މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗެއާމަންގެ މަގާމުން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ އިސްތިއުފާ ދެއްވާފައިވާކަން އެމްޕީއެލްއިން ވަނީ މީޑިއާއަށް ކަށަވަރުކޮށްދެއްވާފަ އެވެ. ނަމަވެސް އޭނާ އިސްތިއުފާދެއްވި ސަބަބެއް ހާމަ ކުރަށްވާފައެއް ނުވެއެވެ.
ޒަކީ އިސްތިއުފާ ދެއްވީ އެމްޕީއެލުގައި 8 މިލިއަން ރުފިޔާގެ ބޮޑު ވައްކަމެއް ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވިތާ ދުވަސްކޮޅެއް ފަހުންނެވެ. އެކަމާއި ގުޅިގެން ޒަކީ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، ހިޔާނާތުގައި ޝާމިލްވި ފަރާތްތައް ސަސްޕެންޑް ކުރަން ބޯޑު މެމްބަރުންގެ އަގުލަބިއްޔަތު ނުލިބުނު ކަމަށާއި އެކަމާއި ހިތާމަފުޅުކުރައްވައި ކަމަށެވެ.
ނަމަވެސް ޒަކީ ގެ ޓުވީޓް ކުރެއްވިތާ އެއް ދުވަސް ފަހުން އެމްޕީއެލުން ބަޔާނެއް ނެރެފައި ވެއެވެ. އެބަޔާނުގައި ބުނެފައިވަނީ އެ ހިޔާނާތުގައި ތުހުމަތުކުރެވޭ މުވައްޒަފުން ވަޒީފާ އިން އެކަހެރިކޮށްފައިވާނެ ކަމާށެވެ. އަދި އެ މައްސަލަ މިހާރު އޭސީސީ އާއި ފުލުހުންގެ އިތުރުން އޮޑިޓަ ޖެނެރަލް އަށް ވެސް ހުށަހަޅާފައިވާ ކަމަށް، އެމްޕީއެލްގެ ބަޔާނުގައިވެ އެވެ.
އެމްޕީއެލްގެ ޗެއާމަން ކަމަށް، ޒަކީ އައްޔަންކުރީ ނިމިފިޔަ އަހަރުގެ ފެބްރުއަރީ 19، ގަ އެވެ. އެމްޕީއެލްގެ ޗެއާމަންގެ މަގާމުގައި ޒަކީ ހުންނެވީ ކޯލިޝަން ޕާޓްނަރ އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ.
އެމްޕީއެލްއަކީ މާލޭގެ ވިޔަފާރި ބަނދަރުގެ އިތުރުން ސ. ހިތަދޫ އަދި ހދ. ކުޅުދުއްފުށި ސަރަހައްދީ ބަނދަރުތައް ވެސް ހިންގާ ކުންފުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!