ވިޔަފާރިވެރިން ތިބެނީ އަބަދުވެސް ސަރުކާރާއެކުގައި ކަމަށާއި، މަސައްކަތްތެރީން ތިބޭނީ ކޮންމެ އިންތިޚާބެއްގައި ވޯޓުދޭން ބައެއްގެ ގޮތުގައި ހަދާފައި ކަމަށް، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީ.ކޭ.އެމް.ޔޫ) އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރި އަދި ޓޫރިޒަމް އެމްޕްލޯއިމެންޓް އެސޯޝިއޭޝަން (ޓީމް)ގެ ރައީސް މައުރޫފް ޒާހިރު (މާއްޓޭ) ބުނެފިއެވެ.

އޭނާ މިގޮތަށް ބުނީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީ.ކޭ.އެމް.ޔޫ) ގެ އިފްތިތާޙީ ޖަލްސާ، އަދި ހިންގާ ކޮމިޓީ އިންތިޙާބު ކުރުމަށް ތިލަފުށީ ފަޅުތެރޭގައި މިއަދު ކުރިއަށް ދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

Ad
rt

ބީކޭއެމްޔޫ އުފެއްދުމުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެ، އެ ޖަމްޢިއްޔާ އުފެދިގެން ދިޔައިރު ގިނަ މަސައްކަތްތަކެއް ކުރި މައުރޫފް މިއަދު އޭނާގެ ވާހަކަ ފަށަމުން ބުނީ އޭނާ ވާހަކަ ދައްކަން ބޭނުން ވަނީ މަސްވެރިންގެ ބަހުރަވައިން ކަމަށެވެ.

ވަރަށް ޖޯޝާއި، ވަރުގަދަ އަޒުމެއް ފާޅުކުރަމުން އޭނާ ބުނީ ބޮޑުކަންނެލި މަސްވެރިންގެ ޖަމްޢިއްޔާ އިފްތިތާހް ކުރަން ބާއްވާ ބައްދަލުވުމަކީ، މަސްވެރިން މިއިން ދުވަހަކުވެސް އުންމީދު ކުރި ވަރަށްވުރެ ބޮޑު، ފުރިހަމަ ބައްދަލުވުމެއް ކަމަށެވެ.

''އެންމެން އެކަތި ގަނޑަކަށްވޭ، މިކަހަލަ އިވެންޓެއް ބޭއްވީމަ ހައްގުތައް ލިބޭނެ ކަމަށް ހީނުކުރާތި، މިއީ ފެށުމެއް މިފެށުން މާބާރަށް ގެންގޮސް މަސައްކަތް ހުއްޓާލާ މުޒާހަރާކޮށް މަސްތައް މާލެއަށް ގެންނަ ހިސާބަށް ދިޔައީމަ ނޫނީ އަހަރެމެންގެ ހައްގުތައް ކަށަވަރެއް ނުވާނެ، ގަބޫލުކުރޭ ވިޔަފާރިވެރިން ތިބޭނީ އަބަދުވެސް ސަރުކާރާއެކީގައި، މަސައްކަތްތެރީން ތިބޭނީ ކޮންމެ އިންތިޚާބެއްގައި ވޯޓުދޭން ޖެހޭ ބައެއްގެ ގޮތުގައި ހަދާފައި''

މަޢުރޫފް ބުންޏެވެ.

އޭނާ ބުނީ ކޮންމެ އިންތިޚާބެއްގައި ވެސް ކޮންމެ ބަޔަކު އައިސްވެސް އެތައް ވަޢުދެއް މަސްވެރިންނަށް ވާނެ ކަމަށެވެ. އަދި އެއިން ވަޢުދެއްގައި ދުވަހަކުވެސް ކުލަޖެހޭ މަންޒަރެއް ނުފެންނާނެ ކަމަށް އޭނާ ބުންޏެވެ.

''ސަބަބަކަށް ވަނީ ވެރިކަމަށް އަންނަ ހިސާބުން މަސްގަންނަ ފަރާތްތަކާއި ވިޔަފާރިވެރިން ސަރުކާރު އަތްދަށުލާނެ، ސަރުކާރު ހިންގާ ޕާޓީތަކަށް ޚަރަދު ކުރާނެ، އެކޮންމެ ބަޔަކު އައިކަމަށް ވިޔަސް، މަސްވެރިންގެ މަތިން ހަނދާންނައްތާލާނެ، އެހެންވީމަ މަސްވެރިން މިއަދު އަޒުމު ކަނޑައަޅަންވީ މިފެށި ފެށުމަށް ކުރިއަށް ގޮސް، ދޭތިން އެކަށްޗަށް ކުރިއަށް ގޮސް އަހަރެމެންގެ ހައްގުތައް ހޯދުން، ތިޔައީ ބާރު ހުރި ބަޔެއް، ކިތައް ޢާއިލާތޯމީ، ކިތައް ދޯނިތޯ މިތާ މިއޮތީ، ކިތައް ދިވެހި ރައްޔިތުންތޯ މީ، އަހަރެން ބާރު ހޯދާ، ހޯދައިގެން މިބާރުވެރިކަން އަތްދަށަށް ގެންނަންވީ، މަސްވެރިން މަސް ކުންފުނި އުފައްދަންވީ، މަސްވެރިން މަސް ގަންނަންވީ، އަހަރެމެން މަސް ބޭރު ކުރަންވީ، އޭރުން ބޭނުން އަގެއްގައި، ބޭނުންތަނަކަށް މަސް ބޭރު ކުރެވޭނެ''

މަޢުރޫފް ބުންޏެވެ.

މަޢުރޫފް ބުނީ މިއަދު ފެށުނު ފެށުން ކުރިއަށްދާނެ ކަމަށާއި، ކުރިއަށް ދާނީވެސް އެންމެން އެކަތި ގަނޑަކަށްވެ، އެއް އަޒުމެއްގައި މަސައްކަތްކޮށްގެން ކަމަށެވެ. ''މިހެން އެއްވެލިޔަކަސް ހައްގުތަކެއް ނުލިބޭނެ،'' ކަމަށް ތަކުރާރުކޮށް އޭނާ ބުންޏެވެ.

މިއަދު އެބައްދަލުވުން ބާއްވައި، އެ އަޑު އުފުލީމައި އެތަނަށް ނާންނަ މީހުން އެކަމަށް ހަޖޫޖަހައި، މިތިބީ ކަންނެލި ކިލޯއެއް 90 ރުފިޔާއަށް ހެދި މީހެންނޭ ކިޔައި، މަލާމާތް ކޮށްފާނެ ކަމަށާއި، އެއީ ފިނޑިން ކަމަށާއި، އެވާހަކަތަކަށް ބެލުމެއްނެތި ދާންވީ ކުރިއަށް ކަމަށް އޭނާ ބުންޏެވެ. އަދި އެ ގޮތަށް އެމަސައްކަތް ނުކޮށްފިނަމަ ދުވަހަކުވެސް މަސްވެރިންނަށް ހައްގު މިންވަރު ނުލިބޭނެ ކަން އޭނާގެ ވާހަކާގައި ވަނީ ތަކުރާރުކޮށްފައެވެ.

އޭނާ ބުނީ މަސްވެރިންގެ ހައްގުތައް ހޯދައިދެވޭނީވެސ،ް ކަންނެއްޔަށް ހަމަ އަގު ހޯދައި ދެވޭނީ ވެސް މިއަދު ކުރެވޭ މަސައްކަތުން ކަމަށާއި، އެމަސައްކަތް ކުރުމަށް އެއްވެ ބައިވެރިވި މީހުންނަށް ކަމަށެވެ. އަދި ފަސްނުޖެހި މަސައްކަތުގައި ކުރިއަށް ދިޔުމަށް ގޮވާލައި، އެމަސައްކަތް ހުއްޓާލަންވާނީ ކާމިޔާބުކޮށްފައި ކަމަށްބުނެ ''އާނއެކޭ'' ބުނުމަށް މަސްވެރިން ކިބައިން އޭނާ އެދުނެވެ. އެވަގުތު މަސްވެރިން އެއް އަޑަކުން 'އާނއެކޭ'' ގޮވާ އަޑުން މުޅިތަން ގުގުމަމުން ދިޔައެވެ.

''މަސްވެރިން ފަހަތަށް ޖެހިގެން ނުވާނެ، އަހަރެމެންގައިގާ ހުންނާނީ ތާޒާލޭ، ދިވެހިލޭ، ކަނޑުގެ ލޭ، މިއަކު ހައްޔަރެއް ނުކުރެވޭނެ، މިއީ ވަކި ބަޔަކާ ދެކޮޅަށް ކުރާ ކަމެއް ނޫން، އަހަރެމެންގެ ކާފަމެން ނެތި ދިޔައީ މަސްވެރިކަމުގައި، އަދި ވެސް ކެރޭނެ، އަދިވެސް ދެލޯފުޅާ ކެރޭނެ، ބައެއް މީހުން ހައްޖަށްވެސް ނުދެވި މަރުވެދިޔައީ،...''

އޭނާ ބުނީ މިއަދު ނުކުމެ ތިބީ އެކަންކަން ހާސިލް ކުރަން ކަމަށާއި، އަމިއްލަ ކުރިމަގަށްޓަކައި އަދި އަމިއްލަ ދަރީންނަށްޓަކައި މަސްވެރިކަމުގެ މުޅި ސިނާއަތް މަސްވެރީންގެ އަތްމައްޗަށް ގެންނަން ޖެހޭކަމަށެވެ.

''މަސްވެރިން މިކަން ނުކުރިއްޔާ މަށަކަށް މި ލީޑަރޝިޕަކަށް މިކަމެއް ނުކުރެވޭނެ، އެހެން މަސްވެރިން ނައިނަމަ އަހަރެމެން އޮންނާނީ އެންމެ ދޯންޏެއް، ތިޔަ މަސްވެރިންނާއިއެކީގައި މިކަން ކުރެވޭނީ، މަސްވެރިން ވަރަށް ސާބިތުކަމާއެކީގައި ތަފާތު ވަހަކަތައް ދައްކާނެ، ބުނާނެ މީ ސިޔާސީ ކަމެކޭ، އެއްބަޔަކު ބުނާނެ މީ ސިޔާސީ ބަޔެކޭ، އަނެއް ބަޔަކު ބުނާނެ ވަކި ބަޔަކު މޮޅު ކާލަން އުޅެނީއޭ، ކިތައްމެ އެކަހަލަ ވާހަކައެއް ދެއްކިއަސް އެކަމަށް އަހަރެމެން އިޖާބަ ދީގެން ނުވާނެ، ސިޔާސީ ކަމެއް އަހަރެމެންނަށް ކުރަން މަނާ ވަނީތަ؟ ހުރިހާ ވިޔަފާރިވެރިންނަށް ސިޔާސީ ވެވޭ، އެމީހުންނަށް މުދާ ހޯދަން ސިޔާސީ ވެވޭ، މަސްވެރިންނަށް ހައްގު ހޯދާކަށް ސިޔާސީއެއްނުވެވޭ، މިއީ އަޖައިބެއްނު''

މައުރޫފް ބުންޏެވެ.

މައުރޫފް ބުނީ ބަދަލު ގެނެވޭނީ ހިތްވަރެއް ހުރެގެން ކަމަށާއި، ދައްކާހާ ވާހަކައަކަށް ނުހެއްލުމަށް އެދޭ ކަމަށެވެ. އަދި އެ ޖަމްޢިއްޔާއިން މަސްވެރިން ބޭނުންނުވާ ގޮތަށް އެއްވެސް ކަމެއް ނުނިންމާނެ ކަމަށް އޭނާ ބުންޏެވެ.

މައުރޫފް ވަނީ އެ ޖަމްޢިއްޔާގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ރާއްޖޭގެ ކޮންމެ އަތޮޅަކުން މަންދޫބަކު އައްޔަނު ކުރުމަށް ވެސް ހުށަހަޅާފައެވެ. ކަަންކަން ނިންމަމުން ދާނީ އެ މަންދޫބުން މެދުވެރިކޮށް، ޚިޔާލާއި މަޝްވަރާހޯދައިގެން ކަމަށާއި، މަސްވެރިން ބޭނުންވާ ގޮތަށް ކަންކަން ނުދާނަމަ މަސްވެރިން އެ ޖަމްޢިއްޔާއާއި ދެކޮޅަށް ނުކުންނަންވީ ކަމަށް އޭނާ ބުންޏެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީ.ކޭ.އެމް.ޔޫ) ގެ ނަމުގައި މަސްވެރިންގެ ހައްޤުގައި ވަކާލާތުކޮށް އަޑު އުފުލުމަށް މިޖަމިއްޔާ ރަޖިސްޓްރީކޮށްފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ. މިޖަމިއްޔާއިން އަންނަނީ ތަފާތު ހަރަކާތްތައް މަސްވެރިންނާއި ގުޅިގެން ހިންގަމުންނެވެ.