ހއ. އަތޮޅުގެ ރަށްތަކުގެ ފަޅުތަކުން ޕަމްޕް ބޭނުންކޮށްގެން ވެލިނަގަންވާނީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ހުއްދަ ހޯދައި، އެ ހުއްދަގެ ދަށުން ކަމަށް ހއ. ދިއްދޫ ކައުންސިލުން ބުނެފިއެވެ.

ދިއްދޫ ކައުންސިލުން ބުނީ އީޕީއޭގެ ހުއްދަ ހޯދުމަކާ ނުލައި ޕަންޕް ބޭނުންކޮށްގެން ވެލި ނަގަމުންދާކަމުގެ ޝަކުވާ އެ އެޖެންސީއަށް ލިބެމުންދާކަމަށް ހއ. އަތޮޅު ކައުންސިލުން، ދިއްދޫ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

Ad
rt

އެއާއި ގުޅިގެން ދިއްދޫ ކައުންސިލުން ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރަށްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލައި ޢާންމުކޮށްފައިވާ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާއި ބެހޭ ޤަވާޢިދުގެ ދަށުން މެޝިނަރީ ވެލި ނެގުމަކީ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް
ހަދައި ހުއްދަ ހޯދައިގެން ނޫނީ ކުރެވޭނެ މަސައްކަތެއް ނޫން ކަމަށެވެ.

އެހެން ކަމުން މިގޮތަށް ވެލި ނެގުމުގެ މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދެއްވުމަށް ދިއްދޫ ކައުންސިލުން ވަނީ އެދިފައެވެ.

ރާއްޖޭގެ ގިނަ ރަށްތަކަށް ރައްގިރުމުގެ މައްސަލަތައް ކުރިމަތިވެފައިވާއިރު، ޤާނޫނާއި ޤަވާއިދުގެ ބޭރުން ވެލި ނެގުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން އަންނަނީ ފެންމަތި ވަމުންނެވެ. މިގޮތަށް ދިމާވާތީ ދޭތެރެ ދޭތެރެއިން ރަށްރަށު ކައުންސިލުތަލުން ދަނީ އެ ގޮތަށް އަމަލު ނުކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރަމުންނެވެ.