ހއ. ހޯރަފުށީގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ޓޫރިޒަމް ޒޯނު ތަރައްގީ ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މިގޮތުން އެ މަޝްވަރާ ކުރިއަށް ގެންދެވީ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް(ސައްލެ) އިސްވެ ހުންނަވައިގެން، ކަމާއިގުޅޭ އެހެން މުއައްސަސާތަކާއި އެކުގައެވެ.
މި މަޝްވަރާތަކުގައި މެންބަރު އަޙްމަދު ސަލީމާއި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ހިމެނޭހެން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު އަދި ކައުންސިލް މެންބަރުން ކަމުގައިވާ އިބްރާހިމް ޝާކިރު އަދި އަޙްމަދު އިމްދާދު ވަނީ ބައިވެރިވެފައެވެ.
މި މަޝްވަރާތަކުގައި ހޯރަފުށީގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ޓޫރިޒަމް ޒޯނުގެ އިތުރުން އެރަށާއި އިންވެގެން އޮންނަ އުނގުލު ފިނޮޅު ޓޫރިޒަމަށް ދޫކުރުމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކޮށްފައިވާކަމަށް ހޯރފުށީ ކައުންސިލުން ބުންޏެވެ.
މި މަޝްވަރާތަކާއި ގުޅިގެން އިތުރު ތަފްސީލު ހޯދާލުމަށް ސުވާލު ދެންނެވުމުން ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް(ސައްލެ) ''ތިލަދުން'' އަށް ވިދާޅުވީ، ހޯރަފުށީގެ އިހުތިސާސްގައި ހިމެނޭ ސަރަޙައްދުގައި 600 ޓޫރިސްޓް އެނދު ތަރައްގީ ކުރުމަށް މަސައްކަތް ކުރައްވަމުން ދާކަމަށެވެ. މިގޮތުން އެރަށުގެ ލޭންޑް ޔޫޒު ޕްލޭންގައި އެ ސަރަޙައްދުތައް ހިމަނައި، ލޭންޑް ޔޫޒު ޕްލޭން ފާސްކޮށް އެ ސަރަޙައްދުތަކުގައި ޓޫރިޒަމް ތަރައްޤީކުރުމަށް ހުޅުވާލުމަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަ ކުރެވިފައިވާކަމަށް ސައްލެ ވިދާޅުވިއެވެ.
ސައްލެ ވިދާޅުވީ ހޯރަފުށީގައި ޓޫރިޒަމަށް ހުޅުވާލާ ބިންތައް ދޫކުރުމަށް ޢިއުލާނު ކުރުމުގެ މަސައްކަތް ހަލުވި މިނެއްގައި ކުރެވެމުން ދާކަމަށާއި، 2 ހަފުތާއެއްހާ ދުވަސްތެރޭ ހުޅުވާލެވޭނެ ކަމަށް ލަފާކުރަށްވާ ކަމަށެވެ. މިގޮތުން ހުޅުވާލެވޭ ފުރުޞަތުތަކުގެ ތެރޭގައި ވަކި ވަކި ގެސްޓް ހައުސްތައް ތަރައްޤީ ކުރުމަށާއި، އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީ ކުރާނެ ޒޯނުވެސް ހިމެނޭކަމަށް ސައްލެ ވިދާޅުވިއެވެ.
އެ މަސައްކަތް ކުރެވެމުން ދަނީ ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ހޯރަފުށީ ކައުންސިލުން ކަމަށް ވެސް ސައްލެ ވިދާޅުވިއެވެ.
ހޯރަފުށީގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ޓޫރިޒަމް ޒޯނު ތަރައްގީ ކުރުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާއިރު، މެންބަރު ސައްލެ ވަނީ ހޯރަފުށީގައި ގާއިމުކުރާ ބޮޓަލިން ޕްލާންޓާއި، އައިސްޓްރެކާއި އަދި އެއާޕޯޓަށް ދާ މަގުގެ ކަރަންޓާއި ގުޅިގެން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައީދާވެސް ބައްދަލު ކުރަށްވައި، އެ މަސައްކަތާއި ގުޅޭގޮތުން މަޝްވަރާ ކުރަށްވާފައެވެ. އަދި ހުސްވި ހަފުތާގައި މެންބަރު ސައްލެ ވަނީ 2021 ވަނަ އަހަރު ހޯރަފުއްޓަށް ދައުލަތުގެ ބަޖެޓުން ޖާގަ ދީފައިވާ މަޝްރޫޢުތަކާއި ގުޅިގެން އެލްޖީއޭއާއިވެސް ބައްދަލު ކުރަށްވާފައެވެ.
ހޯރަފުށީގައި ސަރުކާރުން ތަރައްޤީ ކުރި އެއާޕޯޓް ހުސްވި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ރަސްމީކޮށް ހުޅުވިގެން ގޮސްފައިވާއިރު، މި އެއާޕޯޓު ވެގެން ދާނީ ހޯރަފުއްޓާއި، އިހަވަންދިއްޕޮޅަށް އައު ދިރުމެއް ގެނުވާނޭ، އިގްތިޞާދީ ހަރަކާތްތައް އިތުރު ކުރުވަނިވި، އަދި ނަފާ އިތުރުކުރުވާނެ އެއާ ޕޯޓަކަށެވެ.
އެ ސަރަޙައްދަކީ ގިނަ ރީތި ފަޅުރަށްތަކެއް ހުރި، ޚާއްޞަކޮށް އެއާޕޯޓް އޮތް ހޯރަފުށީގެ ފަޅާއި، ހޯރަފުށީގެ ކައިރި ކައިރީ ހުރި ފަތުރުވެރިކަމަށް އިންވެސްޓް ކުރެވޭނެ ފުރުޞަތު ތަކަކީ އިހަވަން ދިއްޕޮޅަށް ''ރަން ބިސްއަޅާ ކުކުޅު ވިހަން'' ހުޅުވިފައިވާ ދޮރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!