ދެމިތިބޭނީ ދިވެހި ޒުވާނުންނަށް ފަހި ފުރުޞަތުތައް ހޯދައިދޭ ބައެއްގެ ގޮތުގައިކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާޢިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިނިސްޓަރ، ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ މަދަނީ ވައިގެ ދަތުރު ފަތުރުގެ ދުވަހާއި ގުޅިގެން މިއަދު ފޮނުއްވި ޚިޠާބެއްގައެވެ. މިއަދު، 7 ޑިސެމްބަރުއަކީ ބައިނަލްއަޤުވާމީ މަދަނީ ވައިގެ ދަތުރު ފަތުރުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ފާހަގަކުރާ ދުވަހެވެ.
މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ވެގެންދާނީ އޭވިއޭޝަން ދާއިރާ "ރިކަވާ އެންޑް ރީ ބިލްޑް ކުރެވޭ އަހަރެއް ކަމަށެވެ. މިގޮތުން ޕެންޑެމިކުން އަރައިގަނެ، ޙަރަކާތްތައް ފުޅާވާން ފެށުމާއެކު، ވަޒީފާތަކުގެ ފުރުސަތުތައް ތަނަވަސްވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
''އަޅުގަނޑުމެން ދެމިތިބޭނީ ދިވެހި ޒުވާނުންނަށް ފަހި ފުރުޞަތުތައް ހޯދައިދޭ ބައެއްގެ ގޮތުގައެވެ.''
މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ގިނަ ގޮންޖެހުންތަކާއެކުވެސް މިހާރުމިވަނީ ރާއްޖޭގެ އޭވިއޭޝަން ސިނާޢަތުގެ ޙަރަކާތްތަކުގެ ރިކަވަރީ މަރުޙަލާ ފަށައިގަނެވިފައިވާ ކަމަށެވެ. އަދި ކުރިންވެސް ޕްލޭންކޮށްފައިވާ ގޮތަށް އެއާލައިންތަކުގެ އޮޕަރޭޝަންތައް ފުޅާ ކުރެވި، އިރާދަ ކުރެއްވިއްޔާ ލަސްތަކެއް ނުވެ ރާއްޖޭގެ ރައްޔިތުންނަށާއި ރާއްޖެއަށް ދަތުރު ކުރާ ފަރާތްތަކަށް ބޭނުންކުރެވޭނޭ ބައިނަލްއަޤުވާމީ ދިވެހި އެއާލައިންތަކުގެ ޢަދަދު އިތުރުވެގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
''މަދަނީ ވައިގެ ދަތުރުފަތުގެ ދާއިރާއިން ފަންނީ މުވައްޒަފުން ބިނާކުރުމަކީ ބައިނަލްއަޤުވާމީ ފެންވަރުގައިވެސް ދިމާވެފައިވާ ވަރަށް ބޮޑުގޮންޖެހުމެކެވެ. މި ރޮނގުން ވިސްނާއިރު، މިދާއިރާއިން ތަޢުލީމު ޙާސިލުކުރާ ދަރިވަރުންނަށް ދިމާވާ ދަތިތައް ޙައްލުކޮށް ކިޔެވުން ފުރިހަމަ ކުރެވޭނޭ މަގުތައް ތަނަވަސްކުރުމަށް ސަރުކާރުން އަބަދުވެސް އިސްކަންދޭނެއެވެ. މިދާއިރާއިން ކިޔެވުމަށް ދިވެހި ދަރީންނަށްމަގުފަހިކޮށްދީ ވަޒީފާގެ ބާޒާރުވެސް ދިވެހި ޒުވާނުންނަށް ތިޔާގި ކުރަމުން ގެންދިއުމަކީ އުފަލާއެކު އަޅުގަނޑުމެންގެ ކޮނޑުގައި އަޅައިގެން
އަދާކުރަމުންދާ ވާޖިބެކެވެ.''
މިނިސްޓަރު ނަހުލާ ވިދާޅުވެފައި ވެއެވެ.
މިނިސްޓަރު ނަހުލާގެ ޚިޠާބުގައި ވަނީ ބަލިމަޑުކަން ކުރިމަތިވުމުގެ ސަބަބުން، ދިވެހިރާއްޖެއަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ހަރުދަނާ ޕްލޭންތަކަކާއެކު އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކުރައްވާ މިންނެތް މަސައްކަތްޕުޅު ފާހަގަ ކުރަށްވާ ކަމަށް ވިދާޅުވެ، ރައީސް ޞާލިޙަށް ޝުކުރު އަދާ ކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!