ދައުލަތުގެ އިދާރާއަކުން ކަމެއްކުރަން، ނުވަތަ ޚިދުމަތެއް ހޯދަން ނުވަތަ ވަޒީފާއެއް ހޯދަން، ނުވަތަ ބީލަމެއް ހުށަހަޅަން ބޭނުންވިޔަސް، ކޮންމެ މީހަކަށްވެސް މިހާރު ޤަބޫލުކުރެވިފައި އޮންނަނީ، އެކަމެއް ހާސިލުކުރެވޭނީ، އެ އިދާރާގެ ކޮންމެވެސް މީހެއްގެ އެހީތެރިކަމާއި އެކުގައި ކަމަށާއި، ހަމައާއި އުޞޫލުން ބޭރުން ކަންތައްތައް ކުރުމުގެ އާދައަކީ މިހާރުން މިހާރަށް ބަދަލުކުރަންޖެހިފައިވާ ޘަޤާފަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މި މޭރުމުން ވިދާޅުވީ ބައިނަލްއަޤްވާމީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ޓްރާންސްޕޭރެންސީ އެންޑް އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2020 ނިންމުމުގެ ރަސްމިއްޔާތުގައި ދެއްވި ވީޑިއޯ މެސެޖުގައެވެ.

Ad
rt

ރައީސް ވިދާޅުވީ ދައުލަތުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވެގެންދާ ގޮތަށް ހުރި، ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށެވެ. އެއްކަމަކީ، ޕްރޮކިއުމަންޓްގެ ކަންތައް މިހާތަނަށް އޮތްގޮތް ކަމަށާއި، އަދި ދައުލަތުގެ އިދާރާތަކަށް ބޭނުންވާ ތަކެތި ހޯދުމުގައި ގެންގުޅޭ ހަމަތަކާއި އުޞޫލުތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދެވަނަ ކަމަކީ، ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ބީލަމުގެ ކަންތައް ރޭވިފައި ހުރިގޮތް ކަމަށާއި، އަނެއްކަމަކީ، ދައުލަތުގެ އިދާރާތަކުން ޚިދުމަތް ދިނުމުގައި ޢަމަލުކުރެވޭ ގޮތްތައް ކަމަށާއި، އަދި އޭގެ އިތުރުން، ވަޒީފާ ދިނުމުގައި ޢަމަލުކުރަމުން އައިގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

''ދައުލަތުގެ އިދާރާއަކުން ކަމެއްކުރަން، ނުވަތަ ޚިދުމަތެއް ހޯދަން ނުވަތަ ވަޒީފާއެއް ހޯދަން، ނުވަތަ ބީލަމެއް ހުށަހަޅަން ބޭނުންވިޔަސް، ކޮންމެ މީހަކަށްވެސް މިހާރު ޤަބޫލުކުރެވިފައި އޮންނަނީ، އެކަމެއް ހާސިލުކުރެވޭނީ، އެ އިދާރާގެ ކޮންމެވެސް މީހެއްގެ އެހީތެރިކަމާ އެކުގައި ކަމަށް. މިހެންވުމުން، އެންމެ ފުރަތަމަވެސް ބަލަނީ ތިމަންނާގެ ރައްޓެއްސެއް، ނުވަތަ ރައްޓެއްސެއްގެ ރައްޓެއްސެއް ނަމަވެސް އެތަނެއްގައި ހުރިތޯ. މިއީ ޙަޤީޤަތުގައިވެސް ކަން ހިނގަމުން އައިގޮތް. މިހާހިސާބުން އެ ފެށެނީ، ހަމައާއި އުޞޫލުން ބޭރުން ކަންތައްތައް ކުރުމުގެ އާދަ. މިއީ، މިހާރުން މިހާރަށް ބަދަލުކުރަންޖެހިފައިވާ ޘަޤާފަތެއް.''

ރައީސް ވިދާޅުވީ ''އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭކަމަކީ، އެ ވާހަކަ ދައްކާ މީހާވެސް، ކޮރަޕްޝަނާ ދުރުވުން.'' ކަމަށެވެ.

ރާއްޖޭގައިވެސް ނުބަލައި ދޫކޮށްލާފައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި، އެންމެފަހުން ފެންމަތިވި، އެންމެ ބޮޑު މައްސަލައަކީ، އެމް.އެމް.ޕީ.އާރް.ސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މައްސަލަވެސް ފެންމަތިވީ، ރިޔާސީ ލޯންޗުކޮޅު ގޮއްވާލައި، ވެރިކަން ގެއްލިދާނެކަމުގެ ބިރު ހީވި ހިސާބުން ކަމަށާއި، ޙަޤީޤަތުގައި، އެމް.އެމް.ޕީ.އާރް.ސީގެ ބޮޑު ޚިޔާނާތް، އޭރުގެ ސަރުކާރުން ހާމަކުރީ، ކޮރަޕްޝަނާ ދެކޮޅަށް ކުރި ކަމެއްގެ ގޮތުގައެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަން ކުރީ، ވެރިކަން ފުރޮޅައިލާން އުޅޭކަމަށް ޝައްކުކުރެވުނު ބަޔަކު ހިފައި ހައްޔަރުކުރަންޖެހި މަޅިއެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވިއެވެ.

''މި ސަރުކާރުގެ ސިޔާސަތަކީ، ކޮރަޕްޝަނަށް ނޫނެކޭ ބުނެ، ކޮރަޕްޝަންގެ ޢަމަލުތައް ރިޕޯޓްކުރަން ހިތްވަރު ދިނުން. އަދި ކޮރަޕްޝަންގެ ޢަމަލުތައް ފަޅާއަރުވައިލާ މީހުންނަށް ޤާނޫނުން ރައްކާތެރިކަން ހޯދައިދިނުން. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޢަމަލުކުރަން ފެށި، ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ އެންމެ ބޮޑު ބޭނުމަކީވެސް، ކޮރަޕްޝަންގެ މައްސަލަތައް ފަޅާއަރުވައިލާ މީހުންނާ ދެކޮޅަށް ޤާނޫނީ ފިޔަވަޅެއް ނޭޅޭނެކަން ކަށަވަރުކުރުން. އޭގެ އިތުރުން، ކޮރަޕްޝަނާއި ޚިޔާނާތާއި ފަސާދައިގެ ޢަމަލުތަކަށް ޖަވާބުދާރީވަނިވި، ދެފުށް ފެންނަ، ނަޒާހަތްތެރި ޘަޤާފަތެއް ދައުލަތުގެ އިދާރާތަކާއި، ޢާންމު ރައްޔިތުންގެ ކިބައިގައި އަށަގެންނެވުމަކީވެސް، މި ޤާނޫނުގެ ވަރަށް މުހިންމު މަޤްޞަދެއް.''

ރައީސް ވިދާޅުވިއެވެ.

''ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، ޒީރޯ ޓޮލަރެންސް ކެމްޕެއިން ފެށިފަހުން، ސަރުކާރުގެ ކޮރަޕްޝަންގެ ޢަމަލުތައް އިތުރުވެއްޖެޔޭ. އަޅުގަނޑު ދަންނަވާނީ، ވިސްލްބްލޯ ޕޯރޓަލް އާއި ވިސްލްބްލޯ ޤާނޫނު ވުޖޫދަށް އައިފަހުން، ކޮރަޕްޝަންގެ ޢަމަލުތައް ހުށަހެޅޭ މިންވަރު، އެތައް ގުނައެއް އިތުރުވެއްޖެޔޭ. އެކަން އެހެން މެދުވެރިވަނީ، ކޮރަޕްޝަން ހުއްޓުވަން މި ސަރުކާރުން ބޭނުންވާކަން ރައްޔިތުންނަށް ޤަބޫލުކުރެވި، ކޮރަޕްޝަންގެ މައްސަލަތައް މިނިވަންކަމާއެކު ހުށަހެޅޭނެ މަގު ރައްޔިތުންނަށް ފަހިވެފައި އޮތީމަ. މި ދެންނެވި ނިޒާމުގެ ތެރެއިން ހުށަހަޅާ ޝަކުވާތަކާމެދު، އަޅުގަނޑު އަޅަންޖެހޭ ފިޔަވަޅުތައްވެސް މި އަންނަނީ އަޅަމުން. އެފަދަ މައްސަލަތަކުގެ ތެރެއިން ތަޙުޤީޤީ އިދާރާތަކުގެ ލަފައަށް ބިނާކޮށް، ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް އެބަ އަޅަން. އަދި ޕޯރޓަލްއިން ފާހަގަވާ ކަންކަމާމެދު، މުއައްސަސާތަކާ މަޝްވަރާކޮށް، ޕޮލިސީ ލެވެލްގަޔާއި، ހިންގުމުގެ ލެވެލްގައި ގެންނަންޖެހޭ އިޞްލާޙުތައްވެސް އެބަ ގެންނަން.''

ރައީސް އިތުރަށް ވިދާޅުވިއެވެ.

މި ވީޑިއޯ މެސެޖުގައި ރައީސް ޞާލިޙް ވަނީ ކޮރަޕްޝަން ހުއްޓުވުމަށް މި ސަރުކާރުން އިތުރަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަ ކުރަށްވާ ވެސް ވާހަކަ ދައްކަވާފައެވެ. މިގޮތުން ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން މާލީ ބަޔާން ހުށަހެޅުމާއި، މާލީ ބަޔާންތައް ޢާންމުކޮށް ފެންނާނޭހެން ހާމަކުރުމާއި، ކޮރަޕްޝަން ހުއްޓުވުމުގެ ގޮތުން، ޤާނޫނުލްޢުޤޫބާތަށް ދެ ކުށެއް އިތުރުކުރުމަށް ދެ އިޞްލާޙެއް ހުށަހެޅުމާއި، މާލިއްޔަތު ޤަވާޢިދުން ކޮރަޕްޝަނަށް ހުރި ހިރާސްތައް ކުޑަކުރުމަށްޓަކައި، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށާއި ޤަވާޢިދަށް، އަދި ޕްރޮކިއުމަންޓް ގައިޑްލައިންތަކަށް ބަދަލުގެނައުމާއި، ބިޑްކުރުމަކާ ނުލައި މަސައްކަތް ޙަވާލުކުރެވޭގޮތަށް، މާލިއްޔަތު ޤަވާޢިދުގައި އޮތް މާއްދާ އިޞްލާޙުކޮށް ޢަމަލުކުރަން ފެށުމާއި، ދައުލަތުގެ އޮފީސްތަކުން ކުރުވާ މަސައްކަތްތަކުގެ އެގްރީމަންޓް ހެދުމުގެ ކުރިން، ބީލަމާ ގުޅިގެން މައްސަލަ ހުށަހަޅަން ވަކި މުއްދަތެއް ދިނުމަށް ލާޒިމުކޮށް، އެފަދަ މައްސަލަތައް ބެލުމަށްފަހުގައި މެނުވީ ކޮންޓްރެކްޓްތަކުގައި ސޮއިނުކުރެވޭނެ ގޮތަށް ޤަވާޢިދު އިޞްލާހު ކޮށް، އެފަދަ މައްސަލަތައް ބެލުމަށް މިނިވަން ކޮމިޓީއެއް ވަނީ އުފައްދުމާއި، އަދި ނޭޝަނަލް ޓެންޑަރ ބޯޑުން އެވޯޑް ކުރާ ހުރިހާ މަސައްކަތްތަކެއް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުން ކުރުންފަދަ ކަންކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ކޮންފަރެންސްގައި ކުރެއްވި މަޝްވަރާތަކުގެ އަލީގައި ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުވުމަށް މަގުފަހިވެގެންދާނެ ކަމަށާއި، އަދި ދައުލަތް ހިންގުމާއި ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން، ކޮރަޕްޝަން ނައްތާލުމުގައި، ދައުލަތުގެ އެންމެހައި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމުގެ ފަހި މާޙައުލެއް ޤާއިމުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.