ނ. މަނަދޫ ކައުންސިލުން ގަވާއިދާ ޚިލާފަށް ރުއްގަސް ކެނޑުމާއި ގުޅިގެން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީން (އީޕީއޭ) އިން އެ ކައުންސިލް ޖޫރިމަނާކޮށްފި އެވެ.

އީޕީއޭ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަނަދޫ ކައުންސިލް ޖޫރިމަނާކޮށްފައިވަނީ 20،000 (ވިހިހާސް ރުފިޔާ) އިން ކަމަށާއި އެ ކައުންސިލުން ޖޫރިމަނާކޮށްފައިވަނީ 6 ޑިސެމްބަރު 2020 (މިއަދު) ގައި ކަމަށެވެ. އަދި މި ކުރެވުނު ޖޫރިމަނާގެ ފައިސާ 1 މަސްދުވަހުން ދައްކާ ނިންމުމަށް ވާނީ އީޕީއޭ އިން އެކައުންސިލަށް އަންގާފަ ކަމަށެވެ.

Ad
rt

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ، މަނަދޫއިން އަލަށް ދޫކޮށްފައިވާ ގޯތިތަކުން ގަވާއިދާ ޚިލާފަށް ރުއްގަސް ކެނޑުމާއި އުފުރުމާއި ގުޅިގެން އެރަށު ކައުންސިލް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އެ ރަށު ކައުންސިލް ޖޫރިމަނާކޮށްފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 4/93) ގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ޤަވާއިދު 2012 (ޤަވާއިދު ނަންބަރު 2012/R-27) ގެ 20 ވަނަ މާއްދާގެ (ހ) ގެ 8 ވަނަ ނަންބަރަށް (ޤަވާއިދާއި އެއްގޮތަށް ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުކުރުން) ރިއާޔަތް ކޮށްފަ އެވެ.