މަކުނުދޫ ދާއިރާގެ ތިން ރަށުގެ ސިއްހީމަރުކަޒުތަކުގެ ހާލަތު ދަށްވެފައިވަނީ އޭރުގެ ހެލްތު މިނިސްޓަރު ޢަބުދުﷲ އަމީންގެ އިހުމާލުން ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.
ރާޢީ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި ''މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން މަޖިލީހަށް ސައްޙަ ނޫން މަޢުލޫމާތު ދެއްވާފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާތީ އެ މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު''އަށް ބަހުސް ކުރަށް ވަމުންނެވެ.
ރާޢީ ވިދާޅުވީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ފެނިގެންދިޔަ ކުރީގެ ހެލްތު މިނިސްޓަރު އަމީން، ހެލްތު މިނިސްޓްރީ ހިންގަމުންދިޔަ ދޯހަޅިކަން ކަމަށެވެ. އަދި އެއީ ދެރަ، ހިތާމަހުރި ކަމެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރި އެއް ދާއިރާއަކީ އޭނާ ތަމްސީލް ކުރަށްވާ މަކުނުދޫ ދާއިރާ ކަމަށް އޭނާ ވިދާޅުވިއެވެ.
''އަޅުގަނޑު ތަކުރާރުކޮށް މިނިސްޓަރާ ބައްދަލުކުރިން، މަޖިލީހަށް ހާޒިރުކުރިން، ގިނަ ފަހަރުތަކުގައި ސުވާލުކުރިން، އަޅުގަނޑުމެންގެ ދާއިރާގައި ހުރި ކަންތައްތަކުގެ ވާހަކަ. އެކަމަކު މި ރިޕޯޓު ބަލައިލީމާ ދެން ހެލްތު މިނިސްޓަރުކަމުގައި ހުރިއިރު އެ ދައްކާ ވެންޓިލޭޓަރު ކަންތައް ބަލައިލީމަ އެނގޭނެ، ކިހިނެއްކަން މި ކަހަލަ ކަންތައްތައް ހިނގާފައި ހުރީ. ދެން އަޅުގަނޑެއް ގަބޫލެއް ނުކުރަން، އެއްވެސް ވަރަކަށެއް މިނިސްޓަރު އަމިއްލަފުޅަށް ވަކިވީއެއް ނޫން. ދެން މިކަން ނިމުނީއެއް ނޫން. ވަޔަށް އަރައިގެންދާ ގޮތަށް މިކަން އޮންނަންޖެހޭނެ ކަމަކަށް. މިކަން ބެލެންޖެހޭނެ.''
ރާޢީ ވިދާޅުވިއެވެ.
ރާޢީ ވިދާޅުވީ މީހަކު ކަމެއް ކުރީމާ އޭނަ އަމިއްލައަށް އެކަމުން ބަރީޢަވެ، ނޫނިއްޔާ އަމިއްލައަށް ޒިންމާއިން ރެކުނީމާ އެ ހިސާބުން އެކަން ނިމުނީކަމަށް ރާއްޖޭގެ ކަންތައް ހިނގާ ގޮތުން ހީވެފައި އޮންނަ ކަމަށާއި، ނަމަވެސް އެގޮތަކަށް ކުރީގެ ހެލްތު މިނިސްޓަރު އަމީނުގެ މައްސަލަ ނުނިމޭނެ ކަމަށާއި، އެކަން ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
''އަޅުގަނޑު ފާހަގަކޮށްލަން އަޅުގަނޑުމެންގެ ދާއިރާއަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވެފައިވާ ވަޢުދުފުޅެއް ސީދާ މިނިސްޓަރުގެ އިހުމާލުން، އިހުމާލުން ނުފުއްދިފައިވަނީ މިއަދާ ހަމައަށް އޭގެ ޒިންމާ ވެސް މިނިސްޓަރު ނަގަންޖެހޭނެ. އަޅުގަނޑުމެންގެ ސަރުކާރަށް، އަދި ސީދާ އެ ރަށަށް ވެސް މިނިސްޓަރު ހުންނެވީ އިހުމާލުވެފަ. ދެން މީގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ކަމަކީ، އަޅުގަނޑު ގަބޫލެއް ނުކުރާނަން އިނގޭތޯ އެއްވެސް ވަރަކަށެއް މިނިސްޓަރު އިތުރުފުޅުނުހައްދަވާނެ ކަމަށް، ސަބަބަކީ، އަޅުގަނޑު ގޮސް މި ކަހަލަ ކިތަންމެ ވާހަކަތަކެއް އެތައް ދުވަހަކު މި ކޮށިގަނޑުގައި ހުރެގެން މިނިސްޓަރު ޖަވާބުދެއްވާފައި ހުރީ މާދަން، އަދު ނޫން އެތައް
ތާރީޚެއް ދެއްވާފައި ހުރީ. އެހެންވީމާ، އެ ކަހަލަ ކަމަކަށް އިތުރުފުޅުހެއްދެވި މިނިސްޓަރަކު އަދި މުޅި މަޖިލީހުގައި މި ތަނުގައި ތިބި 87 މެންބަރުން ކުރިފުޅުމަތީގައި އިތުރުފުޅުހައްދަވާފައިވާ ކަމަށް މި ރިޕޯޓުން އެބަބުނޭ. ބުނާ މިނިސްޓަރަކު، ދެން މި ކަހަލަ ކަންތައްތައް އަދި ސިއްރިއްޔާތުގައި ކޮށްފައި ހުންނާނެވަރު އަޅުގަނޑަށް ބުނަން ވެސް ނޭނގޭ.''
ރާޢީ ވިދާޅުވިއެވެ.
ރާޢީ ވިދާޅުވީ އެ ކަންތައްތައް ފުރިހަމައަށް ބަލަން އެބަޖެހޭ ކަމަށާއި، ''މިއީ ވަޔަށް ތޮޅިއަށް ނިންމާލައިގެންވާނެ ކަންތައްތަކެއް ނޫން.'' ކަމަށެވެ. އަދި އެކަން ރަނގަޅަށް ބެލި، ފިޔަވަޅު ނޭޅިއްޖެނަމަ ''އަޅުގަނޑުމެން މި ކިޔާ ޢަދުލާއި، އިންސާފާއި، މި އެއްޗެއްސެއް ގާއިމެއް ނުކުރެވޭ.'' ކަމަށް އޭނާ ވިދާޅުވިއެވެ.
''އަޅުގަނޑު މި ތަނުގައި ހަމަ ކުރިން ވެސް ދައްކާ ވާހަކަ ހަމަ މިއަދު ވެސް ތަކުރާރުކޮށްލަން ބޭނުންވަނީ، އެ މީހަކު ވަޒީފާ ދޫކޮށްލާފައި ދިޔައީ، ސަރުކާރުގެ ޒިންމާދާރު ވަޒީފާއެއް ނޫނިއްޔާ އެޕޮއިންޓްކުރާ މަޤާމެއް ދޫކޮށްލާފައި ދިއުމަށްފަހު އޭނަގެ ހުރިހާ ކަމެއް އެ ހިސާބުން ނިމުނީ ކަމަށް ހަދައިފި ކަމަށް ވާނަމަ، އަޅުގަނޑުމެންނަށް ދުވަހަކު ވެސް އަދުލާއި އިންސާފަކީ ނުލިބޭނެ. އެހެންވެއްޖެއްޔާ، އަޅުގަނޑުމެން އެ ވާހަކަ ނުދައްކާ ތިބެންޖެހޭނީ.''
ރާޢީ ވިދާޅުވިއެވެ.
ރާޢީ ވިދާޅުވީ އޭނާގެ ދާއިރާގެ ޞިއްޙީ ކަންތަކުގައި، ތިން ރަށުގެ ބޭފުޅުން އެދުނު ކަންތައް ތަކުރާރުކޮށް މިނިސްޓަރާ ބައްދަލުކޮށް އެދިވަޑައިގަންނަވަމުން ގެންދެވިކަން ތަކުރާރުކޮށް ފާހަގަކުރަން ބޭނުންފުޅުވާކަމަށެވެ.
''ތި ބޭފުޅުންގެ އެމްބިއުލާންސްގެ ކަންތަކުގައި އަޅުގަނޑު ތަކުރާރުކޮށް މިނިސްޓަރާ ބައްދަލުކުރިން. ހަމަ އިތުރުފުޅުހެއްދެވީ. ދެއްވި ޖަވާބެއް ނެތް. ހަމަ ރޯބުހުތާނު ދޮގު. އޭގެ ހެއްކެއް މިއަދު މި ރިޕޯޓުގައި ކޮމިޓީގެ މުޤައްރިރު އެ ވިދާޅުވެދެއްވީ، މަޖިލީހަށް ވެސް މި އޮތީ ހަމަ އިތުރުފުޅުހައްދަވާފައޭ. އެހެންވީމާ، ތި ބޭފުޅުން މިއަދު ގަބޫލުކުރައްވާށޭ މިނިސްޓަރު މިކަމަށް އިހުމާލުވެފައި ހުރިވަރު، އެހެންވީމާ، މިހާރުގެ ޢަލަށް ޢައްޔަންކުރި މިނިސްޓަރަށް އަޅުގަނޑު އާދޭހާ އެއްކޮށް ދަންނަވަން، އަޅުގަނޑުމެންގެ ދާއިރާގައި ހުރި ގިނަ ކަންތައްތައް؛ ޞިއްޙީ ދާއިރާ ވަނީ ބޮއްސުންލާފަ. މިއަދު ވެސް އެކަމުގެ ކަންތައްތަކުގައި ހަމަ ރައްޔިތުން ބޭނުންވެގެން
އެ އުޅެނީ،''
ރާޢީ ވިދާޅުވިއެވެ.
ރާޢީ ދެއްކެވި ވާހަކާގައި ވަނީ އޭނާ ތަމްސީލު ކުރަށްވާ މަކުނުދޫ ދާއިރާގެ، މަކުނުދޫ، ނޭކުރެންދޫ އަދި ކުމުންދޫގެ ސިއްޙީ ދާއިރާގެ ކަންކަމަށް ވީހާވެސް އަވަހަށް ހައްލެއް ހޯދައި ދިނުމަށް އެދި ވަޑައިގެންފައެވެ.
މި ޖަލްސާގައި ވަނީ، އެ މައްސަލާގެ ރިޕޯޓަށް ވޯޓަށް އަހައި، ދުބާއީ ކުންފުންޏާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި މައްސަލާގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މުޅި މަޖިލީހަށް ގަސްދުގައި އޮޅުވާލާފައިވާތީ އޭނާ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ނިންމައި އޭނާ އަށް ދައުވާ ކުރަން ފޮނުވަން މަޖިލީހުން ފާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!