"ބުރެވި" ތޫފާން ސްރީލަންކާގެ އިރުމަތީ އައްސޭރި ހުރަސްކޮށް އެއްގަމަށް މިހާރު އަރާފައިވާއިރު، ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ދަނީ އިތުރަށް ބާރު ގަދަވަމުންކަމުގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅިގެން މިރޭ 23:00 ގައި ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ނެރެފައިވާ އެންމެ ފަހުގެ މޫސުމާއި ބެހޭ މަޢުލޫމާތުގައިވަނީ "ބުރެވި" ތޫފާން ހުޅަނގުއުތުރަށް ދަތުރުކޮށް 3 ޑިސެންބަރު ގެ ހެނދުނު ކޮމޮރިން ސަރަހައްދު ތެރެއަށް ދާނެކަމަށެވެ.

Ad
rt

އެގޮތުން، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި އާންމު ގޮތެއްގައި ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމުގައި އެ މަޢުލޫމާތުގައިވެއެވެ.

ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު ރާއްޖޭގެ މޫސުމަށް ފޯރާނެކަމަށް ބެލެވޭ އަސަރުތައް އެ އޮފީހުން އަމަލުކުރާ އުސޫލުގެ ތެރެއިން، ނެރޭސަމާލު އަދި އިންޒާރުގެ މެސެޖް މެދުވެރިކޮށް އާންމުކުރަމުން ދާނެކަމުގައި އެ އިދާރާއިން މަޢުލޫމާތު ދެއްވައެވެ.

ބުރެވި ތޫފާނާއި ގުޅިގެން ކުދި އަދި ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

އެމްއެންޑީއެފްއިން ބުނީ، މި ތޫފާނުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށް އެދޭކަމަށެވެ.

މިގޮތުން ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި އަދި އުޅަނދުގައި ލައިފްޖެކެޓާއި މުޢާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕްފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި، ޚާއްޞަކޮށް މުދާ އުފުލާ އުޅަނދުފަހަރުތަކުން ވެސް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް ޢަމަލު ކުރުމާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށް ދަންނަވާކަމަށެވެ.

އަދި ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ސަމާލުކަން ދިނުމަށް ވެސް އެމްއެންޑީއެފްއިން ނެރުނު އިލްތިމާސް މެސެޖުގައި ބުނެފައިވެއެވެ.

ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެފަރާތުންވަނީ އެދިފައެވެ