އުތުރުގެ ރަށެއްގައި ރުޤްޔާކުރުމުގެ ނަމުގައި އަންހެނަކާއި އޭނާގެ 3 ދަރިންނަށް ޖިންސީ ގޯނާކުރި މައްސަލާގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނެފައިވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އިއްޔެ ނިންމާފައިވަނީ މި މައްސަލާގައި ހައްޔަރުކުރި އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އޭނާއަކީ ރުޤްޔާ ކުރުމުގެ ނަމުގައި ތިންމައިންނަށް ޖިސްމާނީ އަނިޔާދީ ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މީހާކަމަށާއި މިމިހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައި މިވަނީ އެނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުންކަމަށް ފުލުހުން ބުނެފައިވެއެވެ.
އަންހެނަކަށް ރުޤްޔާ ކުރުމުގެ ނަމުގައި ރަހީނުކޮށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށް އެ އަންހެންމީހާ ވަނީ ބަޔެއް މީޑިޔާޔަކަށްވެސް ކިޔާދީފައެވެ. އަދި ރުޤްޔާކުރުމުގެ ނަމުގައި އައި މީހާ މި އަންހެންމީހާގެ 3 ދަރިންނަށްވެސް ޖިންސީ ގޯނާކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލާގައި ހައްޔަރުކުރި ދެމީހުންގެ ތެރެއިން މީގެ ކުރިން ވަނީ އަންހެން މީހާއާއި ކައިވެނިކޮށްގެން އުޅޭ 39 އަހަރުގެ ފިރިހެނަކުވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައެވެ. އެކުދިންނަކީ މި މީހާގެ ދޮންދަރިންނެވެ.
ފުލުހުން ބުނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ޖެންޑަރ މިނިސްޓްރީ ގުޅިގެން ތަހްގީގުކުރަމުން އަންނަކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!