ކޯވިޑްގެ ހާލަތުގެ ސަބަބުން މުޅި ރާއްޖެ ފުރަބަންދަށްގޮސް، އަލުން އައު އާންމު ހާލަތުގައި ސްކޫލްގެ ހުޅުވާލުމާއިއެކު ޓީމް ވޯކް ރަނގަޅުކޮށް، ގުޅުން ބަދަހިކޮށްލަން ހދ. ނޮޅިވަރަންފަރު ސްކޫލްގެ މުވައްޒަފުން ކޮށްލީ ވަރަށް ތަފާތު ކަމެކެވެ.

މިގޮތުން އެ ސްކޫލްގެ މުވައްޒަފުން ތިން ބަޔަށް ބަހާލައި، ސްކޫލްގެ ބަގީޗާވެސް ތިންބައި ކޮށްލައި، ސްކޫލުގެ މުވައްޒަފުންގެ ތެރެއިން ހޮވާލެވުނު ތިން ޓީމުން ފެށީ ސްކޫލްގެ ބަގީޗާ ޗާލު ކޮށްލުމުގެ މަސައްކަތެވެ.

Ad
rt

މި މަސައްކަތް ފެށީ އެންމެ ރީތި ބަގީޗާ ހޮވާ ގޮތަށެވެ. މި މަސައްކަތް ފެށުމަށް އުސޫލެއް ވެސް އެކުލަވާލިއެވެ. މާކުސް ދެވޭނެ ގޮތާއި، އެންމެ ރަނގަޅު ބަގީޗާ ހޮވަން ބަލާނެ މިންގަނޑުތަކާއި، ގޮތްތައް އެ އުސޫލުގައި ހިމެނިއެވެ. އަދި މަސައްކަތް ފުރިހަމަ ކުރުމަށް 2 މަސް ދުވަސް ދިނެވެ. މަސައްކަތް ނިންމަން ދިން ސުންގަޑިއަކީ ހުސްވި ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހެވެ.

އެންމެ ރީތި ބަގީޗާއަކަށް ހޮވުނު ލޯރެލް ގާޑަން ބަގީޗާ

ނޮޅިވަރަންފަރު ސްކޫލުން ކުރިއަށްގެންދިޔަ މި މަސައްކަތާއި ގުޅޭގޮތުން އެ ސްކޫލްގެ ޕްރިންސިޕަލް ޢަލީ އަޙްމަދު ''ތިލަދުން''އަށް ވިދާޅުވީ، މިކަމަކީ ކޯވިޑްގެ ސަބަބުން ބަންދުކުރި ސްކޫލްތައް އަލުން ހުޅުވާލުމުން އެ ސްކޫލްގެ މުވައްޒަފުން އިސްނަގައިގެން ފެށި މަސައްކަތެއް ކަމަށެވެ.

''މި މަސައްކަތުގެ އެންމެ ބޮޑު މަޤްޞަދަކަށްވީ އެހާ ގިނަ ދުވަހު ސްކޫލާއި ދުރުގައި ގޭގައި ތިބުމަށްފަހު އަލުން އެކުގައި މަސައްކަތް ފަށާއިރު ޓީމު ވޯކު ރަނގަޅުކޮށް ކުރިންވެސް އޮތް މިންވަރަށް ޓީމު ބިލްޑްކުރުން، އަދި ސްކޫލް މާހައުލަކީ ސްކޫލްގެ މުވައްޒަފުންނާއި، ދަރިވަރުންނަށް ވެސް ހިތްފަސޭހަ ހިތްގައިމު ތަނަކަށް ހެދުން، އެގޮތުން ފެށުނު މަސައްކަތެއްމީ''

ޢަލީ އަޙްމަދު ވިދާޅުވިއެވެ.

ޢަލީ ވިދާޅުވީ އެސްކޫލް މުވައްޒަފުންނަކީ އަބަދުވެސް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ކަމަށެވެ. އެ ސްކޫލްގެ ބަގީޗާ ރީތިކުރުމަށް ކުރެވުނު މަސައްކަތުން އެކަން އިތުރަށް ސާބިތުކޮދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ދެވަނައަށް ހޮވުނު މެދު މައިޒާން ބަގީޗާ

''މުވައްޒަފުންގެ ވަރަށް ބުރަ މަސައްކަތްމީ، ރަށުތެރެއިން ކަޅުވެއްޔާއި، ގަސް ހޯދައިގެން ވަރަށް ވަގުތު ދީގެން ކުރިމަސައްކަތެއްމީ، ޖުމްލަކޮށް މިކަމަށް ހިނގި ޚަރަދުތައްވެސް ކޮށްފައިވަނީ މުވައްޒަފުން އަމިއްލައަށް، ބަގީޗާގައި ހުރި ލަކުޑިގޮޑިތައް ކަހަލަ އެއްޗެހި ހެދުމަށް ރަށުގެ އެކަމުގެ ފަންނުވެރިންގެ އެހީތެރިކަންހޯދި، އެހެން ހުރިހާ މަސައްކަތެއް ކުރީވެސް ހަމަ މުވައްޒަފުން އަމިއްލައަށް''

ޢަލީ ވިދާޅުވިއެވެ.

ޢަލީ ވިދާޅުވީ އެމަސައްކަތްކޮށް ދެއްވި ސްކޫލްގެ އެންމެހާ މުވައްޒަފުންނަށް ޝުކުރު ދަންނަވާކަމަށާއި، އެކަމުގައި ޝާމިލްވެ އެހީތެރިވެ އެންމެން ވެސް އެ ޝުކުރުގައި ޝާމިލް ކުރަށްވާ ކަމަށެވެ.

ނޮޅިވަރަންފަރު ސްކޫލްގެ ބަގީޗާ ރީތިކޮށް، ނަލަކޮށްލުމަށް ހިންގުނު މިހަރަކާތުގައި އެންމެ ރީތި ބަގީޗާއެއްގެ ގޮތުގައި ހޮވުނީ ''ލޯރެލް ގާޑަން'' އެވެ. ދަވަނަ އަށް ''މެދު މައިޒާން'' ދިޔައިރު ތިންވަނަ ލިބުނީ ''ގޯލްޑަން ބްލޫމް'' އަށެވެ.

ތިންވަނައަށް ހޮވުނު ގޯލްޑަން ބްލޫމް ބަގީޗާ

އެންމެ ރީތި ބަގީޗާ ހޮވުމުގައި އެ ސްކޫލުން ވަނީ އެ ސްކޫލްގެ ގްރޭޑް 9،10ގެ ދަރިވަރުންނާއި، މުވައްޒަފުންގެ މެދުގައި ވޯޓެއް ނަގާފައެވެ. އަދި ރަށުގެ ތިން މުއައްސަސާއެއްގެ ވެރިން ބައިވެރިކޮށްގެން އެންމެ ރީތި ބަގީޗާ ހޮވުމުގައި އެ ތިން މުއައްސަސާގެ ވެރީން މެދުވެރިކޮށް ވަނީ އިންސާފުކޮށްފައެވެ.

މީގެއިތުރުން ތިން ބަގީޗާ ހެދުމުގައި ބައިވެރިވި ޓީމުތަކަށް ނޮޅިވަރަންފަރު ސްކޫލްގެ ފަރާތުން ރަމްޒީ ހަދިޔާއެއް ވެސް ދީފައެވެ.

ނޮޅިވަރަންފަރު ސްކޫލުން ކުރިއަށް ގެންދިޔަ މިހަރަކާތަކީ އެހެން ސްކޫލްތަކުންވެސް ތަޖުރިބާ ކޮށްލަން ރަނގަޅު، އުފެއްދުންތެރި ވިސްނުމެއްގެ މައްޗަށް ބިނާ ކުރެވިފައިވާ ހަރަކާތެކެވެ.