ހދ.ކުޅުދުއްފުށި ޑަބްލިއު ސްޕޯޓްސް އެކަޑަމީ (ޑަބްލިއުއެސްއޭ) ފަރާތުން އިންތިޒާމް ކޮށްގެން ދެ ޑިވިސަނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ "ޑަބްލިއުއެސްއޭ ހޭންޑްބޯލް ބެޓްލް 2020" ގެ ދެ ޑިވިސަންގެ ޗެމްޕިއަންކަން ފެމެލީ ބޭކާރސްގެ ޓީމުތަކުން ހޯދައިފިއެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ޓާފް އެރީނާ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ ފައިނަލް މެޗުތައް ކުޅެފައިވަނީ 08 ޑިސެމްބަރ 2020 ވީ އަންގާރަ ދުވަހުގެ ރެއެވެ.

Ad
rt

މި މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލް މެޗުގައި ބައްދަލު ކޮށްފައިވަނީ ފެމެލީ ބޭކާރސްއާއި ޓީމް ނޮޅިވަރަމެވެ. ފައިނަލް މެޗު 9-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފެމެލީ ބޭކާރސް ޓީމުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފެމެލީ ބޭކާރސް ޓީމުގެ ޖޯޒީ ނަމްބަރ 7، އައިމިނަތު ހިބާ ފައިސަލްއެވެ.

މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަން ޓީމު، ފެމިލީ ބޭކާސް، ފޮޓޯ: ޑަބްލިޔު ސްޕޯޓްސް އެކަޑަމީ

މި މުބާރާތުގެ ފިރިހެން ޑިވިސަންގެ ފައިނަލް މެޗުގައި ބައްދަލު ކޮށްފައިވަނީ ނިއުއޭޖްއާއި ފެމެލީ ބޭކާރސްއެވެ. ފޯރިގަދަ ކުޅުމަކަށްފަހު 10-8 ގެ ނަތީޖާއަކުން ފައިނަލްމެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފެމެލީ ބޭކާރސް ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފެމެލީ ބޭކާރސް ޓީމުގެ ޖޯޒީ ނަމްބަރ 10 އަހުމީމް އަލީއެވެ.

މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަން ޓީމު، ފެމެލީ ބޭކާރސް، ފޮޓޯ: ޑަބްލިޔު ސްޕޯޓްސް އެކަޑަމީ

ރައްޔިތުންގެ މަޖިލީހުގެ ޑެޕިއުޓީ ޑިރެކްޓަރ އަބްދުއްސަލާމް އިބްރާހިމް ޝަރަފްވެރި ކޮށްދެއްވި ފައިނަލް މެޗުތައް ނިމުމުން ދެ ޑިވިސަންގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް މެޑަލްއާއި ޓްރޮފީއާއި، ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ހަވާލުކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި މުބާރާތުގެ އަންހެން ޑިވިސަންގެ ހުރިހާ ގޮތަކުން އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވިފައިވަނީ:

  • މައުސޫމާ އަބުދުލް ރަހީމް/ ނޮޅިވަރަމް ޓީމް
  • ރީޝާ އަހުމަދު އަނީލް / ނޮޅިވަރަމް ޓީމް
  • މުޒުނާ އިބްރާހިމް / ނޮޅިވަރަމް ޓީމް
  • އާއިޝަތު ރިމްޝާ އަލީ / ޓީމް ރަނިކަ
  • ފާތިމަތު ނިއުޝާ / ފެމެލީ ބޭކާސް
  • އާއިޝަތު މައިހާ ހުސައިން / ޓީމް ފައިވް
  • ފާތިމަތު ޔާސްމީން / ޓީމް ފައިވް

މުބާރާތުގެ އަންހެން ޑިވިސަންގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ފެމެލީ ބޭކާރސް ޓީމުގެ އައިމިނަތު ހިބާ ފައިސަލް ހޮވިފައިވާއިރު، އެ ޑިވިސަނަގެ ޕްރޮމައިޒިންގ ޕްލޭޔާރ އަށް ހޮވިފައިވަނީ ޓީމް ރަނިކާގެ ފާތިމަތު ސަރުވާއެވެ.

މި މުބާރާތުގެ ފިރިހެން ޑިވިސަންގެ ހުރިހާ ގޮތަކުން އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވިފައިވަނީ:

  • އަހުމީމް އަލީ / ފެމެލީ ބޭކާސް
  • އިސްމާއިލް ފަރުހާން / ފެމެލީ ބޭކާސް
  • މުހައްމަދު އިހުސާން / ފެމެލީ ބޭކާސް
  • ފަތުހުﷲ އާދަމް / ނިއުއޭޖް އެސްސީ
  • ޝަމްނޫޒް މުހައްމަދު / ނިއުއޭޖް އެސްސީ
  • އާދަމް އަމީލް އަމީން / ޓީމް އަލްފާ
  • އަބޫބަކުރު އަލީ / ޒިގްޒެގް

މުބާރާތުގެ ފިރިހެން ޑިވިސަންގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ފެމެލީ ބޭކާރސް ޓީމުގެ އަޙްމަދު ސައިފް ނައީމް ހޮވިފައިވާއިރު، އެ ޑިވިސަނަގެ ޕްރޮމައިޒިންގ ޕްލޭޔާރ އަށް ހޮވިފައިވަނީ ޓީމް ނިއުއޭޖްގެ އިބްރާހިމް ހަސަންއެވެ.

މި މުބާރާތަކީ ކުޅުދުއްފުށީ ސިޓީ ޒޯން ސްޓޭޑިއަމް އާއި ޑަބްލިއު ސްޕޯޓްސް އެކަޑެމީ (ޑަބްލިއުއެސްއޭ) ގުޅިގެން މުޅި ރާއްޖެއަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. މި މުބާރާތުގައި އަންހެން ޑިވިސަންގައި 7 ޓީމް އަދި ފިރިހެން ޑިވިސަންގައި 9 ޓީމް ވަނީ ބައިވެރި ވެފައެވެ. މި މުބާރާތުގައި ކުޅުދުއްފުށި ސީޓީގެ ބޭރުން ވާދަކޮށްފައިވަނީ އަންހެން ޑިވިސަންގައި ވާދަކުރި ނޮޅިވަރަމް ޓީމެވެ.

ޑަބްލިޔުއެސްއޭއަކީ ކުޅުދުއްފުށީގައި ކާމިޔާބު އެތައްގިނަ މުބާރާތްތަކެއް ހިންގަމުން އަންނަ އެކަޑަމީއެކެވެ.