މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާ ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 15 އިންސައްތަ އަދި ‏އެ އަތޮޅު ފީވަކު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 65 އިންސައްތަ މަސައްކަތް ނިމިފައިވާކަމުގައި އެ ކުންފުނިން ބުނެފިއެވެ.

ފޯކައިދޫ ބަނދަރުގެ މަޝްރޫޢުއާއި ގުޅޭގޮތުން އެމްޓީސީސީއިން މިއަދު ހާމަކޮށްފައިވާ މަޢުލޫމާތުގައިވަނީ އެ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބަނދަރަށް އަލަށް އިތުރު ކުރެވޭ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން 45،795 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 17 ސެޕްޓެމްބަރ 2020 ގައެވެ.

ށ.ފީވަކު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިގައިވާއިރު މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމުގައި އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން، 55,163 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުން ހިމެނިފައިވާއިރު، 356 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 182 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި އަދި 2،320 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނިފައިވެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އަށް ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 69.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު މޮބަލައިޒް ކުރެވިފައިވަނީ 13 ސެޕްޓެމްބަރ 2019 ގައެވެ.

އެމްޓީސީއަކީ ސަރުކާރުން ހިންގަވާ އެންމެގިނަ ތަރައްޤީގެ މަޝްރޫޢުތައް ހިންގަވަމުންދާ ސަރުކާރުގެ ކުންފުންޏެވެ. މިގޮތުން އެ ކުންފުނިން މިހާރުވެސް ދަނީ އެއާޕޯޓުތަކާއި، ބަނދަރުތަކާއި، ބިންހިއްކުމުގެ މަސައްކަތްތަކާއި، މަގު ހެދުމުގެ މަޝްރޫޢުތަކާއި އަދި އިމާރާތް ކުރުންފަދަ ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއް އެއްފަހަރާ ހިންގަމުންނެވެ.