ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލި ފަހުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ލައްކަ އަކަށްވުރެ އިތުރުވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، 110 ފަހުން އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލީ މި ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.

Ad
rt

ބޯޑަރު އަލުން ހުޅުވާލިފަހުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ލައްކަ އަކަށްއެރިއިރު، މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެއްލައްކަ ވަނަ ފަތުރުވެރިޔާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އޭނާއަކީ ސްވިޒަލެންޑަށް ނިސްބަތްވާ ޖޭސްމިން ބުރްކީ ނަމަކަށް ކިޔާ އަންހެން ފަތުރުވެރިއެކެވެ.

މިގޮތުން އޭނާއަށް މަރުޙަބާ ކިޔުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމެޕެނީ ލިމިޓެޑް (އެމްއޭސީއެލް)، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަދި މޯލްޑިވްސް އިމިގްރޭޝަން އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެންނެވެ.

އެ ފަތުރުވެރިޔާއަށް ރާއްޖޭގެ ފަރާތުން ވަނީ ހަދިޔާއެއް ވެސް ދީފައެވެ. މި ހަދިޔާ ހަވާލުކޮށް ދެއްވީ، ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އެމްއޭސީއެލްގެ ސީއީއޯ، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ، އަދި އިމިގްރޭޝަންގެ ކޮންޓްރޯލާއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލިފަހުން މި ޑިސެމްބަރު މަހުގެ 7 ދުވަހުގެ ނިޔަލަށް ރާއްޖެ އައިސްފައި ވަނީ 90،437 ފަތުރުވެރިންނެވެ. މީގެތެރޭގައި ހިމެނެނީ ޖުލައިމަހު ރާއްޖެއައި 1752 ފަތުރުވެރިންނާއި، އޮގަސްޓްމަހު އައި 7628 ފަތުރުވެރިންނާއި، ސެޕްޓެމްބަރމަހު އައި 9538 ފަތުރުވެރިންގެ އިތުރުން އޮކްޓޯބަރ މަހު 21،515 ފަތުރުވެރިން އަދި އަދި މިދިޔަ މަހު 35,759 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި މި މަހުގެ ހަތްވަނަ ދުވަހު ނިޔަލަށް ރާއްޖެ އަށް ވަނީ 14،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މީގެ އިތުރުން ޑިސެމްބަރު 11 ވަނަ ދުވަހުގެ ނިޔަލަށް މި އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމުލަ އަދަދު ވަނީ 479،800 އަށް އަރައިފަ އެވެ.