ދަރުމައަށް ޚިދުމަތްކުރުމަކީ ދިވެހިންގެ ކިބައިގައި ހަރުލާފައި ހުރި ވަރަށް މަތިވެރި ޠަބީޢީ ސިފައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ފާހަގަކުރި މިއަހަރުގެ ބައިނަލްއަޤްވާމީ ވޮލަންޓިއަރުންގެ ދުވަހާއި ގުޅުވައިގެން އެ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ވެބިނަރގައި ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
އެ ވީޑިއޯ މެސެޖުގައި ނައިބު ރައީސް ފައިޞަލް ވަނީ މިއަހަރުގެ ބައިނަލްއަޤްވާމީ ވޮލަންޓިއަރުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގައި ހިލޭސާބަހަށް މަސައްކަތްކުރައްވާ ހުރިހާ ދަރުމަވެރިންނަށް، ހެޔޮއެދުންތައް ފޮނުވައި، މަރުޙަބާއާއި ތަހުނިޔާ ދަންނަވާފައެވެ.
''ތިޔަބޭފުޅުން ތިޔަކުރައްވަނީ، ދުލަކުން ނުވަތަ ގަލަމަކުން އަގު ވަޒަންކުރެއްވޭ ވަރަށްވުރެ، މާމަތިވެރި މާ ޝަރަފުވެރި މަސައްކަތެއް. އެއްވެސް ބަދަލެއް ލިބުމެއްނެތި، އަމިއްލަ ރުހުމުގައި ހެޔޮހިތުން ކުރާ އިންސާނީ ޚިދުމަތަށްވުރެ ވަކިން އަގުބޮޑު ޚިދުމަތެއް ނޯންނާނެ.''
ނައިބު ރައީސް ވިދާޅުވެފައި ވެއެވެ.
މި މޭރުމުން ދެއްކެވި ވާހަކަ ފުޅުގައި އެމަނިކުފާނު ވިދާޅުވީ ދަރުމައަށް ޚިދުމަތްކުރުމަކީ ދިވެހިންގެ ކިބައިގައި ހަރުލާފައި ހުރި ވަރަށް މަތިވެރި ޠަބީޢީ ސިފައެއް ކަމަށެވެ. އަދި މިފަހުގެ ތާރީޚުގައި އަޅުގަނޑުމެން ތަޖުރިބާކުރަންޖެހުނު ބައެއް ހާދިސާތަކުންވެސް ވަނީ މިކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދީފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
''2004ގެ ސުނާމީ ކާރިޘާގައިވެސް، އަދި އޭގެ ފަހުން ބައެއް ރަށްރަށަށް ކުރިމަތިވި ރާޅު އެރުމުގެ ހާދިސާތަކާއި، މާލޭގައި ހިނގައިދިޔަ އަލިފާނުގެ ބޮޑެތި ހާދިސާތަކުގައިވެސް، އިންސާނީ އެހީތެރިކަމުގެ އެންމެ ފުރަތަމަ ފިޔަވަޅު އިސްވެ އަޅުއްވާ ބަޔަކީ، ހިލޭސާބަހަށް މަސައްކަތްކުރައްވާ ވޮލަންޓިއަރުން. އެފަދަ ޙާލަތްތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި، ދަރުމަވެރިންގެ ޚިދުމަތް ރެޔާއި ދުވާލުގެ ހުރިހާ ވަގުތެއްގައި ލިބިގެންދާކަން ފާހަގަކުރެވޭ. އެކަމަށްޓަކައި، މުޅި މުޖުތަމަޢު ތިޔަބޭފުޅުންގެ އަގު ވަޒަންކުރައްވާ.''
ނައިބު ރައީސް ވިދާޅުވެފައި ވެއެވެ.
ކުރިމަތިވެފައިވާ ކޯވިޑް-19ގެ ނުރައްކަލުން ރައްޔިތުންގެ ފުރާނަ ރައްކާތެރިކުރުމުގައި، ދަރުމަވެރިން އަދާކުރަމުން އެގެންދަނީ، ވަރަށް އަގުހުރި ޚިދުމަތްތަކެއްކަން ފާހަގަކުރަށްވައި ނައިބު ރައީސް ވިދާޅުވީ، ބަލިމީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމުގަޔާއި، ކޮންޓްރެކްޓް ޓްރޭސިން ހެދުމުގައި އަދި ސާމްޕަލް ނެގުމާއި، އެނޫންވެސް އިދާރީ ކަންކަމުގައިވެސް، ދަރުމަވެރިން އަދާކުރަމުން ދަނީ ޤައުމީ ފެންވަރުގައި އަގުވަޒަންކުރަންޖެހޭފަދަ މުހިންމު ޤައުމީ މަސައްކަތެއް ކަމަށެވެ.
''އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ދަރުމަވެރިއެއްގެ ގޮތުގައި، ހިލޭސާބަހަށް އިންސާނިއްޔަތަށް ޚިދުމަތްކުރުމަކީ، ލިބޭ ހުސް ވަގުތުގައި ކޮންމެ މީހަކަށްވެސް ކުރެއްވޭނެ ޚިދުމަތެއް.''
ނައިބު ރައީސް ވިދާޅުވެފައި ވެއެވެ.
ނައިބު ރައީސް ފައިޞަލް ވިދާޅުވީ، ދަރުމައަށް މަސައްކަތްކުރުމަކީ ދުނިޔަވީ ޙަޔާތުގައި އަދާކުރެވޭނެ އެންމެ އަގުހުރި ޚިދުމަތްކަން ޤަބޫލުކުރައްވައި، މި މުހިންމު ޚިދުމަތާ ގުޅިވަޑައިގަތުމަށް ރާއްޖޭގެ ޒުވާނުންނަށް އިލްތިމާސްކުރަށްވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!