''ތިލަދުން''ގެ ޗީފް އެޑިޓަރ އަދި އެއް ފައުންޑަރ ޙުސައިން ޘަޤީފް(ސަގީ) މިއަދު ކުރިއަށް ދިޔަ މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިޚާބުގައި ވާދަކޮށް ގޮނޑިއެއް ކާމިޔާބުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ ބައި، ބާޖަމާލުއްދީން ސްކޫލްގައި މިއަދު ކުރިއަށް ދިޔަ އެ އިންތިޚާބުގައި، ހދ. ވައިކަރަދޫއަށް ނިސްބަތްވާ ޘަޤީފް ވާދަކުރީ މީޑިއާ ކައުންސިލްގެ މީޑިއާގެ މެންބަރު ކަމަށެވެ.
އެ އިންތިޚާބުގައި މީޑިއާ ކައުންސިލްގެ މީޑިއާގެ މެންބަރުކަމަށް 7 ފަރާތެއް ހޮވުމަށް ހަމަޖެހިފައިވާއިރު، އެ 7 ޖާގައަށް 15 ފަރާތަކުން ކުރިމަތިލިއެވެ. ޘަޤީފް ގޮނޑި ކާމިޔާބުކުރީ 97 ވޯޓު ހޯދައިގެންނެވެ. އޭނާ ހިމެނެނީ ތިންވަނަ އަށް އެންމެ ގިނަ ވޯޓުން ހޮވުނު ދެ ކެނޑިޑޭޓުންގެ ތެރޭގައެވެ. އޭނާގެ އިތުރުން ދެން 97 ވޯޓުން ގޮނޑި ކަށަވަރުކުރި އަނެއް ކެނޑިޑޭޓަކީ ''ހަތާވީސް އޮންލައިން''ގެ އާދަމް ނަޒީރެވެ.
މި އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯދައިގެން ގޮނޑި ކަށަވަރު ކުރީ ޕަބްލިކް ސާވިސް މީޑިއާގެ ޢަލީ ޙުސައިންނެވެ. އޭނާ 152 ވޯޓު ހޯދާފައިވާއިރު، ދެވަނައަށް އެންމެ ގިނަ ވޯޓު ހޯދައިގެން ޖާގައެއް ކަށަވަރުކުރީ ''މިހާރު އޮންލައިން''ގެ މުއިއްޒު އިބްރާޙީމެވެ. މީގެ އިތުރުން ގޮނޑިތައް ކާމިޔާބުކުރީ 94 ވޯޓު ހޯދި ''ސަންގު''ގެ ޝަހުބާން ފަހުމީއާއި، 92 ވޯޓު ހޯދި ''ވަގުތު އޮންލައިން''ގެ އާދަމް ނަވާޒް އަދި 88 ވޯޓު ހޯދި ''މޯލްޑިވްސް ފިޝަމަން އެސޯސިއޭޝަން''ގެ ޝާކިރު މުޙައްމަދެވެ.
މިފަހަރުގެ އިންތިހާބުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ މީޑިއާގެ މެންބަރު ކަމަށް 15 ފަރާތަކުން ކުރިމަތިލާފައި ވާއިރު މީޑިއާ ކައުންސިލްގެ އާންމުންގެ މެންބަރުކަމުގެ މަގާމަށްވެސް 14 ފަރާތަކުން ކުރިމަތިލާފައި ވާ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީޑިއާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލެވޭނީ ރަޖިސްޓްރީ ކޮށްފައި ވާ ނޫސްތަކަށާއި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮންމެ މީޑިއާއެއްވެސް ތަމްސީލު ކުރާ އެއް ފަރާތަކަށެވެ. އެގޮތުން އެމްއެމްސީގެ އިންތިހާބުގައި މިފަހަރު 199 ފަރާތެއް ވޯޓުލުމަށް ރަޖިސްޓަރީ ކުރިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!