ގެވެށި އަނިޔާއާއި ޖިންސީ ގޯނާއާއި ދެކޮޅަށް ރ. ދުވާފަރުގައި މިއަދު މުޒާހަރާއެއް ކުރަން ނިންމައިފިއެވެ.

ދުވާފަރަށް ނިސްބަތްވާ ބައެއް ފޭސްބުކް ޕޭޖްތަކުގައި މިހާރު ވަނީ މިއަދު އެރަށުގައި ''ގެވެށި އަނިޔާއާއި ދެކޮޅަށް ކުރާ މުޒާހަރާ'' އެއް އޮންނާނެކަން ޢިއުލާންކޮށްފައެވެ.

Ad
rt

މިގޮތުން އެކަން ޢިއުލާންކޮށްފައިވާ ޕޯސްޓަރުގައިވާގޮތުން ދުވާފަރުގައި މިއަދު މުޒާހަރާފެށޭނީ އެރަށުގެ ''ބޮޑު ނިކަގަސް'' ކައިރިންނެވެ. އަދި މި މުޒާހަރާ ފެށޭނީ މިއަދު ހަވީރު 16:00 ގައި ކަމަށް އެ ޕޯސްޓަރުގައި ބުނެފައި ވެއެވެ.

އެ ޕޯސްޓަރުގައި ބުނެފައި ވަނީ ''ރ. ދުވާފަރުގައި ހިނގާދިޔަ އަނިޔާވެރި ކަމާއި ދެކޮޅަށް ކުރާ މި މުޒާހަރާގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވާން އެދޭ'' ކަމަށެވެ. އަދި ޕޯސްޓަރު މީސް މީޑިއާގައި ދައުރު ކުރަމުން، ''އަހަރެމެން އިންސާފު ބޭނުން'' މިހެން ލިޔެފައިވެއެވެ.

ގެވެށި އަނިޔާއާއި ޖިންސީ ގޯނާއާއި ދެކޮޅަށް ރ. ދުވާފަރުގައި މިއަދު މުޒާހަރާއެއް ކުރަން ނިންމާފައިވާއިރު، ރުގްޔާ ކުރުމުގެ ނަމުގައި މެދު ރާއްޖެތެރޭގެ ރަށެއްގައި މަންމަ އާއި ތިން ދަރިންނަށް ތިން މަސްވަންދެން ރަހީނުކޮށް، އަނިޔާކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

އެއީ ކޮންރަށެއްކަން ރަސްމީ އެއްވެސް ފަރާތަކުން މިހާތަނަށް ހާމަ ނުކުރި ނަމަވެސް އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންނާއި ޖެންޑާ ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި އެފަދަ މައްސަލައެއް ރައްޔިތުންގެ މަޖިލިސްގެ ކަމާއިގުޅޭ ކޮމެޓީން ވެސް ވަނީ ބައްލަވަން ފައްޓަވާފައެވެ.