ad
rt

މިގޮތުން އެމްޑީޕީއަށް 5.8 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ޕީޕީއެމްއަށް ދޫކޮށްފައި ވަނީ 3.9 މިލިއަން ރުފިޔާއެވެ. އަދި ޖޭޕީއަށް 1.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މި ތިން ޕާޓީއަށް މި ފައިސާ ދޫކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެކި ފިޔަވަހިތަކަށް ބަހާލައިގެން އީސީއިން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަމުން ދާއިރު މިއަހަރު ކުރީކޮޅުވެސް ޕާޓީތަކަށް ވަނީ ފައިސާ ދޫކޮށްފައެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވަނީ ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން، ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަން ވާނީ 10 ހާސް މެންބަރުން ހަމަވާ ޕާޓީތަކަށް އެކަނިކަމަށެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި 10 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވާއިރު، 10،000 މެންބަރުން ހަމަވަނީ ވެސް އެ ތިންޕާޓީގައިއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ މިއަހަރުވެސް ލިބެނީ ވެސް މިފަހަރު ފައިސާ ދޫކުރި ތިން ސިޔާސީ ޕާޓީއަށް ކަމަށް އީސީއިން ވަނީ މިއަހރުގެ މާރިޗް17 ވަނަ ދުވަހު ބުނެފައެވެ. އެދުވަހު އީސީއިން ހާމަކުރި ގޮތުގައި އަހަރު ދުވަހު ޖުމްލަ ފައިސާގެ ގޮތުގައި އެމްޑީޕީއަށް 17،612،793.01 ރުފިޔާ ލިބެއެވެ. ދެވަނައަށް އެންމެ ބޮޑު ޕާޓީ ޕީޕީއެމަށް ލިބެނީ 11،814،609.65 ރުފިޔާއެވެ. ޖޭޕީއަށް ލިބެނީ 3،974،249.34 ރުފިޔާއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވަނީ ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާއަކީ ދައުލަތުގެ އަހަރީ ބަޖެޓްގެ 1.0 އިންސައްތައާއި %0.2 އިންސައްތައާ ދެމެދުގެ ޢަދަދަކަށް ވާންޖެހޭނެ ކަމަށެވެ.

މި އަހަރު ދައުލަތުގެ ބަޖެޓްގެ ގޮތުގައި ކަނޑައަޅާފައިވާ 37 ބިލިއަން ރުފިޔާގެ ތެރެއިން ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ކަނޑައަޅާފައިވަނީ 33.4 މިލިއަން ރުފިޔާއެވެ.