2019 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 35 މިލިޔަން ރުފިޔާ ލިބުމަކީ ކުންފުނި ހިންގުމުގައި އިޚްލާޞްތެރިކަން އިސްކޮށް، އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ހެޔޮ ނިޔަތް ކުރިއަށް ނެރުމުގެ ނަތީޖާކަމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.
އޮޑިޓް ރިޕޯޓާއި ގުޅިގެން ފެނަކައިން ނެރުނު ބަޔާނުގައި ބުނީ 18 ޑިސެމްބަރ 2018 ވަނަ ދުވަހުން ފެށިގެން މިއަދާހަމައަށް، ރައްޔިތުންނަށް ޙައްޤު މިންވަރު ހޯދައިދީ، ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި އިތުބާރުހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
އެގޮތުން 49 އާ އިންޖީނުގޭގެ މަސައްކަތް މުޅިން އަލަށް ފަށައި، 20 އިންޖީނުގެ އެއްކޮށް ނިންމައި، ކަރަންޓުގެ 77 މެގަވަޓް އިންސްޓޯލްކޮށް، މުޅި ރާއްޖޭގެ ހުރިހާ އިންޖީނުގެއެއް ސިންކްރޮނައިޒް ކުރެވި، ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރެވި، ޙައްލެއް ނުލިބި ޒަމާންވެ ދިގުލައިގެން ގޮސްފައިވާ ނަރުދަމާ ނިޒާމުތަކަށް ޙައްލު ހޯދައިދީ، ރައްކާތެރި ފެނުގެ ޚިދުމަތް ކަށަވަރު ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްދިނުމާއެކު ސާފު ފައިދާގެ ގޮތުގައި 35 މިލިޔަން ރުފިޔާ ނެރެވުނުކަން 2019 ވަނަ އަހަރުގެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ކަށަވަރު ކުރެވިގެން ދިއުމަކީ ކުންފުނި ހިންގުމުގައި އިޚްލާޞްތެރިކަން އިސްކޮށް، އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ހެޔޮ ނިޔަތް ކުރިއަށް ނެރުމުގެ ނަތީޖާ ކަމަށް ފެނަކަ އިން ބުނެއެވެ.
އަދި ވައްކަމާއި ފަސާދައާއި ކޮރަޕްޝަނާއި އިސްރާފުގެ މުޑުދާރުކަމުން ކުންފުނި ސަލާމަތްކުރެވި، މިއަދުގެ މި ނަތީޖާ ދައްކުވައިދެނީ ކުންފުނީގައި ނަޒާޙާތްތެރިކަން އޮތް މިންވަރު ކަމަށާއި ކުންފުނީގެ ނަން ކިލަނބުކޮށް ކުންފުންޏާމެދު ނުރަނގަޅު ތަޞައްވުރެއް އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތަކަށް ލިބިގެން މިދިޔައީ ނުހަނު ފުރިހަމަ ޖަވާބެއް ކަމަށްވެސް ފެނަކަ އިން ބުނެއެވެ.
ފެނަކަ ހިންގުމަށް އައި އިންޤިލާބީ ބަދަލުގެ ހެޔޮނަތީޖާ:
ހުރި ގޮންޖެހުންތައް ގިރާކޮށް، ރައްޔިތުންނަށް ޙައްޤުވާ މިންވަރު ކަށަވަރަުކޮށްދިނުމާއިއެކު، 2019 ވަނަ އަހަރު ކުންފުނީގެ ތާރީޚްގައިވެސް އައްސަދަށް އަރަނި ކުންފުންޏަކަށްވެ، ސާފު ސާދާ އޮޑިޓް ރިޕޯޓެއް ޢާއްމުކުރެވުން. pic.twitter.com/751HrMSeDB
— Fenaka Corporation Ltd (@TeamFenaka) November 30, 2020
"ކާމިޔާބުގެ އުފާވެރި މިވަގުތުވެސް ކުންފުނިން ރައްޔިތުންނަށް ދޭނެ ޔަޤީންކަމަކީ، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު، ދެގޮތެއްނުވެ ދެމިތިބޭނެކަމާއި، ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރާ މަސައްކަތްތައް މަޑުޖެހުމެއް ފަސްޖެހުމެއްނެތި އަވަސްމިނުގައި ކުރިއަށް ގެންގޮސްދޭނެ ކަން"
ފެނަކަ އިން ބުނެއެވެ.
ފެނަކައިން ވަނީ މި މަސައްކަތްތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ދެއްވަމުން ގެންދަވާ އިރުޝާދާއި ލަފާފުޅު ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!