ށ. އަތޮޅު ހޮސްޕިޓަލުގައި ކާމިޔާބު ކަމާއި އެކީ ތައިރޮއިޑްގެ އޮޕަރޭޝަންއެއް ކޮށްފިއެވެ.

އެ ހޮސްޕިޓަލުގެ ފޭސްބުކް ޕޭޖުގައި ޝާއިޢުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގެ ފަރާތުން މިއަދު ވަނީ ކާމިޔާބު ކަމާއި އެކު ތައިރޮއިޑްގެ އޮޕަރޭޝަންއެއްކޮށްފައިކަމަށެވެ.

Ad
rt

އެ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ 25 އަހަރުގެ އަންހެނަކު އެއްފަހަރަށްވުރެ ގިނަ ފަހަރު ބައިގެންދިޔުމުގެ ސަބަބުން އެ ހޮސްޕިޓަލުގައި ހަރަކާތްތެރިވާ އަންހެނުންގެ ޑޮކްޓަރު ވަނީ މިކަންއިތުރަށް ދިރާސާކޮށްފައިކަމަށެވެ. އަދި އިތުރު ތަހުލީލުތަކުން އެނގުނު ގޮތުގައި، މި ބަލި މީހާއަކީ 'ހައިޕަރ ތައިރޮއިޑިޒަމް' ގެ އަލާމާތްތަށް ހުންނަ ބަލިމީހެއް ކަމުން ވަނީ އެ ހޮސްޕިޓަކުގެ ސާރޖަންއަކާއި މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށެވެ.

ސާރޖަން ކުރި އިތުރު ތަހުލީލުތަކުން އެނގުނު ގޮތުގައި، ބަލިމީހާގެ ތައިރޮއިޑް ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށާއި، މި ކަމުގެ ސަބަބުން ނޭވާލާން އުނދަގޫ ވުން ފަދަ ކަންކަން ދިމާ ވުމުގެ ސަބަބުން ވަނީ ދޮޅު މަސް ދުވަސް ވަންދެން އެންޓި ހައިޕަރ ތައިރޮއިޑް ބޭސް ކެއުމަށް އަންގާފައެވެ. އަދި އޭގެ ފަހުންވެސް ތައޮރޮއިޑްގެ މައްސަލަ ހުރުމާއި އެކު، އެ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުން ވަނީ ތައިރޮއިޑެކްޓޮމީ ގެ ދަށުން މުޅި ތައިރޮއިޑް އެއްކޮށް ނަގާފައެވެ.

މި އޮޕަރޭޝަނަށްފަހު ށ. އަތޮޅު ހޮސްޕިޓަލުން ބުނެފައިވަނީ، މިއީ އަތޮޅު ތެރޭގައި ވަރަށް މަދުން ނޫނީ ނުކުރާ އޮޕަރޭޝަނެއްކަމަށެވެ. އަދި މި އޮޕަރޭޝަން ކާމިޔާބު ކަމާއިއެކު ކުރެވުން މިއީ، އެ ހޮސްޕިޓަލަށް ލިބުނު ވަރަށް ބޮޑު ފަޚުރެއްކަމުގައިވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ފަހަކަށް އައިސް، އުތުރުގެ ގިނަ ހޮސްޕިޓަލުން އަންނަނީ ފާހަގަ ކުރެވޭ ފަދަ ބޮޑެތި ކާމިޔާބު އޮޕަރޭޝަންތައް ކުރަމުންނެވެ. ށ. އަތޮޅު ހޮސްޕިޓަލުގެ އިތުރުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފަހަކަށް އައިސް ހޯދަމުން އަންނަ ކާމިޔާބީއާއި ކުރިއެރުން ފާހަގަކޮށްލެވެއެވެ.