އަންހެނަކާއި އޭނާގެ ތިން ދަރިން ރަހީނުކޮށް، ޖިންސީ އަދި ޖިސްމާނީ ގޯނާކުރި މައްސަލައިގައި ތުހުމަތުވާ ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އުތުރުގެ ރަށެއްގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާކޮށް، އަންހެން މީހާ އާއި އޭނާގެ ދަރިފުޅަށް ޖިންސި ގޯނާ ކޮށްފައިވާ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

Ad
rt

އެ މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ ފިރިހެނެކެވެ. އެގޮތުން ރޭ 22:30 ގައި އުމުރުން 39 އަހަރުގެ މީހާ ހައްޔަރުކުރިއިރު 24 އަހަރުގެ މީހާ ހައްޔަރުކުރީ އިއްޔެ ހެނދުނު 9:51 ގައި ކަމަށް ފުލުހުން ބުނެ އެވެ.

އެފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށް ވުމާއެކު، ރައްޔިތުން އެފަދަ މައްސަލަތަކަށް ސަމާލުވެ ތިބުމަށާއި، އަދި ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލައެއްގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެކަން ފުލުހުންނަށް ނުވަތަ ޖެންޑާ އަށް ރިޕޯޓުކޮށްދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންނާއި ޖެންޑާ ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެކަން ހިނގާފައިވަނީ ކޮން ރަށެއްގައިކަން ރަސްމީ އެއްވެސް ފަރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ގެވެށި އަނިޔާއާއި ޖިންސީ ގޯނާއާއި ދެކޮޅަށް ރ. ދުވާފަރުގައި މިއަދު ހަވީރު 16:00ގައި މުޒާހަރާއެއް ކުރަން ވަނީ ނިންމާފައެވެ.

ދުވާފަރަށް ނިސްބަތްވާ ބައެއް ފޭސްބުކް ޕޭޖްތަކުގައި މިއަދު އެރަށުގައި ''ގެވެށި އަނިޔާއާއި ދެކޮޅަށް ކުރާ މުޒާހަރާ'' އެއް އޮންނާނެކަން ޢިއުލާންކޮށްފައިވާއިރު، އެކަން އަންގައި ދައުރު ކުރަމުންދާ ޕޯސްޓަރުގައި ބުނެފައި ވަނީ ''ރ. ދުވާފަރުގައި ހިނގާދިޔަ އަނިޔާވެރި ކަމާއި ދެކޮޅަށް ކުރާ މި މުޒާހަރާގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވާން އެދޭ'' ކަމަށެވެ. އަދި ޕޯސްޓަރު މީސް މީޑިއާގައި ދައުރު ކުރަމުން، ''އަހަރެމެން އިންސާފު ބޭނުން'' މިހެން ލިޔެފައިވެއެވެ.