ޤައުމަށް ކުރިމަތިވެފައިވެފައިވާ އެކިއެކި އިޖުތިމާޢީ ބޮޑެތި މައްސަލަތައް ޙައްލުކުރުމުގައި ނޫސްވެރިންގެ ދައުރު މިހާރަށްވުރެ އިތުރުކޮށް، މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގަންނަވައިފިއެވެ.
ރައީސް ޞާލިޙް މިގޮތަށް އެދި ވަޑައިގަތީ ނޫސްވެރިންގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން މޯލްޑިވްސް މިޑިއާ ކައުންސިލުން ރޭ ބޭއްވި 2019 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑް ދިނުމުގެ ޙަފުލާގައި ދެއްވި ޚާއްޞަ ވީޑިއޯ މެސެޖުގައެވެ.
އެ މެސެޖުގައި އެމަނިކުފާނު ވިދާޅުވީ، ޒަމާނީ ޑިމޮކްރެސީގެ ހަމަތައް ޤަބޫލުކުރާގޮތުން، ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރު ކަމަށެވެ. އަދި ނޫސްވެރިން ފަތުރާ ޚަބަރާއި މަޢުލޫމާތުން، މުޖުތަމަޢަށް ފޯރާ އަސަރާއި ނުފޫޒަށް ބަލާއިރުވެސް، މިއީ ޙަޤީޤަތުގައި ވަރަށް ބޮޑު ތެދެއްކަން އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމަށްވާނަމަ، ނޫސްވެރިންގެ ކޮނޑުގައި ވަރަށް މަތިވެރި ޤައުމީ ޒިންމާއެއްވެސް އެޅިގެންދާނެކަން ޤަބޫލުކުރަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
''މިޒަމާނުގެ ނޫސްވެރިކަމަކީ، މުޖުތަމަޢުގެ ކަންކަން ބޭނުން މިސްރާބަކަށް ބަދަލުކޮށްލުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ވަސީލަތެއް. ހަމައެފަދައިން، އިންފޮމޭޝަން ޓެކްނޯލޮޖީގެ އޮއިވަރުގައި ވަރަށް ހަލުވިކަމާއެކު، މުޖުތަމަޢަށް ފެތުރިގަންނަ އެއްޗެއްވެސްމެ. އެހެންކަމުން، ނޫސްވެރިޔާގެ އަތުން، ނޫސްވެރިކަމުގެ ޙަޤީޤީ ލަގަން ދޫވެއްޖެނަމަ، ނޫސްވެރިކަމުން މުޖުތަމަޢަށް ލިބެންޖެހޭ ފައިދާއަށްވުރެ ލިބޭ ގެއްލުން ބޮޑުވުމަކީ އެކަށީގެންވާ ކަމެއް.''
ރައީސް ޞާލިޙް ވިދާޅުވިއެވެ.
ދައުލަތުގެ ކޮންމެ ބާރެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބަކީ، ޤައުމީ މަޞްލަޙަތު އިސްކޮށް، ރައްޔިތުންގެ ހެވާއި ލާބަޔަށް މަސައްކަތްކުރުން ކަމަށާއި، ނޫސްވެރިކަމަކީ، އެ ތިން ބާރުގެ މައްޗަށް ފާރަވެރިވެ ޒިންމާދާރުކުރުވާ، ދައުލަތުގެ ހަތަރުވަނަ ބާރުކަމަށްވާނަމަ، ނޫސްވެރިންގެ ޒިންމާއަކަށްވާނީ، ޤައުމުގެ ކޮންމެ ކަމެއްގައިވެސް، ރައްޔިތުންނަށް އެންމެ ސީދާ އަދި އެންމެ ރަނގަޅު މަގު ދައްކައިދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
''މުޖުތަމަޢުގެ ގިނަ ބަޔަކަށް އަދި ގިނަ ނޫސްވެރިންނަށްވެސް ޤަބޫލުކުރެވިފައި އޮންނަނީ، ނޫސްވެރިކަމަކީ ކަމެއް ހިނގީމާ އެކަމެއް ހިނގިކަން، ރައްޔިތުންނާ ހަމައަށް ގެނެސްދިނުމޭ. ނުވަތަ އެ ނޫސްވެރިއަކު ޝައުޤުވެރިވާ ދާއިރާއަކުން، ރިޕޯޓެއް ނުވަތަ ފީޗަރއެއް ލިޔެލުމޭ. ނަމަވެސް ޙަޤީޤަތުގައި ނޫސްވެރިކަމުގެ ދާއިރާ އެއަށްވުރެ މާފުޅާ. ނޫސްވެރިންގެ ޒިންމާވެސް އެއަށްވުރެ މާބޮޑު. އެއިރަކު ހުރި އިޖުތިމާޢީ ބޮޑެތި މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރުމަކީވެސް، ނޫސްވެރިންގެ ޒިންމާއެއް. މަސްތުވާތަކެތީގެ މައްސަލަތަކާއި، ހަރުކަށި ފިކުރުގެ މައްސަލައަކީވެސް ޙައްލު ހޯދަންޖެހިފައިވާ އިޖުތިމާޢީ ބޮޑެތި މައްސަލަތައް.''
ރައީސް ވިދާޅުވިއެވެ.
''އަޅުގަނޑު މި ދަންނަވަނީ، މިފަދަ މައްސަލަތަކާ ބެހޭގޮތުން ނޫސްވެރިން ނުލިޔުއްވާ ވާހަކައެއް ނޫން. އަޅުގަނޑު މި ދަންނަވަނީ، މަސްތުވާތަކެއްޗާ ދުރަށްދާނެގޮތާއި، އެފަދަ މައްސަލަތައް ޙައްލުކުރާނެގޮތް ބުނެދީ، އެކަންކަން ޙައްލުކުރުމުގެ ގޮތުން ތަކުރާރުކޮށް ލިޔެވޭ ލިޔުންތައް މަދު ވާހަކަ.''
ރައީސް އިތުރަށް ވިދާޅުވިއެވެ.
މިހާރު އަޅުގަނޑުމެން ކުރިމަތިލާން ޖެހިފައިވާ އަނެއްކަމަކީ، ކޯވިޑް-19ގެ އަޑިގަނޑަށްފަހު، އިޤްތިޞާދު އަލުން ކޮޅަށްޖެހުމުގެ މަސައްކަތް ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މިއީވެސް، ޤައުމީ ފެންވަރުގައި ވަރަށް ޚާއްޞަ އިސްކަމެއް ދޭންޖެހިފައިވާ ކަމެއް ކަމަށެވެ. މި ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުން ހޭލުންތެރިކުރުމަށް، ނޫސްވެރިން އަދާކުރެއްވި ދައުރަށްވުރެވެސް، ފުޅާ ދައުރެއް މިކަމުގައި އަދާކުރައްވާނެ ކަމަށް އުންމީދުކުރަށްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
''އަޅުގަނޑު ޤަބޫލުކުރަނީ، މީގެ ދެއަހަރު ކުރިން ދިވެހި ނޫސްވެރިކަން އޮތް ޙާލަތު، އަދި ދިވެހި ޤައުމު އޮތް ޙާލަތުވެސް، ތިޔައިން އެއްވެސް ބޭފުޅަކު ހަނދުމަފުޅުނުނެތޭނެ ކަމަށް. އަދި ތިޔައިން އެއްވެސް ނޫސްވެރިއަކު، އަދި ދިވެހި އެއްވެސް ރައްޔިތަކުވެސް، އެނބުރި އެދުވަސް ދެކެން ބޭނުންނުވާނެ ކަމަށް. މީގެ ދެ އަހަރު ކުރިން، މިކައުންސިލްގެވެސް، އަދި ބްރޯޑްކާސްޓިންގ ކޮމިޝަންގެވެސް މައިގަނޑު މަސައްކަތަކަށްވެފައި އޮތީ، ނޫސްވެރިންނާ ދެކޮޅަށް ހުށަހެޅޭ ޝަކުވާތައް ބަލައި، ނޫސްވެރިންނާއި ނޫސް އިދާރާތައް ކުށްވެރިކޮށް ފިޔަވަޅު އެޅުން. ނަމަވެސް މިއަދު އެ ޘަޤާފަތް މުޅިން ބަދަލުވެއްޖެ.''
ރައީސް ވިދާޅުވިއެވެ.
ނޫސްވެރިކަމަށް އަލަށް ނުކުންނަ ނޫސްވެރިންނަށް އިސާރާތްކޮށް، އެ ނޫސްވެރިންނަށް ކުރަށްވާ އިލްތިމާސެއްގެ ގޮތުގައި ރައީސް ވިދާޅުވީ، ނޫސްވެރިއެއްގެ ހައިސިއްޔަތުން ގަލަމުގެ ދޯރި ނަގަންވާނީ، އޭގެ ތުނޑުން ތިމާ ލިޔާނީ، ބިނާކުރަނިވި ލިޔުމެއްތޯ ނުވަތަ ފަނާކުރަނިވި ލިޔުމެއްތޯ ކަނޑައެޅުމަށްފަހުގައި ކަމަށެވެ. ''މިރޭ ނޫސްވެރިކަމުގެ އެވޯޑް ހާސިލުކުރާ ނޫސްވެރިންފަދަ، ނޫސްވެރިއަކަށްވާން އެދޭނަމަ، އެއްވެސް ޝައްކެއްނެތްގޮތުގައި، އޭނާ އިޚްތިޔާރުކުރާނީ ބިނާކުރަނިވި ނޫސްވެރިކަން.'' ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ އެ މެސެޖުގައި ވަނީ ގެއްލުވައިލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި، އަނިޔާވެރިގޮތަކަށް މަރައިލި ޔާމީން ރަޝީދުގެ ހަނދާންތައްވެސް އައުކުރަށްވާ ވާހަކަ ދައްކަވާފައެވެ. އެ ދެ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް، ހުއްޓައި ނުލައްވާ ކަމަށާއި އަދި އެއީ އުނދަގޫ މަސައްކަތެއް ކަމަށާއި، ނަމަވެސް، އެ މަސައްކަތް ނުހުއްޓި ކުރިއަށް ދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!